ނޭދެވޭ އިޖުތިމާއީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް: ރައީސް

ދިވެހި މުޖުތަމައުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާއީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ ކޮންމެ ދާއިރާއަކުން ކަމުގައި ވިނަމަވެސް، އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ އެ ޔުނިވާސިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތް ނަމަ، ގައުމުގެ ކަންކަން އިސްލާހު ވާނީ ކިހިނެއްތޯ ސުވާލު އުފައްދަވައި ރައީސް ވިދާޅުވީ ކީރިތި ގުރުއާނުން ވެސް ދައްކުވައިދޭ މަގަކީ އެއީ ކަމަށެވެ.
"މި މުޖުތަމައުގައި ހުރި އެކި ކަހަލަ ނޭދެވޭ ބަލިތައް. މި ދަންނަވަނީ މެޑިކަލީ ޖެހޭ ބަލިތަކުގެ ވާހަކައެއް ނޫން. އިޖުތިމާއީ ބަލިތައް. އެ ބަލިތަކުން އަޅުގަނޑުމެންގެ މުޖުތަމައު ސަލާމަތް ކުރުމަކީ އިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް. އެއީ ކޮންމެ ދާއިރާއަކުން ކިޔަވައިގެން ތިއްބަސް،" ރައީސް ވިދާޅުވި އެވެ.
ސައްތަ އިންސައްތަ އިސްލާމީ ގައުމެއްގައި، އިސްލާމީ ރީތި އަހުލާގު އަށަގެންނެވުމަށް މަސައްކަތް ކުރުމަކީ އިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި އެއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ހިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ގައުމުގެ ކަންކަން އިސްލާހުނުވާނެ ކަމުގަ އެވެ.
"އަޅުގަނޑުމެންގެ ކަންކަން އިސްލާހު ކުރުމުގެ ހިޔާލާތު، އެ ވިސްނުން އަޅުގަނޑުމެންގެ ނެތީ ވިއްޔާ އަޅުގަނޑުމެންގެ ގައުމުގެ ކަންކަން އިސްލާހެއް ނުވާނެ. އެހެން ބަޔަކު ބޭރުން އައިސް ކުރާނެ ކަމެއް ނޫން އެޔަކީ. އެހެންވީމާ އަޅުގަނޑުމެން އެންމެންގެ އަޒުމަކަށް ވާން ވާނީ މި އަޒުމު،" ރައީސް ވިދާޅުވި އެވެ.

އައިޔޫއެމުން ދަސްވެނިވުމުގެ ސަނަދު ހާސިލުކުރި ދަރިވަރަކަށް ރައީސް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް
ހަމަ އެގޮތަށް މައިންބަފައިންގެ އަޒުމަކަށް ވާން ވާނީ ދަރިންނަށް ލިބުނު ކާމިޔާބީ އާއެކު އެ މަގު ދައްކައިދިނުން ކަމަށާއި ތައުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ އެ ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގައި ފާހަގަކުރެއްވި އެވެ.
ރީތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފި ކަމުގައިވާ ނަމަ، ދިވެހި މުޖުތަމައު އިސްލާހު ކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތް ކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި މި ފިކުރު އަށަގެންނެވިގެން ނޫނީ މުޖުތަމައުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގަ އެވެ.
"އަޅުގަނޑުމެން އެންމެންވެގެން އަޅުގަނޑުމެންގެ މި ގައުމު، އަޅުގަނޑުމެން ބޭނުންވާ ރީތި ގޮތުގައި، ރިވެތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައަކަށް ހެދުމުގައި މަސައްކަތްތަކެއް ކޮށްފިއްޔާ ހަމަ ޔަގީނުން ވެސް މި ކުޑަކުޑަ ގައުމުގެ މި ކުޑަކުޑަ މުޖުތަމައު އިސްލާހު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިސްލާމިކް ޔުނިވާސިޓީ ވަރުގަދަ ކުރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން ޖާގަ އާއި ވަސީލަތުގެ ގޮތުން ޔުނިވާސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނެކަން ފާހަގަކުރެއްވި އެވެ.
ރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ރާއްޖޭގައި މަތީ ތައުލީމު ފެތުރުމުގެ ތާރީހުގައި ފާހަގަކުރެވިގެންދިޔަ ރަސްމިއްޔާތެކެވެ. އެގޮތުން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާއަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް ފުރަތަމަ ފަހަރަށް އަރުވާފައި ވަނީ އެ ރަސްމިއްޔާތުގަ އެވެ. އިސްލާމިކް ޔުނިވާސިޓީން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައި ވަނީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފެތުރެއްވުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސްވަންދެން ހިދުމަތް ކުރައްވާފައިވާ ޝައިހް އިސްމާއިލް މުހައްމަދަށެވެ. ޝައިހް އިސްމާއީލަށް އެ ޝަރަފު ހަވާލުކޮށްދެއްވީ ރައީސް އެވެ.
އޭގެ އިތުރުން ރަސްމިއްޔާތުގައި ސަނަދު ހާސިލުކުރި ބައެއް ދަސްވެނީންނާއި މަތީ ވަނަތައް ހާސިލުކުރި ދަސްވެނީންނަށް ވެސް ރައީސް ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފަ އެވެ.
އިސްލާމިކް ޔުނިވާސިޓީން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.