މަކަރުވެރި ރޭވުމެއްގެ ތެރެއިން ބިލު ހުށަހެޅީ މީޑިއާގެ މިނިވަންކަން ކަފުން ކުރަން: އެމްޑީޕީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޮޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލިހަށް ވައްދާފައިވާ ބިލެއް ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތުހުމަތުކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން އުފައްދަން ރައްޔިތުންގެ މަޖިލިހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުންހުރިކަން އެޓާނީ ޖެނެރަލް ހާމަކުރައްވާފައި ވަނިކޮށް އެ ބިލު އަމިއްލަ މެމްބަރެއް ލައްވައި މަޖިލިހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ. މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލިހަށް ވައްދާފައިވާ ބިލެއް ކަމަށެވެ.
ކޮމިޝަން އެކުލެވޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ހަތަރު މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެމްބަރުންގެ މައްޗަށެވެ. ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދީފަ އެވެ.
"މިއީ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރުމަށް އޮތް މަގު ބަންދުވެ ސަރުކާރުގެ ނުފޫޒު މީޑިއާތަކުގެ މައްޗަށް ހައްދެއް ނެތި ހިންގުމަށް ފަހިކުރާ ފުރުސަތެއް ކަމަށް އެމްޑީޕީން ގަބޫލުކުރަމެވެ،"
އެމްޑީޕީން ބުނި ގޮތުގައި މީޑިއާތަކާއި ނޫސްވެރިންނަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވާ މާއްދާތަކަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަން ކަމަށް ހުރަސް އަޅައި ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމަށް ހިމަނާފައިވާ މާއްދާތަކެއް ކަމުގަ އެވެ.
"ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ މީޑިއާތަކުން ކަމަށްވާއިރު މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ގާނޫނަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ތާއީދުނުކުރާނެ ވާހަކަ ދަންނަވަމެވެ،"
މަޖިލިހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް މީޑިއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ އެންމެހާ ކަންކަން ހުއްޓާލުމަށް އެމްޑީޕީގެ ނޫސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
މަކަރުވެރިންނައް އަބަދުވެސްހީވާނީ ދެންތިބޭނީވެސް ހުސް މަކަރުވެރިންހެން.