ރޯދަ މަހުން ފައިދާ ހާސިލުނުވި މީހަކަށް ވުރެ ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެ: ހުތުބާ

ރޯދަ މަސް ފާއިތުވުމުގެ ކުރިން އެ މަހުން ފައިދާ ހާސިލު ނުކުރެވުނު މީހަކަށް ވުރެ، ވަކިން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ރޯދަވެރިޔާ އަމަލުތައް ބަހައްޓަންވީ ގޮތުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ރޯދައިގެ މައިގަނޑު މަގުސަދަކީ ތަގުވާވެރިވުން ކަމަށެވެ. ރޯދައަކީ ތަގުވާގެ އިތުރަށް، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ކަމަށެވެ. ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމަކީ ދުންޔަވީ އެދުންތަކާ ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް ކަމަށެވެ.
މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫހާނީ ބާރު އިތުރުވާ ކަމަށެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ދުރުހެލިވެގެން ކަމަށެވެ. ނުބައި ބަސްތައް ބުނުމާއި އެފަދަ އަމަލުތައް ކުރުން ހުއްޓައިލައިގެން ކަމަށެވެ. އަރައިރުންވުމާއި ޒުވާބުކުރުމުން ދުރުހެލިވެގެން ކަމަށެވެ. ރޯދަވެރިޔާ ދުރުހެލިވާން ޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމުގައި ހުތުބާގައި ފާހަގަކުރި އެވެ.
ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ދޮގުހެދުމާއި ނުބައި އަމަލުތައް ކުރުމާއި ޒުވާބުކޮށް ހުތުރު ބަސްތައް ގޮވައި ހެދުން ހުއްޓައިނުލައިފި މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވުމަކަށް ﷲ تَعَالَى އެދިވޮޑިނުގަންނަވަތެވެ."
ދޮގުހެދުމާއި ދެބައޮޑުވުމާއި ނެތިމޮށުމާއި މަކަރުހެދުން ފަދަ އަމަލުތައްކުރާ މީހާގެ ރޯދަ ނުގެއްލުނެއް ކަމަކު، އެ ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެ އެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި ޝަރީއަތުގައި ރޯދަ ގެއްލޭ ކަންތައްތަކެއް ހުންނަ ކަމުގަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ރޯދަވެރިޔާ އަމިއްލަ އިހުތިޔާރުގައި ކުރާ ކަންކަން ކަމުގަ އެވެ. އެއީ ގަދަކަމުން ހޮޑުލުމާއި ކެއިންބުއިމާއި ޖިމާއުވުމާއި މިއިން ކަމެއްގެ ހުކުމުގައި ހިމެނޭ ކަންކަން ކަމުގަ އެވެ. މުޅި ދުވާލު މަސްތުގެ ހާލަތުގައި ހުރި މީހާގެ ރޯދަ ވެސް ގެއްލޭނެ ކަމުގަ އެވެ. އެހެންނަމަވެސް ރޯދައަށް ހުރިކަން ހަނދާންނެތި އެއްޗެއް ކެވުނަސް އަދި ފެންފޮދެއް ބޮވުނަސް އޭނާގެ ރޯދައެއް ނުގެއްލޭނެ ކަމުގަ އެވެ.
އަނެއް ބައި ކަންކަމަކީ ރޯދަވެރިޔާގެ އިހުތިޔާރެއް ނެތި ކުރިމަތިވާ ކަންކަން ކަމުގަ އެވެ. އެއީ މުޅި ދުވާލު ހޭނެތިފައި އޮތުމާއި ޙައިޟުވެރިކަމާއި ނިފާސްވެރިކަން ކަމުގަ އެވެ.
ރޯދަ މަހަކީ މުސްލިމުންގެ ހުރިހާ އަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓަން ޖެހޭ މަސް ކަމުގައި ހުތުބާގައި ފާހަގަކުރި އެވެ. އެގޮތުން ރަހިމުގެ ގުޅުން ދެމެހެއްޓުމާއި ނިކަމެތިންނަށް އެހީވުމާއި ނަމާދު ކުރުމާއި ކީރިތި ގުރްއާން ކިޔެވުމާއި ދަމުނަމާދު ކުރުމާ އަދި އިއުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގަ އެވެ. ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަ މަހު ވަކިން ބޮޑަށް ދަރުމަހުރި ކަމެކެވެ. އޭގެ އިތުރުން ވިޔަފާރިވެރިން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓްރޯލުކޮށް، އުހުރަވީ ހަޔާތުން ފައިދާ އާއި ނަފާ ލިބިގަންނަން ރަނގަޅު ފޯވައްސެކެވެ.
މިއަދުގެ ހުތުބާގައި ބުނީ ރޯދަ މަހަކީ ހަށިގަނޑަށް ފައިދާ ހުރި، ހަލާލު ތަކެތި ކެއުމަށް ބާރުއަޅަން ޖެހޭ މަހެއް ކަމަށެވެ. ނަމަވެސް ކެއިންބުއިމުގައި އިސްރާފުކޮށްގެން ނުވާނެ ކަމަށެވެ. އެއީ މާތް ﷲ ނުހަނު ބޮޑަށް ކޯފާވެވޮޑިގެންވާ ކަމެއް ކަމަށެވެ.
ރޯދަ މަސް ފާއިތުވުމުގެ ކުރިން އެ މަހުން ފައިދާ ހާސިލު ނުކުރެވުނު މީހަކަށް ވުރެ، ވަކިން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެ ކަމަށެވެ.
ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ހަމަކަށަވަރުން މި ބަރަކާތްތެރި މަސް ތިޔަބައިމީހުންނާ ކުރިމަތިލައިފި އެވެ. ލައިލަތުލްގަދްރި ހިމެނޭ އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް، އެ މަހުގައި ވެ އެވެ. އެ ރޭގެ ހެޔޮކަމުން މަހްރޫމުވެއްޖެ މީހާ ހަމަކަށަވަރުން ހުރިހައި ހެޔޮކަމަކުން މަހްރޫމް ވެއްޖެ އެވެ. އަދި އަބާއްޖަވެރިޔަކު ނޫނީ، އެ ރޭގެ ހެޔޮކަމަކުން މަހްރޫމެއް ނުވާހުއްޓެވެ."
ހުތުބާގައި ބުނި ގޮތުގައި ސަލަފުއް ސާލިހުން ރޯދަ މަހާ ކުރިމަތިލައްވާފައި ވަނީ، އެންމެ ހިނދުކޮޅެއް ވެސް ހެޔޮކަމުން މަހުރޫމު ނުވާނެ ގޮތަށް ކަމުގަ އެވެ. ބައެއް ބޭބޭކަލުން ކީރިތި ގުރްއާން ކިޔަވައި ވިދާޅުވުމުގައި މުޅި ވަގުތު ހޭދަކުރައްވާ ކަމުގަ އެވެ.
ރޯދައިގެ މަގުސަދަކީ ދުންޔަވީ އެންމެހާ އެދުންތަކުން ނަފުސު ތާހިރުކޮށް، އުހްރަވީ ހަޔާތުން ލާބަ ހޯދުންކަން ފާހަގަކޮށް މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ފަރުވާކުޑަކުރެވުނު ކަންތައްތައް އިސްލާހުކޮށް، ރޯދަ މަހުގެ ދުވަސްތަކުގައި އޭގެ ހިސާބެއް ނެތް ރަހުމަތާއި މަގުފިރަތާއި ރުއްސެވުން ހާސިލުކުރުމަށް އަޒުމު ކަނޑައެޅުމަށް ވަނީ ގޮވާލާފަ އެވެ.