Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށެއް ދޫކުރަނީ

ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށެއް ދޫކުރަނީ
ލޯކަލް ކައުންސިލުތަކަށް ފަޅު ރަށް ލިބޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ ސިޔާސަތުގެ ދަށުން، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށެއް ދިނުމަށް ނިންމައިފި އެވެ. ރަށު ފެންވަރުގައި ރައްޔިތުން ކުރާ މަސައްކަތްތަކާއި ރައްޔިތުންގެ މަންފާއަށް ބޭނުން ކުރެވޭ ގޮތަށް ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އެގޮތަށް ނިންމާފައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާ އަދި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްތައް ދޫކުރުމާ ބެހޭ ގަވާއިދަށް، އޭރުގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ގެނައި އިސްލާހެއްގަ އެވެ. ގަވާއިދުގެ ދަށުން ކައުންސިލުތަކުގެ އިހުތިސޯސްގައި ނުހިމެނޭ ފަޅު ރަށްތަކަށް ވެސް އެދެވެ އެވެ. އާމްދަނީ ހޯދަން ރަށްތަކުގައި ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށް ކައިރި ރަށްތައް ދިނުމަށް ކައުންސިލުތަކުން ސަރުކާރުގައި އަބަދުވެސް އެދެ އެވެ. ރައީސްގެ ނިންމެވުމާ އެކު އެކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރި ކުރުމަށް އިންގިލާބީ ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލުތަކަށް ފަޅު ރަށް ލިބޭ ގޮތަށް ރައީސް އިއުލާނު ކުރެއްވި ސިޔާސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ކައުންސިލުތަކަށް ފަޅު ރަށްތައް ހަވާލުކުރެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ފަޅު ރަށް ހަވާލުކުރަން ނިންމި ކައުންސިލުތަކަކީ:

  • ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ
  • ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި
  • ލ. މާވަށް ކައުންސިލަށް އެ އަތޮޅު ބޮޑުމާބުޅައި
ކައުންސިލުތަކަށް ފަޅު ރަށްތައް ހަވާލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. މީގެކުރިން ލޯކަލް ގަވަމެންޓް މިނިސްޓަރު ވިދާޅުވެފައި ވަނީ 25 އަހަރުގެ މުއްދަތަށް ފަޅު ރަށެއް ލިބުމަކީ ކައުންސިލުތައް ބާރުވެރި ކުރުމުގެ އިތުރުން ރަށްރަށަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށެވެ. އަދި އެކަމުން ސިނާއީ މަސައްކަތްތައް ކުރުމަށް އިތުރަށް ފަހިވެގެން ދާނެކަން ވެސް ފާހަގަކުރައްވާފައިވެ އެވެ. ގަވާއިދުގައިވާ ގޮތުން ކައުންސިލުތަކަށް އެދެވެނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށެއް ހޯދުމަށެވެ. އަދި އެ އަތޮޅުގައި ރަށެއް ނެތް ނަމަ، އެހެން އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ އާއެކު އެ އަތޮޅެއްގެ ފަޅު ރަށެއް ހޯދޭނެ އެވެ. އޭގެ އިތުރުން ކައުންސިލުތަކުން ފަޅު ރަށް ދޫކުރުމާ ގުޅޭގޮތުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލުން ހުއްދަ ހޯދަން ޖެހެ އެވެ. އެއް ކައުންސިލަށް ވުރެ ގިނަ ކައުންސިލް ގުޅިގެން ފަޅު ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅޭއިރު، އެ ރަށެއްގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް