ކުޅިވަރު

ގައިދުރުކަން ބަހައްޓައިގެން ކުޅުނު މެޗެއްގައި ޖަރުމަނުގެ ޓީމެއް 37 ލަނޑުން ބަލިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި، ކުޅުންތެރިންގެ މެދުގައި ގައިދުރުކަން ބަހައްޓައިގެން ކުޅުނު މެޗެއްގައި ޖަރުމަނުގެ ޓީމެއް 37-0 ލަނޑުން ބަލި ވެއްޖެއެވެ.

Ads by MWSC

މި މެޗުން ބަލިވި ޓީމު އެސްޖޭ ރިޑޯފް އިން އެ މެޗުގައި ކުޅުނީ އެންމެ 7 ކުޅުންތެރިން އަރުވައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މެޗެއް ކުޅުމަށް ޓަކައި ކޮންމެހެން ކުޅުންތެރިން ބޭނުންވާ އަދަދެވެ.

މިޓީމާ ދެކޮޅަށް ކުޅުނު ޓީމު އެސްވީ ހޯލްޑެންސްޓެޑް އަކީ މީގެކުރިން ކޮވިޑް-19 ޖެހިފައިވާ ކުޅުންތެރިއަކު ހުރި ޓީމަކާ ދެކޮޅަށް ކުޅުނު ޓީމެއް ކަމުގައި ވެސް މީޑިއާ ރިޕޯޓް ތައް ބުނެއެވެ. ނަމަވެސް ހޯލްޑެންސްޓެޑްގެ އެއްވެސް ކުޅުންތެރިއަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ. އަދި އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން އަލާމާތެއް ވެސް ފެނިފައެއް ނުވެއެވެ.

ޖަރުމަނުގެ ފުޓުބޯޅައިގެ ގަވައިދު ބުނާގޮތުން މެޗު ދޫކޮށްލައިފި ނަމަ ޖޫރިމަނާގެ ގޮތުގައި 182.64 ޔޫރޯ ދައްކަން ޖެހެއެވެ.

އެހެންކަމުން މި މެޗުގައި ގިނަ ގޯލްތަކެއް ހޯލްޑެންސްޓެޑްއިން ވަނީ އެސްޖޭ ރިފޯޑްގެ ގޯލަށް ޖަހާފައެވެ. އެގޮތުން ކޮންމެ ދެމިނެޓު ބައިން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ.

މިމެޗަށްފަހު ވާހަކަދައްކަމުން ބަލިވި ޓީމުގެ ނައިބު ރައީސް ޕެޓްރިކް ވަނީ މިމެޗުގައި ކުޅުން 7 ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. ސަބަބަކީ ނޫންނަމަ 200 ޔޫރޯ އިން އެމީހުން ޖޫރިމަނާ ވާނެތީއެވެ.

ކޮވިޑް-10ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ސަޕޯޓަރުން ދަނޑަށް ނުވައްދާ ފުޓުބޯޅަ މުބާރާތްތައް ކުރިއަށް ގެންދާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ގައިދުރުކަން ބަހައްޓައިގެން ފުޓުބޯޅައެއް ނުކުޅެވޭނެކަމީ ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!