ޚަބަރު ރައްޔިތުންގެ މަޖިލިސް

މި އަހަރު ރަސްމީ ރިޒާވު 705 މިލިއަން ޑޮލަރަށް އިތުރުވާނެ: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 އިންސައްތައިން ކުރިއަރައި، ރަސްމީ ރިޒާވު 705 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ގައުމު ކުރިއަރުވައި، ފާގަތި މުސްތަގުބަލެއް ހޯދުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ. ގައުމުގެ އިގުތިސޯދީ ހާލަތަށް ބަލާއިރު، ހުސްވި އަހަރަށް ވުރެ ހިނގަމުންމިދާ އަހަރު އިގުތިސޯދީ ކުރިއެރުން ހަލުއިވާނެ ކަމަށެވެ. އެގޮތުން މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ:

  • މިދިޔަ އަހަރު ނިމުނުއިރު 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި. އެއީ 2023 ވަނަ އަހަރު ނިމުނުއިރު ހުރި މިންވަރާ އަޅާބަލާއިރު 590.5 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ 14 އިންސައްތަ އިތުރު އަދަދެއް

"އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު، ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން،"

ރައީސް ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ބޭރު ފައިސާއާބެހޭ ގާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ އެގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ބަދަލުތަކުގެ ހެޔޮ އަސަރު ކައިރި މުސްތަގުބަލުގައި ދައުލަތުގެ ރިޒާވްއަށް ކުރަން ފަށާނެ ކަމަށެވެ. އަދި އެކަމުން އާންމުންގެ ދިރިއުޅުމަށް އެ ތިޔާގިކަން ފޯރަން ފަށާނެ ކަމަށެވެ.

"މިގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ. އަދި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ،"

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެ ގުނަކޮށް، އެ އަދަދު 1،000 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1،400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ކަންކަމަކީ ގާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން ކަމަށެވެ. އެ ގާނޫނު ތަންފީޒު ކުރުމުގައި ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތައް އަދި ގާނޫނުން ޑޮލަރު މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގާނޫނުގެ ސަބަބުން، ބޭރު ފައިސާގެ ގަވާއިދުތައް ތަންފީޒު ކުރަން ފަސޭހަވެ، ޓޫރިޒަމް އިންޑަސްޓްރީން އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އަދަދާއި ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަމިއްލަ ވިޔަފާރިތަކާއި އާންމު ފަރުދުންގެ އެކި ބޭނުންތަކަށް ޑޮލަރު ލިބުން ފަސޭހަވެ، އެކްސްޗޭންޖް ރޭޓް މެދުވެރިކޮށް ޕްރައިސް ސްޓެބިލިޓީ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެކަން ވެސް ފާހަގަކުރެއްވި އެވެ.