ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަން ބޮޑު، ފުރުސަތުގެ ބޭނުން ހިފަން ޖެހޭ: ހުތުބާ

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި އެ ދުވަސްތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައި މުސްލިމުން ވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މާތް ﷲ ގެ ހަޒުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށެވެ.
ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ. މި ދިހަ ދުވަހަކީ ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށެވެ. މި ދުވަސްތަކުގައި ކުރެވެން އޮތް ރަނގަޅު އަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނޭ ކަމަށެވެ.
މުސްލިމުންނަކީ އަމަލުތަކާއި ވަގުތުތަކުގައި މާތް الله ގެ ބަރަކާތާއި ފުއްސެވުމާއި ރުއްސެވުމުގެ ތެރޭގައި އުޅެން ޖެހޭ ބަޔެއް ކަމަށެވެ. އަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު އަމަލަކީ ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ އަމަލުތައް ކަމަށެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތް ކަމުގެ ތެރޭގައި ﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށްދެއްވުން ހިމެނޭ ކަމުގަ އެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން ދީނުގެ އަހުލުވެރިންނަށް ފުރިހަމަކަން ލިބޭ ކަމުގަ އެވެ. އެ މީހުން ކުރާ އަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭ ކަމުގަ އެވެ. އެ މީހުންގެ ހަޔާތް އަމާންކަމާއި ރައްކާތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަކަށްވެ، ސުލޫކާއި އަހުލާގު ރީތި ސުލޫކު ކަމުގައިވާ ކަމުގަ އެވެ.
އިސްލާމްދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބޭ ކަމުގަ އެވެ. މި ދީން ފޯރުކޮށްދެއްވާފައި ކީރިތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހާ މުސްލިމުންނަށް އެނގޭނެ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ މީހުން ނެރުއްވާފައި ކަމުގަ އެވެ.
މިއަދުގެ ހުތުބާގައި ވަނީ ﷲ ގެ ނިއުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުމުން މީސްތަކުން އިސްލާމްދީނަށް ބައިބަޔަށް ވަންނަން ފެށިކަން ފާހަގަކޮށްފަ އެވެ. މާތް ﷲ ގެ ނިއުމަތްތައް ފުރިހަމަކޮށްދެއްވުމުގައި އިސްލާމްދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވުން ހިމެނޭ ކަމުގަ އެވެ. އިސްލާމްދީން އަރަބިކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ފުހެވިގެން ގޮސްފައިވާ ކަމުގަ އެވެ.
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނައިރު، މާތް ﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައި މުސްލިމުން ވާން ޖެހޭނެ ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. މި ފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ހެޔޮ އަމަލުތައް ގިނަކޮށް، ﷲ ގެ ހަޒުރަތުގައި މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރަން ޖެހޭނެ ކަމުގަ އެވެ.
ހުތުބާގައި ބުނީ މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި ﷲ އަށް ޒިކުރުކުރުން ހިމެނޭ ކަމަށެވެ. މާތް ﷲ ގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އެއް އަމަލަކީ ޒިކުރުކުރުން ކަމަށެވެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި ދުނިޔެ އާއި އާހިރަތުގައި އެކަމުގެ ސަބަބުން ނަޖާވުން ލިބޭނެ ކަމެއް ކަމަށެވެ.
ޒިކުރުކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި ޝައިތާނާގެ މަޅީގައި ޖެހުމުންނާއި ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކާތެރިކޮށްދޭނެ ކަމަށެވެ. މާތް ﷲ އަށް ޒިކުރުކުރާ މީހާގެ މައްޗަށް އެކަލާނގެ ރަހުމަތާއި މަލާއިކަތުންގެ ހެޔޮ ދުއާ ލިބިގެންވާނެ ކަމަށެވެ. މާތް الله ފަރުލުކުރެއްވި އެންމެހާ އަޅުކަންތަކާއި ޒިކުރުކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
