ސިފްކޯ ފްލެޓުތަކުގެ ހާއްސަ އޮޑިޓެއް ކުރަން މާލިއްޔަތު ކޮމިޓީން އެދެފި
![](https://dhen.mv/wp-content/uploads/2025/02/20250210_160347-850x548.jpg)
ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިން ޕްރޮޖެކްޓް މެނޭޖްކޮށް، ކުރިއަށް ގެންދަން ހަވާލުކުރި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް އޮޑިޓުކުރި އުސޫލުން ސިފައިންނަށް ހާއްސަކޮށްގެން ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އިން ކުރިއަށް ގެންދިޔަ ފްލެޓު އެޅުމުގެ މަޝްރޫއު ހިނގައިދިޔަ ގޮތް އޮޑިޓުކުރަން އޮޑިޓާ ޖެނެރަލަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
"ބްލޫސް ހައުސިން ސްކީމް" މަޝްރޫއަކީ ދިވެހި ފުލުހުންގެ ހިދުމަތުން ފުލުހުންގެ ވެލްފެއާ ކަންތައްތައް ކުރިއަރުވަން އުފައްދައި ހިންގަމުން އަންނަ ޕޮލްކޯ އާ ހަވާލުކޮށްގެން އެ ކުންފުނިން މެނޭޖްކޮށް، ކުރިއަށް ގެންދިޔަ ގެދޮރުވެރިކަމުގެ މަޝްރޫއެކެވެ.
މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 13 ބުރީގެ 3 ޓަވަރުގެ ކޮންސްޓްރަކްޝަން މަސައްކަތް 2013 ވަނަ އަހަރު ހަވާލުކުރީ ނޫމަޑި އާ އެވެ. އެ ކުންފުންޏަށް މަސައްކަތް ނުކުރެވި ލަސްވުމުގެ ސަބަބުން ދެން ހަވާލުކުރީ ނޫމަޑީގެ ސަބްކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓަށެވެ.
ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފުރިހަމަ ނުކޮށްގެން ޕޮލްކޯއިން އެ އެއްބަސްވުން ވެސް އުވާލި އެވެ. އެ ހުރިހާ އެއްބަސްވުންތަކެއް އުވާލަން ހެދި "ސެޓްލްމަންޓް އެއްބަސްވުންތަކުން" ނުނިމި ހުރި މަސައްކަތްތައް ނިންމަން މަޝްރޫއު ސަރުކާރުގެ ދަށަށް ބަދަލުކުރި އެވެ. އެއަށްފަހު އެ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނަށް މަސައްކަތް ހަވާލުކުރި އެވެ.
އޮޑިޓު އޮފީހުން އާންމުކުރި ރިޕޯޓުގައި ބުނި ގޮތުގައި މަޝްރޫއަށް އޮޑިޓު ކުރެވުނު ތާރީހުގެ ނިޔަލަށް 1.06 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމުގަ އެވެ. އެއީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާއިރު، މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކޮށްފައިވެ އެވެ.
ކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ވަނީ ލަފާދީފަ އެވެ.
އެ މައްސަލަ އާ ގުޅިގެން އޭސީސީން ވަނީ އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީސް ބަލައި ފާސްކޮށްފަ އެވެ. އަވަސް މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން ދަނީ މައްސަލަ ބަލަމުންނެވެ.
މިދިޔަ މަހު ނެރުނު ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ އާއި އެ އޮފީހުގެ ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ.
ކޮމިޓީ ބައްދަލުވުމުގައި ބްލޫސް ހައުސިން ޕްރޮޖެކްޓް، ޕޮލްކޯއިން ކުރިއަށް ގެންދިޔަ ގޮތް އޮޑިޓު ކުރި އުސޫލުން ސިފައިންނަށް ހާއްސަކޮށްގެން ސިފްކޯއިން ކުރިއަށް ގެންދިޔަ ފްލެޓު އެޅުމުގެ މަޝްރޫއު ހިނގައިދިޔަ ގޮތް އޮޑިޓުކުރަން އޮޑިޓަ ޖެނެރަލަށް ލަފާދިނުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.
ގަޕޯގެ އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ސަލީމް ވަނީ ޕޯލްކޯ އާއި ސިފްކޯގެ 2024 ވަނަ އަހަރުގެ އަހަރީ އޮޑިޓު ރިޕޯޓު ހިމެނުމަށް އިތުރު ކުރައްވާފަ އެވެ.
އޮޑިޓު އޮފީހުގައި އެގޮތަށް އެދުމަށް ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ބައްދަލުވުމުގައި ނިޔާޒީ ވިދާޅުވީ ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލްކޯއިން ފްލެޓު އެޅުމުގެ މަޝްރޫއުގެ ބިޑު ކުރުމާއި އިވެލުއޭޓު ކުރުމުގެ މަސައްކަތް ކޮށްފައިވާ ގޮތް ދެނެގަތުމަށް އޮޑިޓު އޮފީހުން މަސައްކަތްކުރި ކަމަށެވެ.
"މަޝްރޫއު ފެށިފައި އޮތީ 2013 ގައި. ޕޮލްކޯ މެނޭޖްމަންޓާ ބައްދަލުކުރުމުން އެ ބޭފުޅުން ވިދާޅުވީ ލިޔުންތަކެއް އެ ބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް. ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން،" ނިޔާޒީ ވިދާޅުވި އެވެ.
ޕޮލްކޯއިން ކަމާ ގުޅުންހުރި މައުލޫމާތު ލިބޭ ގޮތް ނުވުމުން ގެޒެޓު މެދުވެރިކޮށް ލިޔުންތައް ލިބޭތޯ ބެލި ނަމަވެސް ގެޒެޓުގައި އެ މައުލޫމާތު ޝާއިއުކޮށްފައި ނުވާކަން އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް އޮޑިޓު ރިޕޯޓު އާންމުކުރި ފަހުން ކަމާ ގުޅުންހުރި ބައެއް ލިޔެކިޔުންތައް ޕޮލްކޯއިން އެ އޮފީހާ ހިއްސާކުރި ކަމަށެވެ. ނިޔާޒީ ވިދާޅުވި ގޮތުގައި އޮޑިޓު ރިޕޯޓުގައި ކަންކަން ފާހަގަކުރީ ތަހުގީގީ އިދާރާތަކުން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރި ކަމަށް ފެންނާތީ ކަމުގަ އެވެ.
މައްސަލަ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއެއް އެކުލަވާލަން ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު މަމްދޫހެވެ.
އޮޑިޓު ރިޕޯޓު ދިރާސާކުރާ ސަބް-ކޮމިޓީގެ މެމްބަރުން:
- އޭދަފުށި ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ސަލީމް
- ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ނާޒިމް
- ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގު
- ފުނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު މަމްދޫހް
- ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު
ނުވާނެ ތިކަމެއް ، އެއްވެސް ނުހައްގުން ގޯސްކަމެއް ތިތާކު ނުހިނގާ، ވަރަށް އިންސާފުން ބަހާފައިވަނީ