ހައްޖު ކޯޕަރޭޝަން ތުއްތު އުމްރާވެރިންނާ އެކު
ރާއްޖެއިން އެއްވަގުތަކާ އެންމެ ގިނަ އުމްރާވެރިން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގައި ތިބި މި ދުވަސްވަރު ހައްޖު ކޯޕަރޭޝަނުން އަންނަނީ 800 އަށް ވުރެ ގިނަ އުމްރާވެރިންނަށް ހިދުމަތް ދެމުންނެވެ.
ޑިސެންބަރު އުމްރާ 2024 ގައި ރެކޯޑު އަދަދެއް ކަމަށްވާ 822 އުމްރާވެރިން ކޯޕަރޭޝަނުން ގެންގޮސްފައިވާކަން ފާހަގަކުރެވެ އެވެ. އަދި އެއީ ރާއްޖެއިން ދިޔަ އުމްރާވެރިންގެ ތެރެއިން އެއް ކުންފުނީގެ ހަވާލުގައި އެންމެ ގިނަ އުމްރާވެރިން ބައިވެރިވި އަދަދު ކަމުގައި ފާހަގަކުރެވެ އެވެ.
ހައްޖު ކޯޕަރޭޝަނާ އެކު މި ފަހަރުގެ ދަތުރުގައި ދިވެހި އެތައް އާއިލާތަކަކާއި އެ އާއިލާތަކުގެ ތުއްތު ކުދިން ބައިވެރިވާކަމީ ދިވެހި އާއިލާތަކުން ކޯޕަރޭޝަނަށް އިތުބާރުކޮށް، މަސައްކަތްތައް ބަލައިގަންނަކަމުގެ އަލިގަދަ ހެއްކެއްކަން ކަށަވަރެވެ.
ހައްޖު ކޯޕަރޭޝަންގެ އެހެނިހެން އުމްރާ ދަތުރުތަކެކޭ އެއްފަދައިން މި ދަތުރުގައި ވެސް ދަތުރުގައި ބައިވެރިވާ ކުދިންނަށް ހާއްސަ ކޮށްގެން ދީނީ މައުލޫމާތުތަކާ އެކު ކުޑަކުދިންގެ ހަވީރެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ކުޑަކުދިންގެ ދީނީ ހަވީރު ބާއްވާފައިވަނީ ކޯޕަރޭޝަނުން ސައުދީ އަރަބިއްޔާގެ މައްކާގައި ހިފާފައި ހުންނަ އަލްބަލަދުއް ތޮއްޔިބް، އަޖްޔާދު ހޮޓަލުގަ އެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޑިސެންބަރު އުމްރާ ދަތުރުތަކުގައި ބައިވެރިވި ހުރިހާ އުމްރާވެރިން މައްކާ އާއި މަދީނާ އާ ދެމެދު ދަތުރު ކޮށްފައިވަނީ އެހެނިހެން އުމްރާ ދަތުރުތަކެކޭ އެއްފަދައިން ހައި ސްޕީޑް ރޭލުގަ އެވެ. މި ދަތުރުގައި ބައިވެރިވި އަންހެން ފިރިހެން ހުރިހާ އުމްރާވެރިންނަށް ރައުޟާއަށް ވަދެވިފައިވާކަން ކޯޕަރޭޝަނުން ފާހަގަކުރަމެވެ.
އަދި ދިވެހި ރަހަތަކާ އެކު ގަޑިން ގަޑިއަށް ފޯރުކޮށްދެވޭ ފުރިހަމަ ކެއުންބުއިމުގެ ހިދުމަތުގެ ވާހަކައަކީ ހައްޖު ކޯޕަރޭޝަނުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުން އަބަދުވެސް ފާހަގަކުރާ ކަމެއް ކަމަށާއި ކުންފުންޏަށް ކަންކަން ރަނގަޅު ގޮތުގައި ދަމަހައްޓައި އިތުރަށް ފުރިހަމަ ކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއް ކަމުގައި ނޫނީ ނުވެ އެވެ.
ކޯޕަރޭޝަނުގެ ކޮންމެ އުމްރާ ޕެކޭޖެކޭ އެއްގޮތަށް ޑިސެންބަރު އުމްރާގައި ބައިވެރިވި ކޮންމެ އުމްރާވެރިއަކަށް 3 އުމްރާ ކުރުމުގެ ފުރުސަތު ހޯދައިދެވިފައިވެ އެވެ. އޭގެ އިތުރުން އިތުރު ހިދުމަތެއްގެ ގޮތުގައި ތާއިފްއަށް ޒިޔާރަތް ކުރުމުގެ ދަތުރާއި ޖިއްދާ ވިޔަފާރި ދަތުރަކީ، ޑިސެންބަރު އުމްރާގައި ވެސް ފޯރުކޮށްދެވިފައިވާ ހިދުމަތްތަކެއްކަން ފާހަގަކުރެވެ އެވެ.
ކުންފުނީގެ މެނޭޖްމަންޓާއި ކޮންމެ މުވައްޒަފެއްގެ އަޒުމަކީ، މީސްމީޑިޔާގެ އެކި މަންސަތަކުގައި މިހާރު އިއުލާނު ކުރެވިފައިވާ ރަމަޟާން މަހުގެ އުމްރާ ޕެކޭޖުތަކާއި މި އަހަރުގެ އުމްރާ ކަލަންޑަރުގައި ހިމެނޭ ދަތުރުތަކުގައި ކުންފުނީގެ ފާއިތުވި މާޒީގެ ތަޖުރިބާގެ އިތުރުން، ހިދުމަތް ލިބިގަނެފައިވާ ފަރާތްތަކުގެ ބިނާކުރަނިވި ހިޔާލާއި ފާޑުކިޔުންތަކުގެ އަލީގައި މިހާރަށް ވުރެ ރަނގަޅު ހިދުމަތްތަކެއް ހިދުމަތް ހޯދާ އެންމެހާ ފަރާތްތަކަށް ފޯރުކޮށްދެވޭނެކަން ކަށަވަރު ކުރުމެވެ.
ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ރައްޔިތުންނަށް ގާތުންދޭ ހިދުމަތްތަކަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ބާރުއަޅުއްވަ އެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އެމަނިކުފާނު އިރުޝާދު ދެއްވާކަން އަބަދުވެސް ފާހަގަކުރެވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ހުރިހާ އުމްރާ ޕެކޭޖްތަކުގެ މައުލޫމާތާއި ރަޖިސްޓަރީވާނެ ގޮތުގެ ފުރިހަމަ ތަފުސީލުތައް ކުންފުނީގެ މީސްމީޑިއާގެ ހުރިހާ މަންސަތަކުން ފެންނާނެ އެވެ.