ޚަބަރު ދީން

މީހުންނަށް ފައިދާ ކޮށްދިނުމަކީ މަތިވެރި ހުލްގެއް، ހެޔޮ ފޯރުވާ މީހާ އުޅޭނީ އިއްޒަތާއި ގަދަރުވެރި ކަމުގައި: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަސްޖިދުއް ނަބަވީގެ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު އިސްލާމީ މަރުކަޒުގައި ހުތުބާ ވިދާޅުވަނީ / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މީހުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ހުލްގު ކަމަށާއި މީހުންނާ ދޭތެރޭ ހެޔޮކޮށް ކަންތައް ކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާ އަދި ގަދަރުވެރި ކަމުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by MPL

އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ މަސްޖިދުއް ނަބަވީގެ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު އެވެ. ހުތުބާގެ މައުޟޫއަކީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ."

ހުތުބާގައި ބުނީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވާފައި ވަނީ ކިޔަމަންގަތުމާއި ހެޔޮ އަމަލުތަކުގައި ކުރިއަރައިދިއުމަށް ކަމަށެވެ. އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށް ކަމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވާފައި ކަމަށެވެ. މާތް ﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކު ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމަށް ކަމަށާ އަދި ހެޔޮކަމާއި ތަގުވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ކަމަށެވެ.

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ހަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް ހުތުބާގައި ބުންޏެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި މީސްތަކުންނާ ހުތުރުބަހުން މުހާތަބުކޮށް އަނިޔާވެރިވާ މީހުންނާއި މީހުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެ މީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލި ކޮށްލާ މީހުންގެ އިތުރުން ތަންދޮރު ނުދަނެ ތިބެ ފަތުވާދީ އުޅޭ މީހުންނާއި އަނިޔާވެރިކަމާއި ފާޖިރުކަމުން ސިފަ ލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ.

ހިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓައި، ފުރެދުމާއި ފަސާދަ އާއި އިލްހާދަށް ގޮވާލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާ މެދު ބިރުވެތިވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

ހުކުރު ހުތުބާގައި ބުނި ގޮތުގައި އެކަކު އަނެކަކަށް ރަހުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެެއް ކަމުގަ އެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. ‎"ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަސިއްޔަތްކޮށް، އަދި މީސްތަކުންނަށް ރަހުމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަސިއްޔަތްކޮށް އުޅުނު މީހުންގެ ތެރެއިން އޭނާ ވާނެތެވެ. ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ."

މާތް ﷲގެ ރަހްމަތާ ކުއްތަންވެގެންވާ މީހުންނީ އެކަލާނގެ ހަލްގުތަކުގެ މައްޗަށް އޯގާވެރިވާ މީހުން ކަމުގައި ފާހަގަކުރި އެވެ. އެފަދަ މީހުންނަށް ﷲ ރަހްމަތް ލައްވައި، އެކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެ ކަމުގަ އެވެ. ކަށްވަޅުގެ އަޒާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކުރައްވާނެ ކަމަށާއި ގިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެކަލާނގެ ހިޔާވަހިކަން ދެއްވާނެ ކަމުގަ އެވެ.

މާތް ﷲ ގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ހުލްގު ކަމުގަ އެވެ. މީހުންނަށް ހެޔޮކޮށް ކަންތައް ކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާއި ގަދަރުވެރި ކަމުގަ އެވެ. ވުމާ އެކު މީހުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވާން ޖެހޭ ކަމުގަ އެވެ.

މިއަދުގެ ހުތުބާގައި ބުނީ އެހީތެރިކަމާއި ދީލަތިކަމާއި ހޭދަކުރުން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. މުށްބާރުނުކޮށް، ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަ ނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލަން ޖެހޭ ކަމަށެވެ. ނުވަތަ ހިތްހެޔޮކަމާ އެކު ރީތިކޮށް އޭނާއަށް ޖަވާބު ދޭން ޖެހޭ ކަމަށެވެ. އޭނާގެ ނިކަމެތިކަމާ ހެދި ސަލާން ޖެހުމުން ހުސްއަތާ ދާން ޖެހުމާއި ހަރުކަށިކަމާއި ނުރުހުން އެކުވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މާތް މީހާގެ ވައުދު އަވަހަށް ފުއްދާނެ ކަމަށާ އަދި ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭ ކަމަށެވެ. އެއްޗެއް ދޭނެ ކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ސަރީހަ ޖަވާބުދިނުން ހެޔޮކަން ބޮޑު ކަމުގައި ފާހަގަކުރި އެވެ.

މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ މީހުންނަށް ޖެހޭ އުނދަގޫތައް ދުރުކޮށްދޭ ބައެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އޭ އެ ބައެއްގެ ދުލުން އީމާންވެ، އެ އީމާންކަން ހިތާ ހަމައަށް ނުފޯރާ މީހުންނޭވެ! ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫ ނުކުރާށެވެ! އެ މީހުންނަށް އައިބު ނުކިޔާށެވެ! އެ މީހުންގެ ކުށްތައް ހޯދައި ހާމަ ނުކުރާށެވެ. އެހެނީ ތިމާގެ މުސްލިމް އަޚާގެ ކުށްތައް ހޯދައި އުޅޭ މީހުންގެ ކުށްތައް މާތް ﷲ ހާމަކުރައްވާ ހުއްޓެވެ. އަދި އެފަދަ މީހާ ގޭގެ އެތެރޭގައި ވިޔަސް މާތް ﷲ އޭނާ ފަލީހަތްކުރައްވާ ހުށްޓެވެ."

ހުކުރު ހުތުބާގައި ބުނި ގޮތުގައި ދުނިޔެއަކީ ދެމިހުރުން ހުރި ތަނެއް ނޫން ކަމުގަ އެވެ. ކޮންމެ މީހަކީ މި ދުނިޔެ ދޫކޮށް ދާނޭ މީހެއް ކަމަށާ އަދި ގޮސްނިމިފައިވާ މީހެއްގެ ދަރިއެއް ކަމުގަ އެވެ. ޒަމާނަކީ ހޭދަވާ ރޭދުވާ ފަދަ ވަގުތުކޮޅަކަށްވާއިރު، މަރު އޮތީ ދާދި ގާތުގައި ކަމުގަ އެވެ. ދިރިހުރި އިންސާނާ ލާ ކޮންމެ ނޭވާއަކީ އޭނާގެ ނަފުސު މަރާ ގާތްކޮށް، ދުނިޔެއަށް އަލްވަދާއު ކިޔާ ނޭވާއެއް ކަމުގަ އެވެ. އެއީ ސުންގަޑި ކަނޑައެޅިފައިވާ ހަޔާތުގެ އުންމީދެއް ކަމަށާއި ދިރިއުޅުމުގެ ބައެއް ކަންކަން ބައެއް ފަހަރު، އިތުރު ފުރުސަތެއް ނެތް ވަގުތަކަށް ގޮސް ނިމޭތަން ފެންނަ ކަމުގަ އެވެ.

"މާތް ﷲގެ އަޅުތަކުންނޭވެ! ހަނދާންކޮށްދޭ މީހެއްގެ އަޑު ނާހައި ތިބާ ހުއްޓުމެއް ނެތި ތިޔަ ގޮތަށް ދާނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތިބާގެ ހަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތެރިޔާއަށް ބީރުކަންފަތެއް ދީގެން އުޅޭނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތަވާޟުއުވެރިވާންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟ ތަހައްޖުދަށް ތެދުވާކަށް އަދިވެސް ނުވޭ ހެއްޔެވެ؟ އަހަރެމެންނަށް މި ތިބެވެނީ ނިދިފައި ހެއްޔެވެ؟ ނޫނީ ހިތުގައި ވިންދު ނުޖަހަނީ ހެއްޔެވެ؟ އަޚާ އެވެ! ތިބާ ނިދި ހަމަކޮށް ތެދުވާށެވެ! ނަރަކައިގެ އަލިފާން އަނއަނދައި ހުއްޓައި ތިބާ ނިދަނީ ހެއްޔެވެ!"

ހުތުބާގައި ބުނީ ނަރަކައިގެ ހޫނު މަޑުވާނެ ދުވަހެއް ނާންނާނެ ކަމަށެވެ. އެއީ އޭގެ އަނގުރު ނިވޭކަށް ހުރި އަލިފާނެއް ނޫން ކަމަށެވެ. ލޮލަށް ފެންނަ މަންޒަރުތަކުން އިބުރަތް ލިބި، ދެކަންފަތުން ދަރުސްތައް އަޑުއަހާ މީހާގެ ގާތަށް އިންޒާރުދޭ މީހާ އަތުވެއްޖެ ކަމަށެވެ. މާތް ﷲ ގެ ކަލިމަފުޅުތައް އޭނާގެ ކަންފަތަށް އެބަ އިއްވޭ ކަމަށެވެ.

"ނިކަމެތިކަމާ އެކު ތިބާގެ ވެރި ރަސްކަލާނގެ ހަޟުރަތަށް ކުއްތަންވާށެވެ! އުޒުރުވެރިކަމާ އެކު އެކަލާނގެ ދީލަތިކަމުގެ ދޮރޯށީގައި ޓަކި ޖަހާށެވެ! އަފޫކުރެއްވުމަށް އެދި ދެއަތް އުފުލައިލާށެވެ!"

އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާންދެން ތައުބާގެ ދޮރުކޮޅު ވަނީ ހުޅުވިފައި ކަމަށެވެ. ރެއާއި ދުވާލު ކުރެވޭ ފާފަތައް ގިނަވިޔަސް ތައުބާވުމުން ﷲ ފާފަފުއްސަވާ ދެއްވާނެ ކަމަށާއި ފާފަފުއްސެވުމަށް އެދި އެކަލާނގެ ހަޟުރަތުގައި ދަންނަވަން މިއަދުގެ ހުކުުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

Ads by Ooredoo