ޚަބަރު ދީން

ދަރިން ކުރިމަތީ ޖަދަލު ކުރުމުން ނަފުސާނީ ގޮތުން އަނިޔާ ލިބި، އަނިޔާވެރިވުމަށް މަގުފަހިވޭ: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލޭގެ މަގެއްގެ މަތީގައި މީހުން / ފޮޓޯ:ދެން އިމޭޖްސް

ދެމަފިރިން ދަރީންގެ ކުރިމަތީގައި ޒުވާބު ކުރުމާއި ޖަދަލު ކުރުމުގެ ސަބަބުން ދަރީންނަށް ނަފުސާނީ ގޮތުން އަނިޔާ ލިބި، އެކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވާ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by Hajj Corporation

ގެވެށި އަނިޔާގެ އަލިއަޅުވާލައި ހުތުބާގައި ބުނީ އަނިޔާވެރިވުމުގެ ހުރިހާ ވައްތަރެއް އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާއިރު، ގެވެށި އަނިޔާއަކީ އޭގެތެރޭގައި ހިމެނޭ އެއް ބާވަތް ކަމަށެވެ. މިކަމަކީ މުޖުތަމައުގައި އެކަމާ މެދު ކަންބޮޑުވެ، އެކަން ހުއްޓުވުމަށް އަޑު އުފުލަމުންދާ މައްސަލައެެއް ކަމަށެވެ. ގެވެށި އަނިޔާގެ ތެރޭގައި ފިރީން އަނބީންނަށް، އަނބީން ފިރީންނަށް، މައިންބަފައިން ދަރިންނަށް، ދަރީން މައިންބަފައިންނަށް އަދި އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާ ހިމެނޭ ކަމަށެވެ.

މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ ބިނާގެ އެއް ބަޔަށްވާއިރު، އެކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރިން، ކޮންމެ މުސްލިމަކު ވިސްނަން ޖެހޭނެ ކަމަށެވެ. އެކަނބަލުންގެ އަގުވައްޓައިލުމަށް ކުރެވޭ ކަންކަމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

ކީރިތި ރަސޫލާ ދުވަހަކުވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައެއް ނުވާ ކަމަށެވެ. އެކަލޭގެފާނުގެ އެންމެ ފަހު ވަސިއްޔަތްޕުޅުތަކުގެ ތެރޭގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތް ކުރައްވާފައިވާ ކަމަށެވެ. ހައްޖަތުލްވަދާއުގެ ހުތުބާގައި އިންސާނީ ހައްގުތަކާ ބެހޭ އިސްލާމީ އުސޫލުތައް އިއުލާނުކުރައްވަމުން ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅުގެ މާނައިގައިވެ އެވެ. "ފަހެ ތިޔަބައިމީހުން އަންހެނުންނާ މެދު ﷲ އަށް ތަގުވާވެރިވާށެވެ! ފަހެ ތިޔަބައިމީހުން އެކަނބަލުން ލިބިގެންފައި ވަނީ ﷲގެ އަމާނާތެއްގެ ގޮތުގަ އެވެ."

ހުކުރު ހުތުބާގައި ބުނި ގޮތުގައި ގެވެށި އަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕަ އާއި ދަރީންނާ، މަންމަ އާއި ދަރީންނާ، ފިރިމީހާ އާއި އަނބިމީހާ ނުވަތަ އަނބިމީހާ އާއި ފިރިމީހާ އާ ދެމެދު ބަދަލު ކުރެވޭ ހަރުކަށި މުއާމަލާތުތަކުގެ ސަބަބުން ކަމުގަ އެވެ. ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުއާމަލާތުކުރަނީ އަހުލާގު ރިވެތި، އިލްމުވެރި ބަޔަކަށް އެމީހުންގެ ދަރިން ހެދުމަށާއި ދަރިން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަންބަކު ގޭގައި ބޭންދުމަށް ކަމުގަ އެވެ. އެހެނަސް ފިރިހެނާ މިގޮތަށް އަމަލުކުރުމުގެ ނަތީޖާއަކީ އަނބިމީހާ އާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުން ކަމުގަ އެވެ. އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވެ، ހިތްހަމަޖެހުން އޮންނަން ޖެހޭ ގޭތެރެ ހިތްދަތިވުން ކަމުގަ އެވެ.

އަންހެނުންނަށް އަނިޔާ ކުރުމަކީ ފައިދާއެއް ނެތް، ގެއްލުންހުރި ހަޑިހުތުރު އަމަލެއް ކަމުގަ އެވެ. އޭނާގެ ހަލާލު އަނބިމީހާއަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ވިޔަސް އަނިޔާ ކުރުމަކީ ހުއްދަކުރާ ކަމެއް ނޫން ކަމުގަ އެވެ. މާތް ﷲ ފިރީންނަށް އަންގަވަނީ އެމީހުންގެ އަނބީންނާ އެކު ރިވެތި ގޮތުގައި މުއާމަލާތު ކުރުމަށް ކަމުގަ އެވެ.

ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ އޭނާގެ ފިރިހެންވަންތަ ކަމަށް ލިބޭ އުނިކަމެއް ނޫން ކަމުގަ އެވެ. ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމުގަ އެވެ. އޭނާގެ ރިވެތި އަހުލާގުގެ މަތީގައި ކަމުގަ އެވެ.

މިއަދު ހުތުބާގައި އިތުރަށް ބުނީ ފިރިން އަނބިންނަށް އޯގާތެރިވެ އަޅައިލުމަށް ވާޖިބު ކުރައްވާފައިވާ ފަދައިން، ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދުމެއް ނުވާ ކަންކަމުގައި އަނބީން ވެސް ފިރީންނަށް ކިޔަމަންތެރިވުން ވާޖިބުކުރައްވާފައިވާ ކަމަށެވެ. ފިރީންނަށް ކިޔަމަންތެރިވުމަކީ، އެ ކަނބަލުންގެ ދަރަޖަ މަތިވެރިވާނޭ ކަމެއް ކަމަށާއި އެކަމުން އާއިލީ ގުޅުން ބަދަހިވެ، ގެވެށި އަނިޔާއަށް އޮންނަ ފުރުސަތު ހަނިވާނެ ކަމަށެވެ.

"ދެމަފިރީން ދަރީން ކުރިމަތީ ޒުވާބު ކުރުމާއި ޖަދަލު ކުރުމުގެ ސަބަބުން ދަރީންނަށް ނަފުސާނީ ގޮތުން އަނިޔާ ލިބި، އެކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވެ އެވެ. ދަރީންގެ ބަސްމަގު ހުތުރުވެ، އެކުދީންގެ ކުރިމަތީގައި މައިންބަފައިންގެ އަގުވެއްޓި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބެއް ކަމުގައި އެކަން ވެގެންދެ އެވެ،"

އަހަރެމެން ހަނދާނުގައި ބަހައްޓަންވީ ދެމަފިރީން ވެސް މާތް ﷲ ކަނޑައަޅުއްވާފައިވާ ހުދޫދުގެ ތެރޭގައި ތިބެން ޖެހޭނެކަން ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ އަނބީން ފިރީންނަށް ކިޔަމަންތެރިވެ، އަމާނާތްތެރިވާން ޖެހޭ ފަދައިން ފިރީން ވެސް އަނބީންނަށް އޯގާތެރިވެ އެހީތެރިވާން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވުމަކީ، ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާ ކަނޑައަޅުއްވާފައިވާ ހުދޫދުގެ ތެރޭގައި ތިބެން ޖެހޭނެ ކަމަށެެވެ.

ގެވެށި އަނިޔާގެ ސަބަބުން އިޖުތިމާއީ ފޭރާން ހަލާކުވެ، މުޖުތަމައު ވިއްސިވިހާލިވާ ތަން ބަލަން ތިބެގެން ނުވާނެ ކަމަށެވެ. އެކަމުން މުޖުތަމައުގެ އެކުވެރިކަމާއި އެއްބާރުލުން ނެތިގެންދިޔުމާ މެދު ވިސްނައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެކަމުގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި އަރައިރުންތައް އުފެދި، ހަރުކަށި އަމަލުތައް އިތުރުވަމުންދާ ކަމަށެވެ. ގެވެށި އަނިޔާތައް އިތުރުވެ އޭގެ ދާއިރާތައް ފުޅާވެގެން ގޮސް މިއަދު އެކަންތައް ވަނީ އަތް ނުފޯރާފަށަށް އުފުލިފައިކަން ފާހަގަކޮށް ގެވެށި އަނިޔާގެ ހުރިހާ ބާވަތަކުން ދުރުހެލިވުމަށް ހުކުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

Ads by Ooredoo