ޚަބަރު ދީން

އެއްބައިވަންތަކަން ގެއްލޭ ފަދަ ދޮގު ވާހަކަތައް ދެއްކުމާއި ފެތުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުކުރު ހުތުބާ ކިޔާއިރު ބަޔަކު ހުތުބާ އަޑުއަހަން އިށީދެލައިގެން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އެއްބައިވަންތަކަމާއި އަހުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާ ކަމަށާއި އެކަން ގެއްލޭހެން މީހުންގެ މެދުގައި ދޮގު ވާހަކަތައް ދެއްކުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ދީނުގައި މަނާކޮށްފައިވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by STELCO

މުސްލިމް އަހާއަށް ހެޔޮކޮށްހިތުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ އިސްލާމްދީނަކީ އުހުއްވަތްތެރި ކަމުގެ ދީން ކަމަށެވެ. އޯގާތެރިކަމާއި ރަހުމާ އަދި ހަމްދަރުދީގެ ދީން ކަމަށެވެ. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުންދިނުމަކީ ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުހުއްވަތްތެރިކަމާ އަދި އެއްބައިވަންތަކަމުގެ ދައުރު ބޮޑު ކަމަށެވެ. އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކު ކަމުގައި ވަނީ ނަމަ، ނަސްރާއި ކާމިޔާބީ އާ ހަމައަށް ވާސިލުވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަސްރަކަށް ފަހު ނަސްރެއް ލިބެމުން ދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި އެމީހުންގެ މެދުގައި އޮތް އަހުވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަަމަށް ހުތުބާގައި ބުންޏެވެ. އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ އެ ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުން ކަމަށެވެ.

ހުކުުރު ހުތުބާގައި ބުނި ގޮތުގައި އެއްބައިވަންތަކަމާއި އަހުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމުގަ އެވެ. އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކޮށްފައިވާ ކަމުގަ އެވެ. އެގޮތުން އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުމާ އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުހާތަބުކުރުން މަނާކޮށްފައިވާ ކަމުގަ އެވެ.

އެކަންކަމުގެ އިތުރުން މުސްލިމުންނާ މެދު ދޮގު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަ ފެތުރުމާއި ތިމާގެ އަތާއި ދުލުން އަނެކާއަށް ގެއްލުން ނުދިނުމަށް ވެސް އަމުރުކުރައްވާފައިވާ ކަމުގަ އެވެ.

އިސްލާމްދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމުން އެކަމުގެ ލާބަ އާއި މަންފާ އޮތީ އަމިއްލަ ނަފުސަށާއި މުޖުތަމައަށް ކަމުގައި ހުތުބާގައި ބުންޏެވެ. އަދި މަނާކޮށްފައިވާ ކަމަކަށް އަރައިގަތުމުން އެކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަމިއްލަ ނަފުސަށާއި މުޖުތަމައަށް ކަމުގައި ފާހަގަކުރި އެވެ.

މިއަދުގެ ހުތުބާގައި ބުނީ އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމަށާއި މިއީ ބައިބައިވުމަށް ފުރުސަތުދޭ އުންމަތެއް ނޫން ކަމަށެވެ. އެމީހުންގެ މިސާލަކީ އެއް ބިނާއެއްގެ މިސާލު ކަމަށެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަކީ މާތް اﷲ ގެ ހަޒުރަތުގައި ދަރަޖަ މަތިވެރިވެގެންދާ ކަމެއް ކަމަށެވެ.

އެހެންކަމުން ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ކޮންމެ މުސްލިމަކަށް ވެސް އެމީހެއްގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަމިއްލަ ނަފްސަށް އެދޭ ކަންތައް އަނެކާއަށް ވެސް އެދި، އަނިޔާވެރިކަމުގެ ނުބައި އަމަލުން ކޮންމެ މީހަކު ސަލާމަތް ކުރުމަށް މަސައްކަތް ކުރަން އެދިފައިވެ އެވެ.

އަހުވަންތަކަމާއި އެއްބައިވަންތަ ކަމަށް ވާސިލުކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަޒުމު ކަނޑައަޅައި އެކަން ކެނޑިދާނެ ކޮންމެ ކަމަކުން ދުރުހެލި ވުމަށް ވެސް ހުކުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.