އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ވަކިކުރަން މަޖިލިހަށް ހުށަހަޅައިފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ޑެޕިއުޓީ ގަވަރުނަރު މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލިހުން ފެށިއިރު، އެމްއެމްއޭއިން ހުޅުމާލޭން ދެ ބިމެއް 14 ބިލިއަން ރުފިޔާއަށް ގަންނަން އުޅޭ ކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލަ އާ ގުޅިގެން އެ ބޭންކުގެ ބޯޑުގައި ތިއްބަވާ ދެ މެމްބަރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރައްވަމުން ގެންދެވި އަހްމަދު ޒަޔާން މުހައްމަދު ވަނީ ބޯޑު މެމްބަރު ކަމުން އިއްޔެ އިސްތިއުފާ ދެއްވާފަ އެވެ. ޒަޔާނަކީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑެވެ. މައުލޫމާތު ލިބޭ ގޮތުން އޭނާ ވަނީ އެ މަގާމުން ވެސް އިސްތިއުފާ ދެއްވަން ނިންމަވައި އެކަމަށް އެދި ހުށަހަޅުއްވާފަ އެވެ.
އެމްއެމްއޭގެ ބޯޑުން ޒަޔާން އިސްތިއުފާ ދެއްވާފައިވަނިކޮށް، އެ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އިންނަވާ ޝުހާދު އިބްރާހިމް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ކަމާ ގުޅިގެން އެމްއެމްއޭއިންނާއި ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު ވަކިކުރުމަށް ރައީސަށް ލަފާއެރުމަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
މާލިއްޔަތު ކޮމިޓީއަށް ލަތީފް ފޮނުއްވި ސިޓީ ކޮމިޓީގެ އިދާރީ މޭޒުން އިއްވާފަ އެވެ. އެ ސިޓީގައި ބުނީ އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކޮށްފައި ވަނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމުގައި އިހުމާލުވެވަޑައިގެންފައިވާތީ ކަމަށެވެ. ގަވަރުނަރު އޭރު ނިންމެވި ހުރިހާ ނިންމެވުންތަކުގައި ޑެޕިއުޓީ ގަވަރުނަރުގެ ހައިސިއްޔަތުން އިމާދު ބައިވެރިވެވަޑައިގެންފައިވާ ކަމަށާ އަދި އެ ނިންމެވުންތަކުގެ ޒިންމާ އޭނާ ވެސް ނަންގަވަން ޖެހޭނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ސިޓީގައިވާ ގޮތަށް އިމާދު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވީ މައްސަލަ ކޮމިޓީން ބަލައިގަނެ، އިމާދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް އެ މައްސަލަ ތަޅުމަށް ފޮނުވުމަށެވެ.
ޝަރީފުގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އައިފާނެވެ. އެ ހުށަހެޅުން ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 25 އަހަރުވެފައިވާ އިމާދު، ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވިއިރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެސްޓިސްޓިކްސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ. އިމާދު ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީ) ގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާފަ އެވެ.
އެމްއެމްއޭގެ ބޯޑުގައި ޑެޕިއުޓީ ގަވަރުނަރު އިމާދު ވެސް އިންނަވަ އެވެ. ޒަޔާނާއި ޝުހާދުގެ އިތުރުން އެ ބޯޑުގައި ދެން ތިއްބަވަނީ ގަވަރުނަރު އަހްމަދު މުނައްވަރާއި އެމްއެމްއޭގެ އެޑްވައިޒަރު އިދުހާމް ހުސައިން އަދި ޕްރައިވެޓް ސެކްޓަ ތަމްސީލު ކުރައްވާ ދެ މެމްބަރުން ކަަމަށްވާ މަހްޒޫމް ސަލީމް އަދި ފާތިމަތު ޝަފީގާ އެވެ.
