ފުރަތަމަ ފަސް ގަޑިއިރުތެރޭ 72،000 އަށްވުރެ ގިނަ މީހުން ޢުމްރާއަށް ދާން ރެޖިސްޓްރީ ކޮށްފި

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ރެޖިސްޓްރީވާން ހުޅުވާލުމާއެކު ފުރަތަމަ ފަސް ގަޑިއިރު ތެރޭގައި 72،000 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ވެއްޖެއެވެ.
ކޮވިޑް-19 ފެތުރުމާއި ގުޅިގެން ޙަރަމްފުޅު ބަންދު ކޮށްފައި އޮންނަތާ ހަމަސް ފަހުން، އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޢުމްރާގެ އަޅުކަމަށް އަލުން ހުޅުވާލުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ޢުމްރާގެ އަޅުކަމަށް ހުޅުވާލާއިރު ފުރަތަމަ ހުއްދަދޭން ހަމަޖެހިފައި ވަނީ މައްކާގައި ދިރިއުޅޭ ރައްޔިތުންނަށެވެ.
މައްކާގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދުން ފެށިގެން އުމްރާއަށް ޙަރަމްފުޅަށް ވަދެވޭނެއެވެ. އުމްރާއަށް ރަޖިސްޓްރީ ވާންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ މޯބައިލް އެޕަކުންނެވެ. މި އެޕް އާއްމުކުރުމާއި އެކު ފުރަތަމަ 5 ގަޑިއިރުގެ ތެރޭގައި 72 ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.
ޢުމްރާއަށް ހުޅުވާލުމުން ފުރަތަމަ ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ޙަރަމްފުޅުގެ 30 އިންސައްތަ ޖާގަ ފުރޭވަރަށެވެ. އެއީ ދުވާލަކު 6000 މީހުންނަށެވެ.
ދެވަނަ ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 75 އިންސައްތަ ޖާގަ ފުރޭވަރަށެވެ. އެގޮތުން 15000 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދޭނެއެވެ. މި ފިޔަވަހީގައި ދުވާލަކު 40000 މީހުންނަށް ޙަރަމްފުޅަށް ވަދެވޭނެއެވެ.
ތިންވަނަ ފިޔަވަހީގައި ހުޅުވާލަނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ރަބީލްއައްވަލް މަހުގެ 15 ވަނަދުވަހެވެ. އާއްމުކޮށް ހުޅުވާލާއިރު ހަރަމްފުޅުގެ 100 އިންސައްތަ ހުޅުވާލި ނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައި ވެސް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.