ހަގީގީ ހާދިސާ ލައިފްސްޓައިލް

މަސްތުގެ އަނދިރި ޙަޔާތުން ލޯ ހުޅުވާލަދިން ޖަލުގޮޅި

ޢަލީ މާޖިދު ، ދެން އޮންލައިން

ދުނިޔެއަށް ފުރަތަަމަ ނޭވާ ލީ ބަރުގޮނުގެ އަޑު ނީވޭ ސާފު ވައި ލިބޭ ރާއްޖެތެރޭގެ މާހައުލަށެވެ. ފޫޅު ކަނޑާ މަސް، ވަޅުލީ އެ އަމާން ބިމަށެވެ. ނަމަވެސް ތަޤުދީރުގެ ނިޔާގައި އުޅެ ބޮޑުވާން ލިޔެވިފައި ވަނީ ކޮންކުރީޓް ހާއްޔެއްގެ ތެރޭގައި ބަންދުވެފައިވާ ހަތަރެސްކަން ގޮޅިއެއްގައެވެ. އާދެ! ފުރަ މާލޭގައެވެ. ނުވަތަ ފުރިފައިވާ މާލޭގައެވެ. މައިންބަފައިން އަހަރެންގެ މުސްތަޤުބަލަށް ޓަކައި ކުރި އުންމީދާއި ދުށް ފޮނި ހުވަފެންތަކުގައި ހަޤީގީ ކުލަ ޖެއްސުމަށް އުފަން ވަޒަނުން ރަށްވެހިކަން ، ހިޖުރަވެރިންނަށް ބަދަލުކޮށް މާލޭގެ ކުލީ އަހުލުވެރިންނަށް ބަދަލުވީއެވެ. 

Ads by STELCO

ހަނދާން ހުންނަނީ ފެށީންސުރެ އަހަރެންގެ ކަންކަން ބަލަހައްޓަމުން އައީ ކޮންދީނެއްގެ ކޮން ނަސްލެއްގެ ކޮން ޤައުމެއްގެ މީހެއް ކަން ވެސް ނޭނގޭ އަންހެނެކެވެ. އެނގޭހައި ވެސް އެއްޗަކީ އެއީ ދިވެއްސެއް ނޫން ކަމެވެ.

އުޅެ ބޮޑުވަމުން ދިޔައީ މިފަދަ ގޮތަކަށެވެ. މަންމަ އޮފީހުގައެވެ. ބައްޕަ ވެސް އޮފީހުގައެވެ. ދިމާ ވަނީ ރޭގަނޑު އެކަންޏެވެ. މުޅި ދުވަސް މި ބުނާ ބޭރު މީހާގެ ބެލެހެއްޓުމުގެ ދަށުގައެވެ. މާތްވި އިސްލާމް ދީނުގެ އެއްވެސް ކަމެއް ދަހެއް ނުކޮށްދެއެވެ. އެ ދައިތަ ބޮލަށް ފަސޭހައަކަށް އަޅުވަނީ ކޮންމެ ވެސް ކާޓޫނެކެވެ. އެ ބެލުމުގައި ދުވަސް ހޭދަ ކޮށްލަނީއެވެ. އުމުރުން ދިހަ ބާރަށް އަހަރަށް އެޅީމާ ބައްޕަ ދިނީ ސްމާޓް ފޯނެކެވެ. މަންމަ ދިނީ ލެޕްޓޮޕްކެވެ. އަހަރެންގެ ކަމަކީ ފިލްމު ބެލުމާއި ގޭމް ކުޅުމެވެ.

މިހެން ދުވަސްތައް ދަމުން ގޮސް ސުކޫލު ދައުރު ނިމިއްޖެއެވެ. ރައްޓެހިން ވެސް ލިބިއްޖެއެވެ. އުޅޭ ތަނެއް ކުރާކަމެއް ބަލާލާނެ މީހަކު ނެތަތީވެ އަހަރެން ފިޔަފަޅާ އުދުހެން ފެށީމެވެ. ހަލަބޮލި މާލޭގެ އެކި ދިމަ ދިމާއަށް އުދުހި ނަޒަރު ހިންގާ ބަލަމުން ދަނިކޮށް ކުލާސްމޭޓަކާ ދިމާވިއެވެ. އޭނާއާއި ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. 

މަންމަ އޮފީހުން ވަކިވެ ގޭގައި ހުންނަން ފަށައިފިއެވެ. ދެން ވާންފެށި ގޮތަކީ ގެއަށް ވަދެއްޖެއްޔާ މަންމަގެ ހާސަރުތަކެވެ. ބައްޕަ އުޅޭ ވަގުތަކު މަންމައާއި ބައްޕަގެ ޒުވާބުގެ އަޑެވެ. މަހުގެ ފަހުކޮޅު ވަކިން އަޑުގަދައެވެ. މި ކަމާ ބޮލުގައި ރިހެން ފެށުމުން ގޭތެރެއިން ބޭރުތެރެއަށް ގިނަވެގެން ދިޔައެވެ. އެއްކަލަ ރަހުމަތްތެރިޔާއާ މި ވާހަކަ ހިއްސާ ކޮށްލީމެވެ. އޭނާ ގެ ވާހަކަ މާ ކުޅަދާނައެވެ.

" ބުރޯ ހާސް ކަނޑާލާ ، އަން މި ފެގް ދަމާލަބަލަ" އެއީ ހަޔާތުގައި ސިނގިރެޓެއްގެ ރަހަ ފުރަތަމަ ލީ ދުވަހެވެ. ފުރަތަމަ ކޮށި އެރިޔަސް ފަހުން އެރަހަ އަހަންނަށް ވެސް ކަމުދިޔައެވެ. މީ މަސްތުގެ ދަންތުރައިގެ ފުރަތަމަ އެތި ފަހަރެވެ.

މިހެން ބޭރުތެރޭގައި އުޅެމުން ރައްޓެހިންގެ ލިސްޓް ދިގުކުރަމުން ދިޔައީމެވެ. ސިނގިރޭޓަކުން ފެށި މަސްތުގެ ދަތުރު ރަލާ ތެލާ ހަކުރާ މިހެން ގޮސް ނަން ހުސްކޮށް ފަހަރަކު ފިޔަވަޅެއް ކުރިޔަށް އަޅަން ފެށީމެވެ. މަސްތުގެ އަނދިރި ދުނިޔޭގައި ހަޔާތް އާރާސްތު ކުރަމުން ދިޔައީމެވެ. އެންމެ މުހިއްމު ބައިވެރިޔަކީ ބަނގުރަލަށް ވެއްޖެއެވެ. ފެން ބޯހެން ރާ ބޯން ބޭނުންވިއެވެ. އެއާ ނުލާ އުޅެން ދަތިވިއެވެ. މި މަސްތުގެ ދަންތުރައިގެ ޝިކާރަކަށްވެ އެންމެ ފަހުން ހުރަގޮޅީގެ މެހެމާނަކަށް އަހަރެން ވެއްޖެއެވެ.

ތެދުމަގު ދައްކަވަން އިރާދަ ކުރެއްވި އަޅަކަށް ތެދުމަގު ދައްކަވާނެއެވެ. އެކަމަށް ކޮންމެ ވެސް ސަބަބެއް މެދުވެރި ވެސް ކުރައްވާނެއެވެ. އަހަރެންގެ މަސްތުގެ އަނދިރި ދުނިޔެއިން ލޯ ހުޅުވާލަދޭން މެދުވެރިވި ސަބަބަކީ ޖަލުގޮޅިއެވެ. އެ ގޮޅީގެ އެކުވެރިޔާއެވެ. އަހަރެން ހައްޔަރު ކޮށްފައިވާ ގޮޅީގައި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައި އިނެވެ. މަސްތީ އަރާމާއި ނުލާ އަންނަން ފުރަތަމަ ވަރަށް އުނދަގޫވިއެވެ. ރޭގަނޑު ތުރުތުރު އެޅުމާއި ނުނިދުމާ މިފަދަ ކަންކަން ދިމާވާން ފެށިއެވެ. ގޮޅީގައިވާ އެކުވެރިޔާ ވަރަށް ރަނގަޅެވެ. ވަރަށް އޯގާތެރިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެމީހުން ވަރަށް ގާތް އެކުވެރިންނަށް ބަދަލުވެގެން ދިޔައެވެ. ވާހަކަތައް ހިއްސާ ކުރަން ފެށީމެވެ. އޭނާގެ ވާހަކަތައް އަސަރާ އެކު ކިޔައިދޭން ފެށިއެވެ.

އެއް ދުވަހަކު އަހަރެން ސުވާލު ކުރީމެވެ. " ހައްޔަރު ކުރީ ކޮށް ކުށަކާ ހެއްޔެވެ؟"

ޖަވާބުގައި ރަޙުމަތްތެރިޔާ ބުނީ ހައްޔަރު ކުރީ ނޫން ކަމަށާއި ހައްޔަރުވީ ކަމަށެވެ، އަދި ހައިރާން ކަމާއެކު އަހަރެން ކުރި އިތުރު ސުވާލުތަކަށް އޭނާ ޖަވާބު ދިނެވެ.

"އަހަރެންގެ އުމުރުން ދިހަ އަހަރުގައި މަންމައާއި ބައްޕަ ނިޔާވެއްޖެ ، ދެން އަހަރެން ބަލާ ބޮޑުކުރީ ބޮޑު ބޭބެ ، ބޮޑުބޭބެގެ ގެއަކީ މަަސްތުގެ ހާއްޔެއް ، އެ ދުވަހުން ފެށިގެން އަހަރެން ސުކޫލަކަށް ނުފޮނުވާ އަހަރެންގެ މަސައްކަތަކީ ބޮޑުބެގެ އެ ވިޔަފާރި ކޮށްދިނުން ، ކުޑަ ކުއްޖަކަށް ވީމާ މީހުން ޝައްކެއް ވެސް ނުކުރާނެއްނު  ، އަހަންނަށް އެކަމުން ސަލާމަތް ވެވޭނެ ގޮތަކީ މީކަން އެނގުމުން އަހަރެން އަމިއްލައަށް އެ ޖަންގަލިން ނުކުތީ، "

އެދުވަހަށް ފަހު އަހަންނަށް ހަޔާތާ މެދު ވިސްނާ ލެވުނެވެ. އުއްމީދެއް އާލާވިއެވެ. އެކުވެރިޔާ ގޮޅިތެރޭ ނަމާދުކޮށް ޤުރުއާން ކިޔަވާ މަންޒަރުން އަހަރެންގެ ހިތަށް އަސަރު ކުރާން ފެށިއެވެ. އޭނާ ދޭ ނަސޭހަތް ޤަބޫލު ކުރެވެން ފެށިއެވެ. އޭނާގެ ހިތްވަރު ފެނި އަޒުމު އާލާވިއެވެ.މަޑުމަޑުން އަހަރެން ނަމާދު ކުރަން ފެށީމެވެ. އަނދިރިކަމުން އަލިކަމަށް ހޭލެވެން ފެށިއެވެ. ކުރެވުނު ކަންތަކާ މެދު ދެރަވެ ހިތާމަކުރަން ފެށުނެވެ. އެކުވެރިޔާގެ ހިތްވަރުގެ ބަސްތަކުން ހިތްވަރު ލިބޭތީ ހިތްހަޖެހުމެއް ލިބެމުން ދިޔައެވެ. ތެދެކެވެ. މަސްތަކީ ސަޅިކަމެއް ނޫނެވެ. އެއީ ގެއްލުމާއި ހަލާކެވެ. ނިކަން ވިސްނާލަބަލާށެވެ. ލޯބިވާ ޢާއިލާ ގެއްލި އަނބިދަރިން ގެއްލި ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލި އަމިއްލަ ސިފަ ގެއްލި އެދަނީ އެކަން ސަޅިކަމުން ހެއްޔެވެ. ނޫނެކެވެ. އެއީ ބޮޑު އޮޅުވައިލުމެކެވެ. މަސްތަކީ އެއްވެސް ސަޅި ކަމެއް ނޫނެވެ. އެއީ ހަމަ ހަލާކެވެ.

މި ވަބާގައި ހައްޔަރުވެ މުޅި ހަޔާތް މަސްތުގެ ދުނިޔޭގައި ހޭދަކުރަމުން ދާ އެކުވެރިންނޭވެ. އަހަރެންގެ އެކުވެރިޔާ ފަދަ އެކުވެރިޔަކަށް ވާށެވެ. މަސްތާ ދެކޮޅަށް ނޫނެކޭ ބުނާށެވެ. ފުރަތަަމަ އުނދަގޫ ވިޔަސް ހަމަ ކުޑަ ކުޑަ ހިތްވަރަކުން ތެދުވެވޭނެއެވެ. ތެދުވާށެވެ. ތެދުވާން އެބަ ޖެހެއެވެ. ހިތްވަރު ދޭށެވެ. ނަސޭހަތް ދޭށެވެ. ރަނގަޅުވާން ހުރި މީހަކަށް މަގެއް ފެންނާނެއެވެ.

އަހަންނަށް ޖަލުގޮޅި ވީ ހުރަގެއަކަށް ނޫނެވެ. މަސްތުގެ އަނދިރި ދުނިޔެއިން ލޯ ހުޅުވާލަދިން ގެއަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!