ފޭސްބުކް ސްޓޭޓަސްތަކުން މަލްޝާ ފެށި ދަތުރު ސިޔާސީ މައިދާނަށް
އެންމެ ފުރަތަމަ ފެށީ ފޭސްބުކް ސްޓޭޓަސް މެދުވެރިކޮށް ހިޔާލު ފާޅު ކުރާށެވެ. ސިޔާސީ މަސްރަހަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އަދި ހާއްސަކޮށް އެ ދުވަސްވަރު ޕީޕީއެމްއަށް ކުރާ ތާއީދެއްގެ ސަބަބުން މަލްޝާގެ ކޮންމެ ސްޓޭޓަސްއެއްގައިވެސް އެމްޑީޕީއަށް ފާޑު ކިއެވެ. ދެން ފޭސްބުކް ފްރެންޑު ލިސްޓުގައި ތިބޭ އެކުވެރިން އެއަށް ކޮމެންޓު ކުރުމާއި ރައްދު ދިނުމުގައި މަލްޝާގެ ވަގުތުތައް ހުސްކުރި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލާއި، މަލްޝާ ޝަރީފު ގުޅުނުއިރު ގިނަ ބަޔަކަށް އޭނާ އިނގެ އެވެ. އޭގެ ކުރިން ދެފަހަރެއްގެ މަތިން ޕީޕީއެމްގެ ސިޔާސީ ޕޯޑިއަމްގައި ވާހަކަ ދެއްކި އެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން ފާޅުގައި އެކްޓިވިސްޓެއްގެ ދައުރު އަދާކުރަން ފެށީ ސިޓީ ކައުންސިލާއި ގުޅުމަށްފަހު އެވެ.
ފޭސްބުކްގައި ލިޔަމުން ދިޔަ ސްޓޭޓަސްތައް ފަހުން ބަދަލުވީ ޓުވިޓާއަށެވެ. ރާއްޖޭގެ ސިޔާސީ ހޮޅުއަށްޓަކީ ޓުވިޓާއަށް ވުމުން މަލްޝާއަށް ލިބުނު އެކްސްޕޯޝާވެސް ވަރަށް ބޮޑެވެ.
"އަޅުގަނޑަކީ ވަކި ފަރުދެއް ސޯޝަލް މީޑީއާގަ މިނިވަން ހިޔާލު ފާޅު ކުރަމުން ދިޔަ. ވަރަށް ކުޑައިރުއްސުރެއްވެސް. އަޅުގަނޑަށް ކަމުދާ ކަމެއް ސޯޝަލް މީޑިއާގަ ސިޔާސީ ހިޔާލު ފާޅު ކުރުމަކީ. މިހާރުވެސް ހަމަ އެއް ކަމެއް މި ކުރަނީ"
މަލްޝާ ސިޔާސީ ވާހަކަ ދައްކަން ފެށިއިރު 18 އަހަރުވެސް ނުވެ އެވެ. އެހެންކަމުން އޭނާއަށް ރާއްޖޭގެ ސިޔާސީ މައިދާނަށް ފައި ހެޔޮވަރު ކުރާކަށް މާ އުނދަގުލެއް ނުވި އެވެ. ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް އެނގެ އެވެ.
މަލްޝާއަކީ އެތައް ޒުވާނުންގެ ތެރެއިން ގުނައިލެވޭ ޒުވާނެކޭ ބުނެވިދާނެ އެވެ. ސަބަބަކީ މިހާރު 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރޭގައި ސިޔާސީ މީހުން މާ މަގުބޫލެއް ނޫނެވެ. ސިޔާސީ ވާހަކަތައް ދައްކަންވެސް ޒުވާނުންގެ ޝައުގުވެރިކަމެއް ނެތެވެ. މިދިޔަ އަހަރުތަކުގައި ކަންކަން ހިނގައި ދިޔަ ގޮތުން ޒުވާނުން ސިޔާސީ ދާއިރާ މަތިން މުޅިން ފޫހި ވެއްޖެ އެވެ. އަދި ގިނަ ބަޔަކު ދެކެނީ މިއީ ވަރަށް "ޑާޓީ" އިންޑަސްޓްރީއެއްގެ ގޮތުގަ އެވެ. ޖެންޒީ އަށް ޕޮލިޓިޝަނުންނަކީ ހަމައެކަނި "މީމް" އެކެވެ.
މަލްޝާގެ ވިސްނުން ތަފާތުވީ ކީއްވެތޯ އޮޅުންފިލުވީމެވެ. އޭނާ ބުނާ ގޮތުގައި ސިޔާސީ ދާއިރާއަކީ އެބުނާހާ "ޑާޓީ" ދާއިރާއެއް ނޫނެވެ. އޭގައި އޮންނަނީ އެމީހަކު ހިޔާރު ކުރާ ގޮތެކެވެ. ނުރަނގަޅު ހުށަހެޅުންތައް ލިބޭނެ އެވެ. އެކަމަކު އަބަދުވެސް ރަނގަޅު މަގުގައި ސާބިތުވެ ހުރުމަކީ އެމީހެއްގެ އަމިއްލަ ނިންމުމެއް ކަމަށް މަލްޝާ ދެކެ އެވެ. ކޮންމެ ވަޒީފާއެއްގައިވެސް ޗެލެންޖުތަކެއް ހުންނާނެ ފަދައިން ސިޔާސީ މަސައްކަތް ކުރާ މީހަކަށް އޮތް ޗެލެންޖަކީވެސް އެއީ އެވެ.
"ސިޔާސީ މަގާމުތަކުގަ ޒުވާނުން އުޅުނީމަ ވަރަށް އާ ހިޔާލާ އާ ވިސްނުންތައް ދެވޭނެ. ރަނގަޅު ބަދަލެއް ގެންނަން ބޭނުންވާނަމަ ރަނގަޅު ކަމެކޭ މީ ބުނާނީ ޒުވާނުންނަށްވެސް"
މަލްޝާއަކީ މިސަރުކާރާއެކު މަސައްކަތް ކުރާ ސިޔާސީ މީހުންގެ ތެރެއިން އެންމެ ބޮޑަށް ހޫނު ފެނަށް ވެއްޓިފައި ހުންނަ އެކަކެވެ. އަބަދުވެސް ކޮންމެވެސް ކަމަކާ ގުޅުވައި ފާޑުކިޔުން އަމާޒުވެ އެވެ. މީހާގެ އަބުރު ކަތިލެވި އާއިލާއާއި ގާތް ތިމާގެ މީހުންނާއި ގުޅުވައިވެސް ސޯޝަލް މީޑިއާގައި މީގެ ކުރިން ވާހަކަ ދެކެވިފައި އެބަހުއްޓެވެ.
މިހުރިހާ ކަންކަމެއް ކުރިމަތިވުމުން ސިޔާސީ ދާއިރާ ދޫކޮށް ވިސްނުން އެހެން ގޮތަކަށް ބަދަލުކުރަން ބޭނުން ނުވޭތޯ އެހުމުން ފުުން ނޭވައެއް ލާފައި މަލްޝާ ބުނީ ބައެއް ފަހަރު އެކަހަލަ ވިސްނުން އަންނަ ކަމަށެވެ. ހާއްސަކޮށް އާއިލާއާއި ގުޅުވައި ދޮގު ވާހަކައެއް ސޯޝަލް މީޑިއާގައި ދެކެވޭ ވަގުތުތަކުގައި ވަރަށް މާޔޫސްކޮށްލާ ކަމަށް މަލްޝާ ބުންޏެވެ. ހަމަ އެ ނޭވާގައި މަލްޝާ އެހެން ކަމެއްވެސް ފާހަގަކުރި އެވެ.
"ދެން ހިތަށް އަރަނީ އެކަމަކު އެއްޗެހި ކިޔާ މީހުން މާ އުފާވާނެއެއް ނޫންހޭ އަހަރެން މިހުރިހާ ކަމަކުން ދުރަށް ގޮސްފިނަމަ، ނޫންތަ؟"
މަލްޝާގެ ގަދަ ފަޔަކީ އޭނާގެ ފިރިމީހާ އާއި އާއިލާ އެވެ. ކިތަންމެ ހަޑި ވާހަކައެއް އޭނާއާއި ގުޅުވައި ސޯޝަލް މީޑިއާގައި ދެއްކިނަމަވެސް އާއިލާއިން މަލްޝާއަށް ފުރިހަމައަށް އިތުބާރު ކުރެ އެވެ. އެމީހުންގެ ފަރާތުން ހިތްވަރުވެސް ލިބެ އެވެ. އެއްވެސް ސުވާލެއް އުފެދިއްޖެނަމަ ސީދާ މަލްޝާ ކުރެއް އެހުމަށް އޭނާވެސް ބުނެ އެވެ.
މިހާތަނަށް އައިއިރު މަލްޝާގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކެނީ އޭނާގެ ކައިވެންޏެވެ. އަދި އޭނާގެ ލޮލުގެ ނޫރުފަދަ ދެ ކުދިންނެވެ. މި ކުޑަކުޑަ އާއިލާއަކީ ހުވަފެނެއް ހަގީގަތަކަށް ވުންކަމަށް މަލްޝާ ގަބޫލު ކުރެ އެވެ. އަލަތު ކައިވެނި ނުރޫޅި ހަތް އަހަރެއްހާ ދުވަސް ވެފައިވާއިރު މިއީ މިހާ ވަރި ގިނަ ޒަމާނެއްގައި ކާމިޔާބެއްކަމަށް އޭނާ ދެކެ އެވެ. އަނެއްކޮޅުން ސިޔާސީ ގޮތުން އަމިއްލައަށް ނަމެއް ގާއިމް ކުރެވުމަކީވެސް މަލްޝާ ދެކޭ ގޮތުގައި ކާމިޔާބީ އެކެވެ. ދިވެހި ސިޔާސީ މައިދާނުގައި އަންހެނުން މަދު އިރު ސިޔާސީ ގޮތުން އަންހެނަކަށް ލިބޭ ކޮންމެ ކުރިއެރުމަކީވެސް ކާމިޔާބެއްކަމަށް މަލްޝާ ދެކެ އެވެ.
ދެން މިއޮތީވެސް މަލްޝާގެ އާ ސިޔާސީ ސަފްހާއެކެވެ. އޭނާ މިހާރު އުޅެނީ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމަކަށް ވާދަކޮށްގެންނެވެ. މިއީ އިންތިހާބީ މަގާމަކަށް މަލްޝާ ކުރިމަތިލާ ފުރަތަމަ ފަހަރެވެ. ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސްކަމަށް މަލްޝާ ވާދަ ކުރާއިރު ސިޔާސީ ގޮތުން އާ ހަރުފަތަކަށް ދިޔުމަކީ މަލްޝާގެ މަގްސަދެވެ.
އެކަމަކު ޕީއެންސީގެ މެމްބަރުން މަލްޝާއަށް ވޯޓު ދޭންވީ ކީއްވެތޯ އޮޅުން ފިލުވަން ބޭނުންވި އެވެ. އޭނާގެ ޖަވާބު ވަރަށް ކުރެވެ. އެކަމަކު އެޖަވާބު ދެއްވީ ނުހަނު އަވަހަށް އެހާމެ ޔަގީން ކަމާއި އެކު އެވެ.
"އަޅުގަނޑަކީ ފެށުނީއްސުރެއް، އަބަދުވެސް ޕީޕީއެމް، ޕީއެންސީ ފިކުރުގަ މިހާ ހިސާބަށް އައިސްފަ ހުރި މީހެއް."
އެއާއެކު މަލްޝާ ވަރަށް މުހިންމު ކަމެއްވެސް ފާހަގަކުރި އެވެ. ހުޅުމާލޭގެ ދާއިރާތަކަކީ ދަފްތަރު ރައްޔިތުންވެސް ހިމެނޭ ދާއިރާތަކެކެވެ. ދަފްތަރަކީ ދިވެހިންނަށް ދިމާވެފައި އޮތް ބޮޑު އައިޑެންޓިޓީ ކްރައިސިސްއެއްކަން ފާހަގަކޮށް މަލްޝާ ބުނީ މިމައްސަލައިގައި ޕާޓީގެ އެތެރޭގައި އުފުލާނެ އަޑަކަށް އޭނާ ވާނެކަމަށެވެ.
ކޮންރަށެއްގެ ކާކު ކަމެއް ނޭނގުނު
ބޭކާރު ގޮލައެއް