މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ރައީސަށް ލަފާދޭން މަޖިލިހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ޝަރުއީ ދާއިރާ އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަ ހުށަހެޅުއްވި ގޮތަށް ކުޑަކުރެވެން ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް ރުހުން ހޯދަން މަޖިލިހަށް ފޮނުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އޭގައި ހިމެނެނީ މަޖިލިހުގެ މެމްބަރުންނާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނި ކުރުމެވެ.
މައްސަލަ ދިރާސާކުރަން ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވަނީ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ތެރެއިން 6 މުއައްސަސާއެއްގެ ވެރިންގެ މުސާރަ ނުވަތަ އިނާޔަތް މަގާމުގެ މުއްދަތުގެ ތެރޭގައި އުނިނުކުރެވޭނެކަން ފާހަގަކޮށްފަ އެވެ.
އެ މުއައްސަސާތަކަކީ:
- ޖުޑީޝަލް ސާވިސް ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން
- މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
- ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ނަމަވެސް ސިވިލް ސާވީސް ކޮމިޝަން، އޮޑިޓާ ޖެނެރަލް އޮފީސް އަދި ޝަރުއީ ދާއިރާގެ އިތުރުން މަޖިލިހުގެ މެމްބަރުންގެ މުސާރައަށް ބަދަލެއް ގެނެވިދާނެ ކަމަށް ކޮމިޓީން ބުނެފައިވެ އެވެ. އެކަމަކު ވަކި ކޮމިޝަންތަކެއްގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަކީ އިންސާފެއް ނޫން ކަމަށް މެމްބަރުން ވިދާޅުވެފައިވެ އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ ގާނޫނުތަކަށް ބަދަލުތައް ގެނައުމަށް ފަހު ހުރިހާ ކޮމިޝަންތަކުގެ މުސާރަ ކުޑަކުރުމަށް ފެންނަ ކަމަށް ރައީސަށް ލަފާއެރުވުމަށެވެ. މަމްދޫހުގެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމިޓީން މައްސަލަ ފާސްކުރި ގޮތަށް މިއަދުގެ މަޖިލިހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީ ރިޕޯޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވޯޓުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.
ހުސްވި އަހަރުގެ ފެބްރުއަރީ މަހު މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފައިވެ އެވެ. އެ އާއެކު މިނިވަން މުއަައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކަށް މުސާރައިގެ ގޮތުގައި 74،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މުއައްސަސާތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 59،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
އިސްލާހީ އެޖެންޑާގެ ދަށުން ރައީސްގެ މުސާރައިން 50 އިންސައްތަ އުނިކުރުމަށް ވެސް އެމަނިކުފާނުގެ ނިންމަވާފައިވެ އެވެ. ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާ އެވެ. އެ ނިންމެވުމާ އެކު ދެން ރައީސަށް ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާ އެވެ.
ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތް ގޮތުން އެ ކުންފުނިތަކުގެ ވެރިންނަށް 100،000 ރުފިޔާއަށް ވުރެ ގިނައިން ކުރިން ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް ކުންފުނިތަކުގެ ވެރިންނަށް މުސާރައިގެ ގޮތުގައި ދެން ދޭނީ އެންމެ ގިނަވެގެން 90،000 ރުފިޔާ ކަަމަށް ވެސް ރައީސް ނިންމެވި އެވެ.