ޚަބަރު

އިސްވެ ގޮވުމާއި ވާހަކަ ދެއްކުން ހުއްޓާލައިފިން، ދެން ވާހަކަ ދެއްކޭނީ ވާހަކަ ދެއްކިއްޔާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިސްވެ ސަލާމް ގޮވުމާއި ވާހަކަ ދެއްކުމަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ވަަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. އެކަކު އަނެކަކަށް ސަލާމް ގޮވާލުމަކީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި ރިވެތި އާދައެެކެވެ. ގަދަ ވެގެންވާ ސުންނަތެކެވެ.

Ads by STELCO

ކޮންމެއަކަސް އަހަރެމެން ކޮންމެ މީހެއްގެ ވެސް ގިނަ ރަހުމަތްތެރިންތަކެއް ތިބެއެވެ. ފޭސްބުކްގެ ރައްޓެހިން ދެހާހުން މަތީގައެވެ. ވަޓްސް އެޕްގައި ރައްޓެހިން ސަތޭކައިން މަތީގައެވެ. ވައިބާގައި އެތައް ސަތޭކަ ރައްޓެހިންނެވެ. އިންސްޓަގްރާމްގައި ވެސް ހަމަ އެތައް ރައްޓެހިންނާއި ފޮލޯވަރުންނެވެ.

ސުކޫލު ދައުރުގައިވެސް ގިނަ ރައްޓެހިން ތަކެއް ގެންގުޅުނީމުއެވެ. އެތައް ވާހަކަ ތަކެއް ހިއްސާކޮށް ގިނަ ސަކަރާތްތަކެއް އެކުގައި ޖަހާފައި ވެސް ހުންނާނެއެވެ. އެތައް ވަގުތެއް އެކުގައި ހޭދަކޮށް އެ ހަނދާންތައް އަބަދުމެ ހިތުގައި ބިންވަޅު ނެގިފައި ހުންނާނެއެވެ. ނަމަވެސް މިއަދު އެ ރައްޓެހިންނެއް ނުފެނެއެވެ. ފެނުނަސް ފެންނަ ކަމަށް ވެސް ނުހަދަނީއެވެ. ހިނގާފައި ދަނިކޮށް އެއިން ރައްޓެއްސެއްގެ ގައިގައި އަޅައިގަންފައި ވެއްޓުނު ނަމަވެސް ހަމަ އަޅާވެސް ނުލަނީ އެވެ. މިއީ ދުނިޔަވީ ހަގީގަތެވެ.

އެތައް ފަހަރަކު ކުރީގެ ރައްޓެހިން މަގުމަތިން ފެނުމުން ގޮވާލާފައި ހުންނާނެއެވެ. މިބުނާ ދެ ހާހަށްވުރެ ގިނަ ރައްޓެހިން އުޅޭ ފޭސްބުކުން ގޮވާލާފައި ހުންނާނެއެވެ. މެސެޖުކޮށް ވާހަކަ ދައްކަން މަސައްކަތް ކޮށްފައި ހުންނާނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެމީހުންނަށް ހަމަ ކަހާތަން ހިރުވާލައޭ ވެސް ހީނުވަނީއެވެ. ކުރިން އެކުގައި ޖެހި ސަކަރާތްތަކާއި ހޭދަކުރި ވަގުތުތައް ހަނދާން ނުވަނީ ކަންނޭނގެއެވެ. ސުކޫލުގައި އުޅުނު އިރު އެކުގައި ކުރިހާ ކަންތައްތަކުގެ ހަނދާނުގެ ކުނޑިފުކެއް ވެސް ނެތީ ކަންނޭނގެއެވެ.

މިއީ ހަމައެކަނި މިފަދަ ރައްޓެހިންނަށް ވާގޮތެއް ނޫނެވެ. އަަހަރެމެންގެ ރާއްޖޭގައި ވަރަށް ގިނަ ފަހަރަށް އާއިލާ ތެރޭގައި މައްސަލަތައް އުފެދެއެވެ. އެކި ކަަހަލަ ކަންކަމާ ހުރެއެވެ.  ބައެއް ފަހަރަށް ކޫސަނި ކަންކަމާއެވެ. އެގޮތަށް ގުޅުން ކަނޑާލުމަކީ އިސްލާމްދީނުގައި ކިތަންމެ ނުބައި އަމަލެއް ނަމަވެސް ފަރުވާލެއް ނެތީއެވެ. އެފަދަ ކިތަންމެ ބަޔަކާ ވެސް ދިރިއުޅުމުގައި ދިމާވެއްޖެއެވެ. އަމިއްލައަށް ވާހަކަ ދައްކަން ބޭނުންވެގެން ރުޅިހަދާލާފައި ނުހުންނަން ވެގެން އެތައް ފަހަރަށް ގުޅާފައި ވެސް ހުންނާނެއެވެ. ނަންބަރު ބްލޮކް ކޮށްލުމުން އެހެން މީހުންގެ ނަންބަރުންވެސް ގުޅާފައި ހުންނާނެއެވެ. ނަމަވެސް ގުޅަނީ އަހަރެންކަން އެނގުމާއެކު ފޯނު ކަނޑާލައެވެ.

ބައެއް ފަހަރަށް ހިތަށް އަރައެވެ. އަހަރެންގެ ކުށަކީ ޒަމާންވީ ރަހުމަތްތެރިކަމެއް ބާއްވަން އުޅުން ބާވައެވެ. ވީރާނާވެ ވަޅުޖެހެމުންދާ ގުޅުމެއް ސަލާމަތް ކުރަން އުޅުން ބާވައެވެ. ނުވަތަ ކެނޑެމުންދާ އާއިލީ ގުޅުމެއް އަލުން ބަދަހިކޮށް އަލުން ހިނިތުންވެ ވާހަކަ ދައްކަން އުޅުން ބާވައެވެ.

އަހަރެން ވެސް އެއްބަހެވެ. އިސްލާމްދީނުގައި އިސްވެ ސަލާމް ގޮވުމާއި ވާހަކަ ދެއްކުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަަމަވެސް ސަލާމް ގޮވުމަކީ ސުންނަތެއް ކަމުގައި ލައްވަވާފައިވާއިރު މީހަކު ސަލާމް ގޮވުމުން ސަލާމް ބަލައިގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ. އެއް މުސްލިމް އަނެއް މުސްލިމަކަށް އަދާކުރާން ޖެހޭ ޙައްގެކެވެ.

އަހަރެންނަށް އިސްވެ ވާހަކަ ދައްކަން މަސައްކަތް ކުރެވިއްޖެއެވެ. އެތައް ފަހަރަކު މެސެޖު ވެސް ކުރެވިއްޖެއެވެ. އެތައް ފަހަރަކު ގުޅަން ވެސް ގުޅިއްޖެއެވެ. ނަމަވެސް އަހަރެންނަށް ހީވަނީ އަހަރެންނަށް ފެން މިފުރެނީ ފޫނެތް ފަޔަކަށް ހެންނެވެ. މިއަދު އަހަންނަށް ތިބާއަށް ކޮށްދެވޭނެ ކަމެއް ނެތުމުން އަހަރެން ބޭކާރު ކޮށްލީތާއެވެ. ވާނީވެސް އެހެންނެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނަކަމީ ގިނަ ފަހަރުގެ އާދައެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ އިސްވެ ގޮވުމުން ރަހުމަތްތެރިޔާއަށް ވަނީ އުނދަގޫކަން އެނގިއްޖެއެވެ. ތިބާގެ ނަފްރަތު ވަނީ އިންތިހާއަށް އިތުރުކަން އެނގިއްޖެއެވެ. އެހެންކަމުން މިއަދު އަހަރެންވެސް އިސްވެ ގޮވުމާއި ވާހަކަ ދެއްކުން މި ހުއްޓާލީއެވެ. ދެނެއް އަހަރެން ފޫނެއް ފަޔަކަށް ފެން ފުރާކަށެއް ނެތީމެވެ. އެހެނަސް ވެހޭތާ ފެން ނަގާނަމެވެ. އެކުވެރިޔާ ބޭނުން ވެއްޖެ ހާލަތެއްގައި އަހަރެން އަބަދުވެސް ތިބާއަށް ޓަކައި ހުންނާނަމެެވެ. އާނއެކެވެ. ދެން ވާހަކަ ދެއްކޭނީ ވާހަކަ ދެއްކިއްޔާއެވެ.

Ads by HDC
  1. ތީ ހަމަ ތެދު