ދީން

ޙަޤީޤީ ހާދިސާ: ހަޔާތުގައި އެންމެ ފަހަރަކު ވެސް މަންމައަށް ޝުކުރިއްޔާއޭ ބުނެނުލުމުގެ ހިތާމަ ތާއަބަދަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއީ ޣަފްލަތުގެ އަނދިރިކަމުން އިސްލާމީ ހިދާޔަތް ލިބުނު އަޚެއް ކަމުގައިވާ މުޙައްމަދު ހޮބޮލޮސް ކިޔައިދިން ވާހަކައެކެވެ. އިސްލާމީ ދައުވަތު ފެތުރުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރުމުގެ އެތައް ވަގުތެއް، އެތައް އަހަރެއް ހޭދަ ކުރަމުންދާ މުޙައްމަދު ހޮބޮލޮސް ކިޔައިދިން މިވާހަކައަކީ މަންމައަށް ޝުކުރުވެރިވުން މުހިންމުކަން އަންގައިދޭ ވާހަކައެކެވެ. ބަނޑުއަޅާ ވިހާ އަހަރެމެންނަށް ގުނާ އަދަދު ނުކުރެވޭ އެތައް އެތައް ޚިދުމަތްތަކެއް ކޮށްދޭ އަހަރެމެންގެ މައިންބަފައިންނަށް އަހަރެމެން "ޝުކުރިއްޔާ''އޭ ނުވަތަ ''ﷲ ،މަންމައަށް ހެޔޮ ޖަޒާ މިންވަރު ކުރައްވާށި" އޭ ބުނެލަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟

Ads by Sosun Fihaara

އަޚާއެވެ! އުޚުތާއެވެ! މި ވާހަކައިގައި ދިމާވެފައިވާ ގޮތަށް މާ ލަސްވެދާނެއެވެ. މިހާރު ވެސް މަންމަ އަށް ޝުކުރިއްޔާއޭ ބުނެލާށެވެ.

''ކެންސަރު ޖެހި ހަޔާތުގެ އެންމެ ފަހު ދުވަސްތައް ހޭދަ ކުރަމުންދާ ރަޙުމަތްތެރިއެއްގެ މަންމަގެ ގާތަށް އަހަރެން ޒިޔާރަތް ކުރީމެވެ. އޭރު އެ މަންމައަށް ކެންސަރު ޖެހި އެ ވޭނުގައި ހޭދަ ކުރާތާ ފަސް އަހަރު ވެއްޖެއެވެ.

އަހަރެން ރަޙުމަތްތެރިޔާގެ މަންމަ ގާތަށް ޒިޔާރަތްކޮށް ރަޙުމަތްތެރިޔާއާ އެކު މަންމަ ގާތުގައި މަޑުކޮށްލައިގެން ތިބީމުއެވެ. އަދި މަންމަގެ ބައްޔާއި އެހެނިހެންކަންކަމާ ގުޅޭ ވާހަކަ ދައްކަމުން ގެންދިޔައިމުއެވެ. އޭރު މަންމަގެ ބަލި ހާލު ބޮޑެވެ. ހޭ އަރާ ފަހަރާއި ހޭ ނެތޭ ފަހަރެވެ. އެހިނދު ރަޙުމަތްތެރިޔާ ރޮމުން ގިސްލަމުން ދިޔައެވެ. އަދި އަހަރެން ރަޙުމަތްތެރިޔާ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދިޔައިމެވެ. މަރަކީ ކޮންމެ އިންސާނަކަށް ވެސް ކުރިމަތިވާނެ ކަމެއް ކަމަށާއި ދެރަ ނުވުމަށް ނަސޭހަތްތެރިވަމުން ގެންދިޔައިމެވެ.
ޖަވާބުގައި ރަޙުމަތްތެރިޔާ ބުންޏެވެ. މަންމަ އަހަންނާ ވަކިވެގެންދާތީ އަހަރެން ދެރަވެއެވެ. ހިތާމަ ކުރަމެވެ. ނަމަވެސް އަހަރެން މިރޮނީ އެކަމަކާ ނޫނެވެ. އަހަރެންގެ ހިތާމައަކީ މަންމަ އަހަންނަށް ކޮންދިން ކަންކަމަށް ދުވަހަކު ވެސް އަހަރެން ޝުކުރުވެރި ނުވަމުއެވެ. ޙަޔާތުގައި އެންމެ ފަހަރަކަށް ވެސް މަންމައަށް ''ޝުކުރިއްޔާ"އޭ ނުބުނަމެވެ. އަދި މަންމަގެ ޙާލު މިހާރު ހުރި ގޮތުން އަހަރެން ބުނާ އެއްޗެއް ވެސް މަންމައަކަށް ފަހުމެއް ނުވެއެވެ.

މި ޙާދިޘާވެގެން ދިޔައީ އަހަރެންގެ ސިކުނޑި ހޭލައްވައިލި ކަމަކަށެވެ.
އަހަރެމެންގެ މައިންބަފައިން ގަދަވެ ދުނިޔޭގައި އެތިބީއެވެ. އެންމެ ފަހުން މަންމައަށް ޝުކުރިއްޔާއޭ ބުނެލީ ކޮންއިރަކު ހެއްޔެވެ. ނުވަތަ މަންމަގެ ޚިދުމަތް ބަލައިގަނެ އެކަމަނާއަށް އެކަމުގެ އުފާވެރިކަން ހިއްސާކުރީ ކޮންއިރަކު ހެއްޔެވެ؟

މިޒަމާނުގެ މުޖުތަމަޢުތަކުގައި މަންމައިންނަށް ޝުކުރު އަދާ ކުރުމަކީ ހަމައެކަނި މަންމައިންގެ ދުވަހު އޮންނަ ކަމެކެވެ. ނަމަވެސް އިސްލާމްދީނުގައި ހަމަ ކޮންމެ ދުވަހަކީ ވެސް މަންމައިންގެ ދުވަހެކެވެ. ހަމަ ކޮންމެ ދުވަހަކީ މަންމައަށް އިޙްތިރާމާއި ލޯބި ދޭން ޖެހޭ ދުވަހެކެވެ.

އެއް ދުވަހަކު ރަސޫލުﷲ (ސޢވ)ގެ އަރިހަށް މީހަކު ޒިޔާރަތްކޮށް ސުވާލު ކުރިއެވެ.
''އޭ ﷲގެ ނަބިއްޔާއެވެ. އަހަރެން އެންމެ ހެޔޮކޮށް ހިތަން ޖެހޭނީ ކާކަށް ހެއްޔެވެ؟ އެކަލޭނގެފާނު ޖަވާބު ދެއްވިއެވެ. ތިބާގެ މަންމައެވެ.
ސުވާލު ކުރިއެވެ. ދެން ކާކުތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ.
އަނެއްކާ ވެސް ސުވާލު ކުރިއެވެ. ދެން ކާކުތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ.
ސުވާލުކުރިއެވެ. ދެން ކާކުތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާގެ ބައްޕައެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަހަރެމެންގެ މައިންބަފައިން ނުވަތަ އަހަރެމެން މާދަމާ ވެސް ލޯމަރައިލަފާނެއެވެ. ނުވަތަ ބަލިއެނދުގައި އޮންނަށް ވެސް ޖެހިދާނެއެވެ. މާ ލަސް ނުވަނީސް މަންމައަށް ހެޔޮކޮށް ހިތާށެވެ. އެކަމަނާއަށް ލޯތްބާއި އަޅައިލުން ދޭށެވެ. މަންމަ މަރުވުމުން ''އަހަންނަށް މަންމައާ މެދު ހެޔޮކޮށް ހިތުނު ނަމައޭ'' ބުނަށް ޖެހިދާނެއެވެ. އެފުރުސަތު ލިބިނުގަންނާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!