ދުނިޔެ

ޔޫއޭއީ ވެރީންގެ ރަހުމްގެ ކަންފުޅެއް ވެސް ނެތް، ފަލަސްތީނުގެ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން މެރުމަކީ މައްސަލައަކަށް ނުވި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އިޒްރޭލާ ދެމެދު އަމާންކަމާއެކު ސުލްހަވެ ގުޅުން ގާއިމް ކޮށްފައިވާ ކަމަށާއި އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދިނަސް އެކަން ތަހައްމަލް ކުރާނެ ކަމަށް އަރަބި އިމާރާތުން ބުނެފިއެވެ.

Ads by Sosun Fihaara

އިޒްރޭލްގެ އެންމެ ބޮޑު ނޫސްކަމުގައިވާ "ޔެދިއޮތޮ ހަރަނޮތު"އަށް އެކުވެރި އަރަބި އިމާރާތުގެ ގައުމީ ދިފާޢާއި ޚާރިޖީ ގުޅުމާ ބެހޭ ކޮމިޓީގެ އިސްވެރިޔާ ޢަލީ އަލްނުޢައިމީ ބުނެފައިވަނީ އިޒްރޭލުން ޣާޒާއާ ދެކޮޅަށް ކުރާ ހަނގުރާމަތަކުން އެކުވެރި އަރަބި އިމާރާތާއި އިޒްރޭލާއި ބަދަހި ކުރި ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ.

އަލީ އަލްނުޢައިމީ މިހެން ބުނެފައިވާއިރު އެމެރިކާ އަޑީ އޮވެ އެކުވެރި އަރަބި އިމާރާތުން ވަނީ އެގައުމާއި އިޒްރޭލާއި ދެމެދު ގުޅުން ބަދަހިކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. ވައިޓްހައުސްގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިޒްރޭލާ އަރަބި އިމާރާތާއި ދެމެދު ވައިގެ ދަތުރުތައް ވެސް ވަނީ ފަށާފައެވެ. އަދި އެ ދަތުރުތަކަށް ބަހުރެއިންގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެގައުމުން ވަނީ ދީފައެވެ.

އެއަށްފަހު ބަހުރެއިނުން ވެސް ވަނީ އިޒްރޭލާ ގުޅުން ބަދަހި ކުރަން ނިންމާފައެވެ. ބަހްރެއިންގެ ރަސްގެފާނާއި އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާ އެއްކޮށް އެމެރިކާގެ ރައީސް ޓްރަމްޕް ފޯނުން ކުރި މަޝްވަރާއަށްފަހު ބަހްރެއިންގެ އެ ނިންމުން އިއުލާން ކުރެއްވީ ވެސް ޓްރަމްޕެވެ.

އިޒްރޭލާއި ބަހްރެއިންއާ ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގައި މާދަމާ ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މި ރަސްމިއްޔާތު ވެސް އޮންނާނީ ވައިޓް ހައުސްގައެވެ.

އިޒްރޭލުން ފަލަސްތީނުގެ މުސްލިމު އުޚްތުން އެމީހުންގެ ފިރިންގެ ކުރިމަތީގައި ރޭޕްކޮށް މަރާ ، މައުސޫމް ކުޑަކުދިން ގަތުލުކޮށް ހިންގާ ހަނގުރާމަތައް "ތަހައްމަލް" ކުރާނެ ކަމަށް އަރަބި އިމާރާތުން ބުނުމަކީ ލަދުވެތި ކަމެއް ކަމުގައި މެދުއިރުމަތީގެ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ. 2008 އިން 2014 އަށް ވެސް އިޒްރޭލުން ވަނީ ޣާޒާއާ ދެކޮޅަށް ބޮޑު ތިން ހަނގުރާމައެއް ކޮށްފައެވެ. އެ ހަނގުރާމަތަކުގައި އެތައް ހާސް އާންމުންނެއް ޝަހީދުކޮށްލާފައިވާއިރު އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ.

އެމެރިކާ އަޑީގައި އޮވެ އެކި ދައުލަތްތަކާއި އިޒްރޭލުން ކުރިއަށް ގެންދާ މަޝްވަރާތަކަށް ފަހު އިޒްރޭލާ ގުޅުން ބަދަހި ކުރާ ގައުމުތައް ދަނީ އިތުރުވަމުންނެވެ. އެންމެފަހުން އިސްލާމީ ދައުލަތްތައް ވެސް އެ ލިސްޓަށް ދަނީ އިތުރުވަމުންނެވެ. މިކަމާއި ދެކޮޅަށް ބަހެއް ބުނެލި ހަމައެކަނި ލީޑަރުންނަކީ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާނާއި އިރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ ހުމައިނީއެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތުން އިޒްރޭލާ ގުޅުން ބަދަހި ކުރަން ނިންމި ނިންމުމަކީ އިސްލާމީ އުއްމަތަށްވީ "ބޭވަފާތެރިކަމެއް" ކަމަށް އާޔަތުﷲ ހުމައިނީ ވަނީ ސިފަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!