ކައުންސިލުތަކަށް ދީފައިވާ ބާރުތައް ނަގަން ރައީސް ބޭނުމެއް ނުވޭ، އުޅެނީ މަގުފަހިކޮށްދޭން: ނާޒިމް

ޓޫރިޒަމް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ ލޯކަލް ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެންގެވުމަށް ނޫން ކަމަށާއި ރަށްތަކާއި ފަޅުތަކަށް ދޫކުރުމުގައި ކައުންސިލުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދީ ކުރިއަށް ދެވެނޭ މަގުފަހިކޮށްދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް އެހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަހްމަދު ރިޔާޒެވެ. އިއްޔެ ޖަލްސާއަށް ބިލު ހުށަހަޅައި ބިލުގެ ބަހުސް ވަނީ ފަށާފަ އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހުގައި ހުށަހަޅާފައި ވަނީ:
- ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާ ގުޅޭ އުސޫލަށް
- ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭ އުސޫލަށް
- ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމާ ބެހޭ އުސޫލަށް
- ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގުމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަކީ އާންމުންނަށް ދިމާވާ މައްސަލަތަކާއި އެދޭ ކަންތައްތައް ކުރިއަށް ނުގޮސް، "ގަލުގައި އެޅީމާ" އެ ކަންތައްތައް ހައްލުކޮށްދިނުމަށް އިންތިހާބުވި ސަރުކާރެއް ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން ރަށްރަށުގެ އިހުތިސޯސުގައި ހުރި ރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ކަމަށެވެ. އެގޮތަށް ބައެއް ފަޅުތައް ހިއްކައިގެންނާއި ރަށް ދޫކޮށްގެން ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ތަންތަނުގެ މިސާލުތައް ނާޒިމް ނެންގެވި އެވެ.
- މ. ދިއްގަރު ފަޅު ތެރެއިން 10 ހެކްޓަރުގެ ބިމެއް ފަސް ލައްކަ ޑޮލަރު ނެގުމަށް ފަހު ދޫކޮށްފައި
- މ. ވޭވަށު ފަޅު ތެރެއިން 10 ހެކްޓަރުގެ ބިމެއް ފަސް ލައްކަ ޑޮލަރު ނެގުމަށް ފަހު ދޫކޮށްފައި
- މ. ކޮޅުފުށީގެ އިހުތިސޯސުގައި ހިމެނޭ ދިއްތުނޑި 1.5 މިލިއަން ޑޮލަރަށް ދޫކޮށްފައި
- ކ. ގާފަރު ފަޅު ތެރޭގައި ހިމެނޭ ވެލިފަރުގައި ރިސޯޓެއް ތަރައްގީކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީގައި އެދިފައި
ނާޒިމް ވިދާޅުވި ގޮތުގައި ގާފަރު ކައުންސިލުން އެގޮތަށް އެދުމުން ލޯކަލް ގަވަމެންޓް މިނިސްޓްރީން އެ ކަމުގައި އެޓާނީ ޖެނެރަލްގެ ލަފާ ހޯދާފައިވާ ކަމުގަ އެވެ. އެ ލަފާގައި ބަޔާންކޮށްފައި ވަނީ ކައުންސިލުތަކުގެ އިހުތިސޯސުގައި ހިމެނޭ ފަޅުތަކާއި ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމުގެ ބާރުވެރިކަން ލޯކަލް ކައުންސިލުތަކާ ބެހޭ ގާނޫނުތަކުން އެ ކައުންސިލުތަކަށް ލިބިދީފައި ނުވާ ކަމުގަ އެވެ.
"ބަންޑާރަ ނައިބުގެ ލަފާ މިގޮތަށް އައީމާ، މިހާރު މިގޮތަށް ދީފައި ހުރި ހުރިހާ ތަނެއްގެ މަސައްކަތް ވަނީ ހުއްޓިފައި،"
މެމްބަރުގެ ދާއިރާއިން ދޫކޮށްފައިވާ ދެ ފަޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވި ފަރާތްތަކުން ފައިސާ ދައްކައި، ކުރެހުން ތައްޔާރުކޮށް، ކޮންސެޕްޓް ވެސް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި ހިސާބުން އެ މަސައްކަތް ކުރިއަށް ނުގެންދެވި "ގަލު އަޅާފައިވާ" ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ފާހަގަކުރެއްވީ އެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ކައުންސިލުތަކާ ބެހޭ ގާނޫނުތަކުގައި ނެތް އިރު، އެ ކަން ކުރެވެން އޮންނަނީ ޓޫރިޒަމް އާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.
"ސަރުކާރުން މިހާރު މި އިސްލާހު ހުށަހަޅަނީ އެއްގޮތަކަށް ވެސް ކައުންސިލުތަކުގެ އިހުތިސޯސް ތެރޭގައި އޮތް ކަމެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ އެ ބާރުގެ ބޭނުންފުޅު ވެގެނެއް ނޫން. މި ކަންތައްތައް ވާނެ ގޮތެއް ހަދައިދިނުމަށް ޓަކައި. މި ކަންތައްތައް ކުރިއަށް ގެންދެވޭނެ މަގެއް ދައްކައިދިނުމަށް ޓަކައި،"
މިހާރު ކުއްޔަށް ދޫކޮށްފައިވާ ބައެއް ތަންތަނަށް ދިމާވެފައިވާ މައްސަލަތައް އިސްލާހާ އެކު ހައްލުވެގެންދާނެ ކަމަށެވެ. އެ ތަންތަނުގައި އިންޓަގްރޭޓެޑް އަދި ޓޫރިސްޓް ހޮޓާތައް އެޅުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި ރަށުގެ ރައްޔިތުން ރަށާ ކައިރިއަށް ޓޫރިޒަމް ގެންނަން ބޭނުންވާ ކަމަށްވާ ނަމަ އެ ފުރުސަތު މި ސަރުކާރުން ފަހިކޮށްދޭނެ ކަމުގަ އެވެ.
ކައުންސިލުތަކުން ރަށްތައް ކުއްޔަށް ދޫކޮށްފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރުން ދެއްވާފައިވާ ސިޓީތަކަށް ބަރޯސާވެގެން ނަމަވެސް މައްސަލަތައް ދިމާވެފައި ވަނީ އެކަން ކުރާ ފަހުން ކަމުގަ އެވެ.
"މި އިސްލާހަކީ ރަށްރަށުގެ ކައުންސިލުތަކުގެ ބާރުވެރިކަމުގެ ދަށުގައި އިހުތިސޯސުގެ ދަށުގައި އޮންނަ ފަޅުތަކާއި ރަށްތައް ތަރައްގީކުރަން މަގުފަހިކޮށްދޭނެ އިސްލާހެއް،"
ވުމާ އެކު އިސްލާހަކީ ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ކަމުގަ އެވެ. އެހެން ނޫން ނަމަ ކައުންސިލުތަކުން އެޑްވާންސްއަށް މިހާރު ނަގާފައިވާ ފައިސާ ސަރުކާރަށް ދައްކަން ޖެހި، އެކަންވާނެ ގޮތެއް ނެތި ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ހިނގަމުންދާނެ ކަމުގަ އެވެ.
އިތުރަށް ފާހަގަކުރެއްވީ މިކަމުގެ ސަބަބުން ދުރު ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ރަށާ ކައިރިީގައި ތަރައްގީ ކުރެވޭ ތަންތަނަށް ބަދަލުވެ މަސައްކަތް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.
