ޚަބަރު ވިޔަފާރި

ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސީއެސްއޭ އެކްސްޕޯގައި ދިވެހިންގެ ހުނަރު ދައްކާލަނީ: މި އަހަރުގެ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި / ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

ނުވަ ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން (ސީއެސްއޭ އެކްސްޕޯ) ގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީން ހުޅުވާލައިފި އެވެ.

Ads by MPL

ސީއެސްއޭ އެކްސްޕޯއަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ވިޔަފާރިތަކާ އަދި އާންމު ފަރާތްތަކުން ޒިޔާރަތްކުރާ އެކްސްޕޯއެކެވެ. އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް، ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުސަތާއި އުފެއްދުންތައް ގަތުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަން ޗައިނާ ސަރުކާރުގެ ފަރާތުން އަންގާފައިވާ ކަަމަށެވެ. އަދި ރާއްޖޭގެ ފަރާތުން މި އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށެވެ.

ސީއެސްއޭ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރިގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެހެންކަމުން އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުސަތަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓް ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި ދެކޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އިއުލާނާ އެކުގައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ ހަފުތާގެ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދިފަ އެވެ.

ރާއްޖެއަށް ބޫތް ލިބޭ މިންވަރަށް ބަލައި، ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދޭނެކަން އިއުލާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

Ads by Allied Insurance