ޚަބަރު

ޝިޕިން ޤަވާއިދު އުވާލީ ނުފޫޒުން ކަމަށް ބުނެ މިނިސްޓަރ ނަހުލާގެ މައްސަލައެއް އޭސީސީ އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝިޕިން އޭޖެންޓުން ރެގިޔުލޭޓު ކުރުމާ ގުޅޭ ގަވާއިދު އެކުލަވާލުމަށް ފަހު، އެ ގަވައިދު އުވާލުމުން ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންސް މިނިސްޓަރު އައިޝަތު ނަހުލާ ގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

Ads by MWSC

މިނިސްޓަރ ނަހުލާގެ އެމައްސަލަ 70 މީހުންގެ ސޮއިއާއެކު ރޭގެ ވަގުތެއްގައި އޭސީސީ އަށް ހުށަހަޅާފައިވާކަން އެކޮމިޝަނުން ވެސް ވަނީ ޔަގީން ކޮށްދީފައެވެ.

އޭސީސީ އަށް ހުށަހެޅި މިމައްސަލައިގެ ސިޓީގައި ބުނެފައި ވަނީ ޝިޕިން އެޖެންސީތައް ރެގިޔުލޭޓު ކުުރުމަށްޓަކާ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އިން 16 ޖުލައި 2020 ވަނަ ދުވަހު ގެޒެޓުކުރި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު ތަންފީޒު ކުރުމަށް މިނިސްޓްރީ އިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ވެސް އެސިޓީގައި ބަޔާން ކޮށްފައިވެއެވެ.

އެގަވައިދު ހިންގާނީ ޓްރާންސްޕޯޓު އޮތޯރިޓީ އިން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައް ބެލެހެއްޓުމުގެ ކަންތައް ބަލަހައްޓާ މިނިސްޓްރީ އިން ކަން އެނގެން އޮންނަ ކަމަށާއި އެ ގަވައިދު އުވާލާ ޝިޕިިން އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް އިންޓާނަލް މެމޯއަކުން މިނިސްޓަރު ޓްރަންސްޕޯޓު އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމަށް ވެސް އޭސީސީ އަށް ހުށަހެޅި މައްސަލައިގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެސިޓީ މެދުވެރިކޮށް އޭސީސީ ގައި އެދިފައި ވަނީ، ޝިޕިން އެޖެންޓުންނާ ބެހޭ ގަވައިދު ބާތިލްކޮށްފައި ވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުން ފާސް ކުރުމެއް ނެތި ކަމަށާއި އެ އޮތޯރިޓީގެ ބަހެއް ނެތި މިނިސްޓަރ ނަހުލާ އަމިއްލަފުޅަށް ގަވައިދު އުވާލައްވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ފެންނާތީ އެ މައްސަލަ ބަލައި ދިނުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!