އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ ދީފައިވާ ކުންފުންޏަކުން އުމްރާއަށް މީހުން ނުގެންގޮސް، އޮޅުވާލައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ގަތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އުމްރާގެ އަޅުކަމަށް ފުރާ މީހުންނަށް ޑޮލަރު ދޫކުރަނީ ފުރުމާ ގުޅުންހުރި ޓިކެޓާއި ޑޮކިއުމަންޓްސް ހުށަހެޅުމުންނެވެ. އިސްލާމިކް މިނިސްޓްރީން ތުހުމަތުކުރާ ގޮތުގައި ކުންފުނިން ޑޮލަރު ގަނެފައި ވަނީ ފޭކު ޑޮކިއުމަންޓް ހުށަހަޅައިގެނެވެ.
އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ގެންދަނީ ބަލަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ހަދާފައިވާ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އުމްރާއަށް މީހުން ގެންދަން ރަސްމީ ހުއްދަ ދީފައިވާ ކުންފުންޏަކުން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭއިން ޑޮލަރު ނަގާފައިވާ ކަމަށެވެ.
އެކަން އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތުވެއްޖެނަމަ އެ ކުންފުނި 30،000 ރުފިޔާއިން ޖޫރިމަނާކޮށް، ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީކުރަން ޕޮލިހަށް ފޮނުވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެއީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުން ކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅި ކަމަށް ތުހުމަތު ކުރެވޭތީ އެވެ،" ޝަހީމް ވިދާޅުވި އެވެ.
ނަމަވެސް އެކަން ކުރީ ކޮން ކުންފުންޏަކުން ކަން ހާމަކުރައްވާފައެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ ނަންތަކެއް ޝަހީމް ވިދާޅެއް ނުވެ އެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރަން ގެޒެޓްކޮށްފައިވާ އުސޫލަށް އަމަލު ނުކުރާ ހުރިހާ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޝަހީމުގެ މެސެޖުގައި ވަނީ ދެއްވާފަ އެވެ.
އުމްރާގެ އުސޫލާ ހިލާފުވި ކުންފުނިތަކަކަށް ފިޔަވަޅު އެޅީ، އަލް ހިޖުރަ ޓްރެވެލް އެންޑް ޓުއާސް ލިމިޓެޑުގެ ހަވާލުގައި އުމުރާއަށް ދާންވެގެން މީހުން ދެއްކި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެގެންނެވެ. އެ ކުންފުނީގެ ހުއްދަ ހިފަހައްޓައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. ހިޖުރަ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުމާ އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެކުންފުނިން ހޯދުން ހިމެނެ އެވެ.