ފަރުމަހުގެ މަސްވެރިކަމުގެ ލޯނު ދަށުން 37 ފަރާތަކަށް
ފަރުމަހުގެ މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމުގެ ގޮތުން ދޫކުރާ ލޯނުގެ ދަށުން 62 ފަރާތެއްގެ ލޯނު ދިނުމަށް ނިންމާ، 37 ފަރާތެއްގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފަރުމަހުގެ ލޯނު ލިބުނު ފަރާތްތަކާއެކު މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ހުޅުވާލެވުނު ލޯނަކީ ކަނޑުރޯދިން ނަފާ ހޯދާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ ދެއްވައިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެ ލޯނަކީ އާންމު ފަރުދުންނަށް އަތްލެވޭ ވަރަށް ލުއިކޮށް ފަސޭހައިން ލިބޭނެ ލޯނެއް ކަމުން، ވީހާވެސް ގިނަ ފަރާތްތަކަށް މި ލޯނަށް އެދުމުގެ މަގުފަހިވެގެން ދާނެ ކަމަށެވެ.
އޭގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވިގެން ދާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އަދި މިކަމުން އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވާލެވިގެން ދާނެ ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ފަރުމަސްވެރިކަމާއި އެކަމުގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ލޯނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކަނޑުފަޅުނަފާ ފްރްގޮރާމްގެ ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލާފައިވަނީ ފެބްރުއަރީ މަހު 16 ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެ ލޯނަށް ކަނޑައަޅާފައިވާ އަދަދަކީ 20 މިލިއަން ރުފިޔާ އެވެ. ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައިދިނުމަށް އިތުރު 10 މިލިއަން ލޯނަށް އިތުރުކޮށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފަރުމަހުގެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި 30 އެޕްރީލް 2024 އަށް ހަމަވިއިރު 121 ފަރާތަކުން ލޯނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު 20 ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްޓް ދީފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ދީނީ ކަމެއްތޯ