ޚަބަރު ސަރުކާރު

އަންނަ މަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މައުލޫމާތު ހިއްސާކުރެއްވުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި އަންނަ މަހުގެ ތިން ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Ads by STELCO

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ ތިން ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ރައީސް ހާމަކުރައްވާފައި ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ އެ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއް ވެސް ކުރިމަތިކުރެއްވިދާނެ ކަމަށާއި މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް، ނޫސްވެރިންނަށް ދައުވަތު ދެއްވާފަ އެވެ.

މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދައުވަތު ދެއްވައިފި ނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށް ވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމުގަ އެވެ. ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މައުލޫމާތު ހިއްސާ ކުރުމާ ގުޅުންހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށާ އަދި ކުރިއަށް އޮތް ތަނުގައި ސީދާ ނޫސްވެރިންނަށް ވަގުތު ދެއްވާނެ ކަމުގައި ފާހަގަކުރެއްވި އެވެ.