ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ފޮޓޯ މައުރަޒެއް ބާއްވަނީ

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފޮޓޯ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓްރީން ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ ނޭޝަނަލް އާޓް ގެލެރީގައި ބާއްވާ މި ފޮޓޯ މައުރަޒަކީ 1988 ވަނަ އަހަރު ނޮވެންބަރު 03 ވަނަ ދުވަހުގެ ހާދިސާ ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް އާންމުންނަށް ދައްކުވައިދޭ ގޮތައް ފަރުމާކުރެވިގެން އަދި އެދުވަހު ކަންކަން ހިނގާދިޔަ ގޮޮތް ސިފަވާގޮތައް ކޮންސެޕްޓް އެކުލެވިގެން ބޭއްވޭ މައުރަޒެއް ކަމަށެވެ.
މި މައުޒަރު ކުރިއަށްދާނީ މި އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް ކަމަށްވެސް އިއުލާނުގައިވެ އެވެ.
އެހެންކަމުން މި މައުލޫމާތު ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އަދި ހާއްސަކޮށް ކިޔަވާކުދިންނަށް މި މައުލޫމާތުތަކަކީ ވަރަށް މުހިންމު މައުލޫމާތުތަކަކަށްވާނެތީ، ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ސްކޫލްތަކުގެ ކުދިންނަށާއި އާންމުންނަށް މި ފޮޓޯ މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާންގައި ބުންޏެވެ.
އިއުލާންގައި ބުނީ މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 12:00 އާ ހަމައަށް ކަމަށެވެ. އަދި މެންދުރުފަހު 14:00 އިން ފެށިގެން 18:00 އަށާއި ރޭގަނޑު 20:00 އިން ފެށިގެން 22:00 އަށް ކަމަށެވެ.
ނަސްރުގެ ދުވަހަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ހާދިސާ ހިނގި ދުވަހެވެ. އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާ ދިމާވި ދުވަހެވެ.
ދިވެހިރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެ، ވަތަނަށް އަރައިގަންނަން ބަޔަކު ކުރި ވިޔާނުދާ އަމަލު ހިންގި ދުވަހެވެ. ކުށެއްނެތް ދިވެހި ދަރީންތަކަކާއި، ހިތްވަރުގަދަ ސިފައިންތަކެއް ޝަހީދު ވެގެން ދިޔަ ދުވަހެވެ.