ޚަބަރު ސަރުކާރު

ހުދާގެ މަންދޫބުކަމުގެ ފަތްކޮޅު ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީއަށް އަރުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުދާ އަލީ ޝަރީފުގެ މަންދޫބުކަމުގެ ފަތްކޮޅު ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާއަށް އަރުވަނީ / ފޮޓޯ:ފޮރިން މިނިސްޓްރީ

ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ ދަ އޭޝިއާ އެންޑް ޕެސިފިކް (ޔޫއެންއެސްކެޕް) އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ދާއިމީ މަންދޫބު، ހުދާ އަލީ ޝަރީފް އެކަމަނާގެ މަގާމުގެ ފަތްކޮޅު އދ. ގެ އަންޑާ ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާއަށް އަރުވައިފި އެވެ.

Ads by MPL

ހުދާގެ މަގާމުގެ ފަތްކޮޅު ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީއަށް އަރުވާފައި ވަނީ ތައިލޭންޑުގެ ވެރިރަށް ބެންގްކޮކުގައި ހުންނަ އދ. ގެ ކޮންފަރެންސް ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ހުދާ ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވާފައި ކަމަށެވެ. އެގޮތުން ޔޫއެންއެސްކެޕް އާއެކު ގުޅުން ބަދަހިކޮށް، އެ ޖަމިއްޔާގެ މަސައްކަތްތަކުގައި އިތުރަށް ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ޝައުގުވެރިވާކަން ހާމަކުރައްވާފައިވާ ކަމަށެވެ.

އަދި ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ޔޫއެންއެސްކެޕް އާއެކު އިތުރު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ހުދާ ދެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ ވަނީ ދާއިމީ މަންދޫބު ހުދާއަށް މަރުހަބާ ވިދާޅުވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއަރުވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވިކަން ފާހަގަކުރި އެވެ.

ޔޫއެންއެސްކެޕްއަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގެ 53 މެމްބަރު ގައުމު ހިމެނޭ ކޮމިޝަނެކެވެ. މި ކޮމިޝަނުގެ މައިގަނޑު އަމާޒަކީ ސަރަހައްދީ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ. އޭގެ ތެރޭގައި އެކި ޕްރޮގްރާމުތައް މެދުވެރިކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

ޔޫއެންއެސްކެޕްގެ މެމްބަރު ގައުމަކަށް ރާއްޖެ ވީ 1971 ގަ އެވެ. ދާއިމީ މަންދޫބު ހުދާއަކީ ރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ގައުމަކަށް ވީ ފަހުން އެ ޖަމިއްޔާއަށް ކަނޑައެޅުއްވި ފުރަތަމަ ދާއިމީ މަންދޫބެވެ.

ދާއިމީ މަންދޫބު ހުދާގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ތައިލޭންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލާ ޝަޖްނާ އިބްރާހީމް އިގްބާލް އަދި ސެކަންޑް ސެކްރެޓަރީ ސިޔާނާ ޝިޔާމް ބައިވެރިވެވަޑައިގަތެވެ.

Ads by HDC