ޚަބަރު ސަރުކާރު

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު މަދުވެ، ފޮސްޓާކުރާ އަދަދު އިތުރުވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު މަދުވަމުން އަންނަ ކަމަށާއި، އަދި ހަމައެއާއެކު ދައުލަތުގެ ބެލުމުގެ ދަށުން މިހާތަނަށް 67 ކުއްޖެއް ފޮސްޓާކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ޖެންޑާ މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާ ގޮތުގައި މައުލޫމާތު ހިއްސާ ކުރަމުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޝަތު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 67 ކުއްޖަކަށް އާއިލާތައް ހޯދައިދެވިފައިވާ ކަމަށެވެ.

އެ ކުދިންތައް ފޮސްޓާކޮށްފައިވަނީ އާއިލާ ނުވަތަ ގާތްތިމާގެ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފޮސްޓަރިންނަށް އާންމުންގެ ތަރުހީބު ބޮޑެވެ.

މިހާރު 67 ކުދިން އާއިލާތަކާ ހަވާލުކުރެވުނުއިރު، އަޅުގަނޑުމެންނަށް 35 އިތުރު ފަރާތަކުން ރިކުއެސްޓް ކުރެވިގެން އެ ޕްރޮސެސް އެބަ ހިނގާ އެކި ހިސާބުގައި

އާއިލާތަކުން ކުދިން ފޮސްޓާ ކުރުމަކީ އެ މަސައްކަތުގައި ކުރިއަށް ދިއުމުގައި ލިބޭ އިތުރު ހިތްވަރެއްކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ، އުންމީދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބި 139 ކުދިންނަށް އާއިލާތައް ހޯދައިދިނުން ކަމަށެވެ.

މި އާއެކު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ދައުލަތަށް ނެގޭ ކުދިންގެ އަދަދު ވެސް އެބަ މަދުވޭ. އާއިލާތަކުގެ ތެރޭގައި ކުދިން ބެލެހެއްޓުމުގެ ކަންތައް ހުރި ގޮތުންނާއި އަޅާލެވޭ މިންވަރު އިތުރުވާތީ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ

އޭނާ ވިދާޅުވީ ސެންޓަރުތަކުގައި ތިބި ކުދިންގެ އަދަދު 2022 ވަނަ އަހަރާ އަޅާބަލާއިރު، 2024 ވަނަ އަހަރު ގާތްގަނޑަކަށް 19 އިންސައްތައިން ދަށްވެފައިވާ ކަމަށެވެ. އަދި ދައުލަތަށް އާ ކުދިން ނެގޭ މިންވަރު 23 އިންސައްތަ ދަށަށް ގޮސްފައިވާކަން ވެސް ފާހަގަކުރި އެވެ.