ގާނޫނު އޮތް ގޮތުން ގިނަ މުއައްސަސާތަކުގެ މުސާރަ ކުޑަކުރެވޭކަށް ނެތް
![](https://dhen.mv/wp-content/uploads/2025/02/GjffKrHbIAAswdx-850x548.jpeg)
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލާފައިވާ އިގްތިސާދީ އެޖެންޑާގެ ދަށުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ފޮނުވި ނަމަވެސް ގާނޫނު ބަދަލުކޮށްގެން ނޫން ގޮތަކަށް ގިނަ ކޮމިޝަންތަކުގެ ވެރިންގެ މުސާރަ ކުޑަކުރެވެން ނެތްކަން މިއަދު ހާމަވެއްޖެ އެވެ.
އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައިވަނީ އިއްޔެ އެވެ.
އޭގައި ހިމެނެނީ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމެވެ.
ކޮމިޓީން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ކޮމިޓީގެ ސެކެރެޓްރިއޭޓް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ތެރެއިން 6 މުއައްސަސާއެއްގެ ވެރިންގެ މުސާރަ ނުވަތަ އިނާޔަތް މަގާމުގެ މުއްދަތުގެ ތެރޭގައި އުނިނުކުރެވޭނެ ކަމަށެވެ.
އެ މުއައްސަސާތަކަކީ
- ޖުޑިޝަލް ސާވީސް ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން
- މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
- ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ނަމަވެސް ސިވިލް ސާވީސް ކޮމިޝަން، އޮޑިޓާ ޖެނެރަލް އޮފީސް އަދި ޝަރުއީ ދާއިރާގެ އިތުރުން މަޖިލީހުގެ މެންބަރުންގެ މުސާރަ އަށް ބަދަލެއް ގެނެވިދާނެ ކަމަށް ސެކެރެޓްރިއޭޓް ވިދާޅުވި އެވެ. އެއަށް ފަހު ވިދާޅުވެދެއްވީ ހުރިހާ މުއައްސަސާއެއްގެ މުސާރަ ކުޑަކުރުމުން ހަރަދުގެ ގޮތުގައި ސަލާމަތް ކުރެވޭނެ އަދަދެވެ.
"ޖުމްލަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ޖުޑިޝަރީއާ މިނިވަން މުއައްސަސާތަކުގެ މުސާރަ 10 ޕަސެންޓް ކުޑަކުރުމުން 14.1 މިލިއަން ރުފިޔާގެ ސޭވް ވާނެ" ވިދާޅުވި އެވެ.
ހުސްވި އަހަރުގެ ފެބްރުއަރީ މަހު މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފައިވެ އެވެ. އެއާ އެކު މިނިވަން މުއަައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކަށް މުސާރައިގެ ގޮތުގައި 74،000ރ ލިބިވަޑައިގަންނަވާނެ އެވެ. މުއައްސަސާތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 59،000ރ ލިބިވަޑައިގަންނަވަ އެވެ.
އިސްލާހީ އެޖެންޑާގެ ދަށުން ރައީސްގެ މުސާރައިން 50 ޕަސެންޓް އުނިކުރުމަށް ވެސް އެމަނިކުފާނުގެ ނިންމަވާފައިވެ އެވެ. ރައީސްގެ މުސާރައަކީ މަހަކު 100،000ރ އެވެ. އެ ނިންމެވުމާ އެކު ދެން ރައީސަށް ލިބިވަޑައިގަންނަވާނީ 50،000ރ އެވެ.
ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތް ގޮތުން އެ ކުންފުނިތަކުގެ ވެރިންނަށް 100،000ރ މަތިން ކުރިން ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް ކުންފުނިތަކުގެ ވެރީންނަށް މުސާރައިގެ ގޮތުގައި ދެން ދޭނީ އެންމެ ގިނަވެގެން 90،000 ރުފިޔާ ކަަމަށް ވެސް ރައީސް ނިންމެވި އެވެ.