ވާލާއި ކާޅުގެ އަދަދު ދެނެގަނެ، އެ ތަކެތި ބެލެހެއްޓޭނެ ރަނގަޅު ގޮތެއް ހޯދަނީ

ވާލާއި ކާޅުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތައް ހައްލުކުރުމަށް އެ ތަކެތީގެ އަދަދު ދެނެގަނެ، ބެލެހެއްޓޭނެ ރަނގަޅު ގޮތެއް ހޯދުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއެކު އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މަޝްވަރާކުރައްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމުގައި ވާލާއި ކާޅުގެ ސަބަބުން އުދަނގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެ މީހަކު ކުރި ސުވާލަކާ ގުޅިގެން މާރިޔާ ވިދާޅުވީ އެ ތަކެއްޗާ ގުޅޭގޮތުން ކުރާ މަސައްކަތުގައި އެ މިނިސްޓްރީގެ އިތުރުން ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަދި އީޕީއޭ ހިމެނޭ ކަމަށެެވެ.
ވާލާއި ކާޅު މަރަން ބޭނުން ނުވާ ކަމަށާއި އެ ތަކެއްޗާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އެ ތަކެތީގެ އުދަނގުލާ ކުރިމަތިލާން ޖެހިފައި ވަނީ އެފަދަ ތަކެތި ދިރިއުޅޭ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން މާހައުލު ހަލާކުވުމުން ކަމަށެވެ. ބޭނުން ވަނީ އެ ތަކެއްޗަށް ހިމާޔަތް ދިނުން ކަމަށާއި އެގޮތުން ގަސް އިންދުން ގިނަ ކުރަން ޖެހޭކަން މާރިޔާ ފާހަގަކުރެއްވި އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.
ކަމާ ގުޅިގެން އީޕީއޭ އާއެކު ބޭއްވި ބައްދަލުވުމުގައި ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ސަލާމަތް ކުރުމަށް އެ ތަކެތި މެނޭޖުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އީޕީއޭއިން ވަނީ ވާލާއި ކާޅުގެ އަދަދު ބަލައި ދެނެގަންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އެ އަދަދަށް ބެލުމަށް ފަހުގައި އެ ތަކެތި ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ ކަމަށް އެ އެޖެންސީން ފާހަގަކުރި ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުންޏެވެ.
ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ ކޮންޓްރޯލް ކޮށްގެން އެ ތަކެތި އުނިކުރުމަށް ނުވަތަ މެރުމަށް ވިސްނިދާނެ އީޕީއޭއިން ވަނީ ބުނެފަ އެވެ. އެކަމަކު އެކަން ކުރާނީ އެއީ އެންމެ ފަހު ކަމެއްގެ ގޮތުން ކަމަށް އެ އެޖެންސީން ބުނެފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ފާހަގަކުރި އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ މަގުސަދަކީ ދަނދުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުން ކަމުގަ އެވެ. އެ އާއެކު އާންމު ސަލާމަތްތެރިކަން ޔަގީންކޮށް އަދި ރަނގަޅަށް މައުލޫމާތު ލިބިގެން ރޭވުންތެރިކަމާ އެކު ކަންކަން ބައްޓަންކުރުން ކަމުގަ އެވެ.
އީޕީއޭ އާއެކު މާރިޔާ ބޭއްވި ބައްދަލުވުމުގައި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
