"ދާއިރާ އާ ނުގުޅޭތީ" އިތުރު ސުވާލަށް ފުރުސަތު ނުދިނުމުން މެމްބަރުން ނުރުހިއްޖެ

ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށް ކުރި ސުވާލުގެ ދާއިރާ އާ ނުގުޅޭ ކަމަށް ވިދާޅުވެ އިތުރު ސުވާލު ކުރުމުގެ ވަގުތުގައި ކުރި ސުވާލުތަކަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބަށް ޖަވާބު ދެއްވަން ރިޔާސަތުން ފުރުސަތު ނުދެއްވުމުން މަޖިލިހުގެ ޖަލްސާ ހޫނުވެއްޖެ އެވެ.
މަޖިލިހުގެ މިއަދު ޖަލްސާއަށް މުއްތޮލިބް ހާޒިރުކުރީ ނ. ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ އެތައް ދުވަހެއް ފާއިތުވީއިރު މަސައްކަތް ނުނިމި ދިގުދެމިގެންދާތީ އާއި މަސައްކަތް ނިންމުމަށް ފެށޭނެ ތާރީހަކާއި ނިންމައި ނިޒާމުގެ ބޭނުން ކުރެވޭނެ ތާރީހެއް ސާފުކުރުމަށް އެދި ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.
ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން އިތުރު ސުވާލަށް ހުޅުވާލި ފުރުސަތުގައި އޭނާ ވަނީ ދާއިރާގެ ދެ ރަށް ކަމަށްވާ ވެލިދޫ އާއި ފޮއްދޫގެ ނަރުދަމާ އާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.
އެހެންނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް، އައްބާސްގެ އެ ސުވާލާއި އެފަހުން މެމްބަރުން ކުރެއްވި ގިނަ ސުވާލުތަކަށް ޖަވާބުގެ ފުރުސަތު މިނިސްޓަރަށް ދެއްވާފައެއް ނުވެ އެވެ.
މަޖިލިހުގެ ގަވާއިދާ ހަވާލާދެއްވާ ނާޒިމް ވިދާޅުވީ ފުރުސަތު ދެވޭނީ މިނިސްޓަރަށް ކުރެވޭ ސުވާލާ ގުޅިގެން ކަމަށެވެ. މެމްބަރުން ކުރެއްވި ސުވާލުތަކަކީ މިއަދުގެ ސުވާލާ އަދި މިނިސްޓަރު ދެއްވި ޖަވާބާ ވެސް ގުޅުންހުރި ސުވާލުތަކެއް ނޫން ކަމަށެވެ.

މަޖިލިހުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ނައިބު ރައީސް ނާޒިމް: މެމްބަރުންގެ ސުވާލުތަކަށް ފުރުސަތެއް ނުދެއްވާ / ފޮޓޯ:މަޖިލިސް
ނާޒިމް އެހެން ވިދާޅުވުމުން ބައެއް މެމްބަރުން ވަނީ ޅޮހީގެ ނަން ހިމަނައިގެން މެމްބަރުގެ ދާއިރާގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.
ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ހިމެނޭހެން ސުވާލުތައް ކުރަމުންދަނިކޮށް ޖަލްސާ ހޫނުވެފައި ވަނީ ހުޅުމާލެ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ހުސައިން ޝަރީފުގެ ސުވާލަކަށް ޖަވާބު ދެއްވުމުގެ ފުރުސަތު މިނިސްޓަރަށް ދެއްވުމުންނެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްޓާފް ފްލެޓުތަކާ ގުޅޭގޮތުން ކުރި ސުވާލަށް ދިން ފުރުސަތާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލު އަހްމަދު ނަސީމް ވަނީ އޭނާ ކުރެއްވި ސުވާލު، މިއަދުގެ ސުވާލުގެ ދާއިރާ އާ ނުގުޅި ވެރިކަންކުރާ ޕާޓީގެ މެމްބަރަކު ކުރެއްވި ސުވާލަށް ފުރުސަތު ދެއްވި ގޮތާ ގުޅޭގޮތުން ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ.
"...އަމިއްލަފުޅު ޕާޓީގެ ބޭފުޅެއް ހަމަ އެޔާ ގުޅުންހުރި ސުވާލެއް ކުރެއްވީމާ އޭގެ ގުޅުން ވަރަށް ބޮޑަށް މަނިކުފާނަށް އެބަ ފެނޭ. އިއްޒަތްތެރި ރައީސް، މިހާ ހުދުމުހުތާރުކޮށް މި ރައްޔިތުންގެ މަޖިލިސް ހިނގާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" މީކާއީލު ވިދާޅުވި އެވެ.
މީކާއީލުގެ ނިޒާމީ ނުކުތާއަށް ފަހުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. ޝަމްހީދު ވަނީ މެމްބަރުން މިއަދު ކުރެއްވި ގިނަ ސުވާލުތަކަކީ ރަށްރަށުގައި ހިނގަމުންދާ ޕީއެސްއައިޕީގެ މަޝްރޫއުތަކާ ގުޅުންހުރި ސުވާލުތައް ކަމުގައި ފާހަގަކުރައްވާ އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިހުގެ ޖަލްސާގައި އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް
އެފަހުން ވެސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތު ރިޔާސަތުން ދެއްވާފައި ނުވުމުން ތަޅުމުގައި މެމްބަރުން ވަނީ އަޑުގަދަކުރައްވާފަ އެވެ.
