މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގައި އުރީދޫން ޕާޓްނާވެއްޖެ
އާ އަހަރު ފާހަގަކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދާ 'މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް' ގައި އުރީދޫ މޯލްޑިވްސްއިން ޕާޓްނާވެއްޖެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ފެސްޓިވަލަކީ ދިވެހިންނާއި ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ފެސްޓިވަލެއް ކަމަށެވެ. ފެސްޓިވަލުގައި ޝައުގުވެރި ހުށަހެޅުންތަކާއި އިންޓަރެކްޓިވް ހަރަކާތްތަކާ ކުރިއަށްދާއިރު، ދިވެހި ކެއުންތައް ލިބޭ ސްޓޯލްތައް ވެސް ހުންނާނެ ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ފެސްޓިވަލް ކުރިއަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ފެސްޓިވަލް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 ގަ އެވެ. މިރޭ ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ސަގާފީ ހަރަކާތްތަކާއި ބޮޑުބެރުގެ ހުށަހެޅުންތަކާ އަދި ފަތުރުވެރިއެއްގެ ދަތުރު ދައްކުވައިދޭ 15 މިނެޓުގެ ޑްރޯން ޝޯއެއް ހިމެނެ އެވެ. އޭގެ އިތުރުން އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހަވާ އަރުވަން ވެސް ވަނީ ހަމަޖެހިފަ އެވެ.
ފުޑް ފެސްޓިވަލް ކުރިއަށްދާނީ މިރޭ 8:00 އިން ފެށިގެން 12:00 އަށެވެ. އަދި މާދަމާ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.
އުރީދޫން ބުނީ މި ފެސްޓިވަލުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ ލަކީޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތްތަކަށް 10 މައިފައި ޑިވައިސް އާއި 1 އެއާފައިބާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެެވެ.
އެމްއެމްޕީއާރުސީން މި ފެސްޓިވަލް ބާއްވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މައި ހުޅުމާލެ، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސާވިސް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ދިރާގު، މަންތާ އެއާ، މޯލްޑިވިއަން, އޭސް ޓްރެވަލްސްގެ އިތުރުން ގަލްފް އެއާ އާ ގުޅިގެންނެވެ.
ކޮންމެ އަހަރަކު ވެސް އާ އަހަރު ފާހަގަކުރަން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ގުޅިިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާއިރު، ރިސޯޓުތަކާ އަދި ރަށްރަށުގައި ވެސް އެކި ކަހަލަ ޝޯތަކާއި ހަވާއެރުވުމާއި ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތައް ބާއްވަ އެވެ.