ޚަބަރު ސަރުކާރު

4،000 ފްލެޓުގެ މަސައްކަތް ކުރިއަށްދާ ދުވެއްޔާ އަދި ފެންވަރާ ދޭތެރޭ ސަރުކާރުން ހިތްހަމަޖެހޭ: މުއްތޮލިބް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
4،000 ފްލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތުގައި އަރިހުގައި މިނިސްޓަރު މުއްތޮލިބް / ފޮޓޯ:ހައުސިން މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަމުންދާ 4،000 ފްލެޓުގެ މަސައްކަތް ކޮންޓްރެކްޓަރާއި އެފްޑީސީ އާ ގުޅިގެން ކުރަމުން ދަނީ ވަރަށް ރަނގަޅަށް ބަލައިގެން ފެންވަރު ރަނގަޅުކޮށް ކަމަށާއި މަސައްކަތް ނިމެމުންދާ ދުވެއްޔާ އަދި ފެންވަރާ ދޭތެރޭ ސަރުކާރުން ވަރަށް ހިތްހަމަޖެހޭ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

Ads by MPL

އެމްޑީޕީގެ މިދިޔަ ސަރުކާރުގައި އިމާރާތްކުރަން ފެށި އެ ފްލެޓުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފަ އެވެ. އެ ޒިޔާރަތުގައި ފްލެޓުތަކުގެ ނިމިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެފަހުގެ މައުލޫމާތު އެމަނިކުފާނަށް ވަނީ އަރުވާފަ އެވެ.

ފްލެޓުތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތަށްް ފަހު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ނިމެމުންދާ ވަރަކުން އެ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ފްލެޓުތައް ހުރި ސަރަހައްދަށް ޒިޔާރަތް ކުރެއްވީ އެ ފްލެޓުތައް ނިންމުމަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

"[ރައީސްގެ] އެންމެ މުހިންމު ބޭނުމަކީ ބާކީ ހުރި މަސައްކަތްތައް ނުނިމި ލަސްވެ، މި ތަންތަން ރައްޔިތުންނަށް ދިނުމަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް ކަމެއް އޮތްތޯ ބައްލަވައި، އެ ކަންތައްތައް ހައްލުކޮށްދެއްވުމަށް ބާރު އެޅުއްވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރާއި ހަވާލުވިިއިރަށް ވުރެ ބާރު ސްޕީޑެއް މަސައްކަތް ކުރިއަށް ގޮސްފައިވާކަން ފާހަގަކުރައްވައި މުއްތޮލިބު ވިދާޅުވީ ކޮންޓްރެކްޓަރާއި އެފްޑީސީ އާ ގުޅިގެން ވަރަށް ރަނގަޅަށް ބެލިގެން ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ މަސައްކަތް ނިމެމުންދާ ސްޕީޑާ އަދި ކޮލިޓީ އާ ދޭތެރޭގައި. ހަމައެއާއެކު ދަންނަވާލަން ބޭނުން ވަނީ މިހާރު ނިމެމުންދާ މިންވަރަކުން އަޅުގަނޑުމެން އެގްރިމެންޓު ހަދާފައި ފްލެޓުތައް ލިބޭ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މަޝްރޫއުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތް ހިމެނިފައި ނުވާކަން ފާހަގަކުރައްވައި މުއްތޮލިބު ވިދާޅުވީ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާ ގުޅިގެން ވީހާވެސް އަވަހަކަށް ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ހިދުމަތްތައް ގުޅި، މަސައްކަތްތައް ނިމިފައި ހުރި ޓަވަރުތަކަށް މީހުން ވެއްދޭ ހިސާބަށް ދާންވާ އިރަށް ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް އެގްރިމެންޓުކޮށް އެ ތަންތަނަށް ވަނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ "ރައްޔިތުންނަށް މި ލިބިގެންދާ ފްލެޓުތަކަކީ ރަނގަޅު ފެންވަރެއްގައި ނިމިފައި ހުރި، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ރަނގަޅު ދިރިއުޅުމެއް އުޅުމަށް އެކަށީގެންވާ ބޯހިޔާވަހިކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރާ،" ކަމަށެވެ.

ޖުލައި މަސް ތެރޭގައި ފްލެޓުތަކުގެ އެގްރިމަންޓް ހެދުމުގެ މަސައްކަތާ އަދި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު މި ކުރަނީ މިހާރުގެ މަސައްކަތް ގޮއްސައި ހުރި މިންވަރަށް ބަލާއިރުގައި ސެޕްޓެމްބަރުގެ ނިޔަލަށް އަޅުގަނޑުމެންނަށް 4،000 ފްލެޓު ލިބޭ ފަރާތްތަކަށް އެ ފްލެޓުތައް ހަވާލުކޮށް އެ ތަންތަނުގައި އެ ބޭފުޅުން ދިރިއުޅެން ފަށާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.