ރުއް އާލާކުރާ ސެންޓަރެއް ގާއިމުކުރަން އެގްރިކަލްޗާ މިނިސްޓްރީއަށް އަރިޔަދޫ ދޫކޮށްފި

ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަ" އެއް ގާއިމުކުރާ ގޮތަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި އދ. އަރިޔަދޫ ކަނޑައަޅައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީއަށް އަރިޔަދޫ ދޫކުރަން ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސެންޓަރުން ރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރާއި ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް، ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށް ޓަކައި، ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް އެ ރަށުގައި އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށައި، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމުގަ އެވެ.
ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް ޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދުމަށް ނިންމާފައިވާކަން ވެސް ފާހަގަކުރި އެވެ.
ރާއްޖޭގައި މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން، މި މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް ވެސް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.