އަރަފާތު ދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފައި، ޒިކުރުކޮށް ދުއާކުރުން ގިނަ ކުރަން ޖެހޭ: ހުތުބާ

އަރަފާތު ދުވަހުގެ މާތްކަން ލިބިގަތުމަށް ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އެ ދުވަހު ރޯދަ ހިފުމާ އެކު ޒިކުރުކުރުމާއި ދުއާކުރުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
އަރަފާތު ދުވަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށެވެ. އެ ދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިވާ ހައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް ﷲ ފުއްސަވައިދެއްވާ ކަމަށެވެ. އެއީ ފާފަފުއްސެވުމާއި އަފޫކުރެއްވުމާ އަދި ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަސް ކަމަށެވެ.
އަރަފާތު ދުވަހަކީ ހައްޖު މަހުގެ ނުވަ ވަނަ ދުވަހެވެ. އެ ދުވަހަކީ މާތް ﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން އަހުދު ކަށަވަރު ހިއްޕެވި ދުވަސް ކަމަށާއި އެކަލާނގެ އޯގާވަންތަކަމާއި ތަނަވަސް ރަހްމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އެ ދުވަހުގެ ސަވާބުން މަހުރޫމް ނުކުރައްވާކަން ފާހަގަކުރި އެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުރުވެގެންވާ ކަމުގަ އެވެ. އެ ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމުގައި ކީރިތި ރަސޫލާގެ ހަދީސުން ސާބިތުވާ ކަމުގަ އެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ އިސްވެ ގޮސްފައިވާ އަހަރުގެ ކުދި ފާފަތައް ފުއްސަވާނެ ކަމެެއް ކަމުގަ އެވެ.
އަރަފާތު ދުވަހު ފާފަފުއްސެވުން އެދި ދުއާ ކުރަން ޖެހޭ ދުވަހެއް ކަމުގައި ފާހަގަކޮށް ހުތުބާގައި ބުނީ އެ ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަސް ކަމަށެވެ. ވުމާ އެކު އަރަފާތު ދުވަހު ޒިކުރުކޮށް، ދުއާކުރުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
ކީރިތި ނަބިއްޔާގެ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އެންމެ ހެޔޮ ދުއާއަކީ އަރަފާތު ދުވަހު ކުރާ ދުއާ އެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ކުރެއްވި އެންމެ ހެޔޮ ދުއާއަކީ (لَا إِلَـٰـهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މި ދުއާ އެވެ.
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި މި މަހުގެ ތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުހާ އީދު ދުވަސް ކަމުގަ އެވެ. އެ ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަސް ކަމަށާއި އުޟުހިޔާ ކަތިލުމުގެ ދުވަސް ކަމުގަ އެވެ. އެއީ ކީރިތި ރަސޫލާ ބާރުއަޅުއްވައި، އެކަލޭގެފާނު އަމަލީ ގޮތުން އެކަން ކުރައްވައި ނަމޫނާ ދައްކަވާފައިވާ ކަމެއް ކަމުގަ އެވެ. އުޟުހިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެެއް ކަމަށާއި ގިނަގުނަ ދަރުމަ އާއި ސަވާބު ހުރި ކަމެއް ކަމުގަ އެވެ.
ހައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަ އަޟުހާ އީދުގެ އުފާވެރި ދުވަސްތަކަކީ ކެއިންބުއިމާއި ޒީނަތްތެރިވެ، އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުޅިވަރު ކުޅުމާއި އުފާފާޅުކުރުމުގެ ދުވަސްތަކެއް ކަމަށް ހުތުބާގައި ބުންޏެވެ. އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއް ވެސް ފާހަގަކުރެވެނީ މާތް ﷲ އަށް ކުރެވޭ މަތިވެރި އަޅުކަމަކުން ކަމަށާއި ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދަކުން ކަމުގައި ފާހަގަކުރި އެވެ.
ހުތުބާގައި ބުނީ އީދު ނަމާދަކީ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ދަތުރުވެރިންގެ އިތުރުން ރަށުގައި ގާއިމުވެ ތިބޭ މީހުން ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެއް ކަމަށެވެ. އަދި އަންހެނުންގެ ތެރެއިން އީދު ނަމާދުގައި ބައިވެރި ނުވެވޭ އުޒުރުވެރިން ވެސް އީދު ހުތުބާ އަޑުއެހުމަށް ރަސޫލާ ބާރުއަޅުއްވާފައިވާ ކަމަށެވެ.
އީދު ދުވަހަކީ އުފާފާޅުކުރުމުގެ ދުވަހަކަށްވާއިރު، އެ ދުވަހު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ، ހެޔޮ ދުއާ އާއި އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރަން ޖެހޭ ކަމަށެވެ. އެ ދުވަހަކީ އެކަކު އަނެކަކާ ސަލާމްކޮށް، އެކަކު އަނެކަކަށް ޒިޔާރަތް ކުރުމުގެ ދުވަސް ކަމަށާއި އީދު ނަމާދަށް ފަހު ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންނަށް ޒިޔާރަތްކޮށް، އީދުގެ ތަހުނިޔާ ކިޔުމާއި އީދު ސަލާމްކުރުން މުސްތަހައްބުވެގެންވާކަން ކަަމަށެވެ. ސަލާމްކުރުމާއި ހިތްހެޔޮކަމުގެ ޝުއޫރުތައް ފާޅުކުރުމަކީ ރަހްމަތްތެރިކަމާއި އެކުވެރިކަން އިތުރުވާ ކަމެއް ކަމަށެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނި ގޮތުގައި އީދު ދުވަހު އުފާކުރުމާއި އުފާފާޅުކުރުމަކީ ހުއްދަ ކަމަކަށް ވިނަމަވެސް އެ ދުވަހު ކުޅިވަރުތައް ކުޅެ، އުފާފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަހުލާގީ އިމުން ބޭރުނުވާ ގޮތަށް ކަމުގަ އެވެ. ތިމާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުމާއި އުނދަގޫތައް ނުވާނެ ގޮތަށް ކަމަށާ އަދި އާންމު މަސްލަހަތަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ހިލާފު ނުވާ ގޮތެއްގެ މަތިން ކަމުގައި ފާހަގަކުރި އެވެ.
