ޚަބަރު ދީން

ޝަރީއަތުގެ ދެ ވަނަ މަސްދަރަކީ ސުންނަތް، އެކަން ގަބޫލު ނުކުރާ މީހާގެ ދީން ފުރިހަމަ ނުވާނެ: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުކުރު ހުތުބާ ކިޔާއިރު ބަޔަކު ހުތުބާ އަޑުއަހަން އިށީދެލައިގެން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އިސްލާމީ ޝަރީއަތުގެ ފުރަތަމަ މަސްދަރު ކަމުގައި ކީރިތި ގުރްއާން ވީފަދައިން، ކީރިތި ރަސޫލާގެ ސުންނަތަކީ އެ ޝަރީއަތުގެ ދެ ވަނަ މަސްދަރުކަން ކަށަވަރުވާ ކަމަށާއި ގުރްއާން ގަބޫލުކުރި ނަމަވެސް އެކަލޭގެފާނުގެ ސުންނަތް ގަބޫލުނުކުރާ ނަމަ، އެފަދަ މީހެއްގެ ދީން ފުރިހަމަ ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by STELCO

އިސްލާމީ ޝަރީއަތުގައި ސުންނަތުގެ މަގާމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ހިޔާރުކުރައްވާފައިވާ މަގަކީ އިސްލާމްދީން ކަމުގައިވީއިރު، އެކަލާނގެ ހަޒުރަތުން މީސްތަކުންނާ ހަމައަށް މި ދީން އައިސްފައި ވަނީ ކީރިތި ރަސޫލާ މެދުވެރިކުރައްވާ ކަމަށެވެ.

އެކަލޭގެފާނަށް ބާވައިލެއްވުނު މި ދީން އެކުލެވިގެން ވަނީ މައިގަނޑު ދެ މަސްދަރު ކަމަށްވާ ކީރިތި ގުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ﷲ އަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާއަށް ކިޔަމަންވުމަށް ކީރިތި ގުރްއާނުގައި އެކަލާނގެ ވަނީ އަމުރުކުރައްވާފައި ކަަމަށެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާއަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ އަމަލުތައް ބާތިލުވާނެ ކަމަށް ވެސް ވަނީ އަންގަވާފައި ކަމަށެވެ.

ހުކުރު ހުތުބާގައި ބުނި ގޮތުގައި މާތް ﷲ ރަސޫލަކު ފޮނުއްވާފައި ވަނީ ސީދާ މަގަށް މަގު ދެއްކެވުމަށް ކަމުގަ އެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމަކީ ލާޒިމުވެގެންވާ ކަމެއް ކަމަށާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލައިގަންނަން ޖެހޭ ކަމުގަ އެވެ. ކީރިތި ގުރްއާން އައިސްފައި ވަނީ ރަސޫލާގެ ދޫފުޅު މަތީން ކަމުގައިވާއިރު، އެކަލޭގެފާނުގެ ސުންނަތަށް އީމާން ނުވާ މީހާ ގުރްއާނަށް ވެސް އީމާންވާ ކަމުގައި ނުވާނެ ކަމުގަ އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން އަމަލުކުރަން ޖެހޭ ހުރިހާ ކަމެއް މާތް ﷲ ވަނީ ގުރްއާނުގައި ބަޔާންކުރައްވާފައި ކަމަށް ހުތުބާގައި ބުންޏެވެ. ވުމާ އެކު ގުރްއާން ފިޔަވައި އެހެން މަސްދަރަކަށް ބަލަން ނުޖެހޭނެ ކަމަށް އެފަދަ މީހުން ދެކޭ ކަމުގަ އެވެ. ނަމަވެސް އެއީ ވަރަށް ގޯސް ވިސްނުމެއް ކަމުގައި ފާހަގަކުރި އެވެ.

ހުތުބާގައި ބުނީ އިސްލާމީ ޝަރީއަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫއަވުމަކާ ނުލައި، ހަމައެކަނި ގުރްއާނުން ދަލީލު ނަގައިގެން އަމަލުކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. އެގޮތުން ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުނަށްވާއިރު، ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ގުރްއާނުން އެނގެން އޮތް ކަމަށް ވިޔަސް ނަމާދު އަދާކުރަންވީ ގޮތެއް ގުރްއާނުގައި އައިސްފައި ނުވާ ކަމަށެވެ. ހަމަ އެހެންމެ ފަރުޟު ކުރެވުނީ ކިތައް ނަމާދު ކަމެއް ވެސް ގުރްއާނުން އެނގެން ނެތް ކަމަށެވެ.

މި ކަންކަން އެނގެނީ ކީރިތި ރަސޫލާގެ ސުންނަތުން ކަމަށާއި ނަމާދު ކުރަންވީ ގޮތް އެކަލޭގެފާނު ވަނީ ދަސްކޮށްދެއްވާފައި ކަމަށެވެ. ހަމައެފަދައިން ހައްޖުގެ އަޅުކަން އަދާކުރަންވީ ގޮތް ވެސް ރަސޫލާ ވަނީ ދަސްކޮށްދެއްވާފައި ކަމަށެވެ.

ވާރިދުވެފައިވާ ދަލީލުތަކުން އެނގޭ ގޮތުގައި ކީރިތި ރަސޫލާގެ ސުންނަތަކީ އިސްލާމީ ޝަރީއަތުގެ މަސްދަރެއްކަން ކަށަވަރުވާ ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން ސުންނަތާ ނުލައި ދީނުގެ ހުކުމްތައް ނޭނގޭނެކަން ދަންނަން ޖެހޭނެ ކަމަށެވެ.

މިއަދުގެ ހުތުބާގައި ބުނި ގޮތުގައި އިސްލާމީ ޝަރީއަތުގެ ފުރަތަމަ މަސްދަރު ކަމުގައި ކީރިތި ގުރްއާން ވީފަދައިން، ރަސޫލާގެ ސުންނަތަކީ އެ ޝަރީއަތުގެ ދެ ވަނަ މަސްދަރުކަން ކަށަވަރުވާ ކަމުގަ އެވެ. ވުމާ އެކު ގުރްއާން ގަބޫލުކުރި ނަމަވެސް އެކަލޭގެފާނުގެ ސުންނަތް ގަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމަ ނުވާނެ ކަމުގަ އެވެ.

ކީރިތި ގުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމަ އާ ދެމެދުގައިވާ ގުޅުން ކަމުގަ އެވެ. އެ ދެކަލިމައިގެ ގުޅުން ވަކިނުކުރެވޭނޭ ފަދައިން ގުރްއާނާއި ސުންނަތާ ވަކި ނުކުރެވޭނެ ކަމުގަ އެވެ.

ހަގީގަތަކީ މިއީ ކަމުގައި ވިނަމަވެސް، ސުންނަތް ދޫކޮށްލައި ހަމައެކަނި ގަބޫލުކުރާނީ ގުރްއާނޭ ބުނާނެ ބަޔަކު ފަހު ޒަމާނުގައި އަންނާނެ ކަމުގެ ހަބަރު ރަސޫލާ ވަނީ އުއްމަތަށް ދެއްވާފައި ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެފަދަ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް އެކަލޭގެފާނު އިރުޝާދު ދެއްވާފައިވާ ކަމުގަ އެވެ. އެކަލޭގެފާނުގެ ސުންނަތަށް އިންކާރުކުރާ ބައެއް މީހުން ބުނަނީ ރަސޫލާގެ ސުންނަތް އައިސްފައި ވަނީ އެހާ އިތުބާރު ހުރި ގޮތަކަށް ނޫން ކަމުގަ އެވެ. އެހެންކަމުން އެއީ ގަބޫލު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ބުނެ އުޅޭ ކަމުގަ އެވެ.

އެހެންނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. އެއީ ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބަޔަކަށް ވާތީ ކަމުގަ އެވެ. އެ ދީން ﷲ ވަނީ ގިޔާމަތާ ހަމައަށް ދާންދެން ރައްކާތެރިކުރައްވާނެ ކަމަށް ވައުދުވެވޮޑިގެންފައި ކަމުގަ އެވެ. އެކަލޭގެފާނުގެ ސުންނަތް އައިސްފައި ވަނީ، ގުރްއާން ވެސް އައިސްފައިވާ ރޮނގުން ކަމުގަ އެވެ. އެހެންކަމުން ގުރްއާނާއި ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރި ނުކުރެވޭނެ ކަމަށާ އަދި ފުރިހަމަ ވެސް ނުވާނެ ކަމުގަ އެވެ.

މާތް ﷲ ގެ ރުއްސެވުން ލިބެން އޮތީ އެކަލާނގެ ރަސޫލާއަށް ކިޔަމަންގަނެގެންކަން ދަނެ، ކަންކަމާ މެދު ވިސްނައި ފިކުރު ހިންގައި ﷲ އަށް ބިރުވެތިވުމާ އެކު، ދީނުގެ ދެ އަސްލުކަމުގައިވާ ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ހިފަހައްޓައިގެން ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

Ads by Allied Insurance