ކުރީގެ އަރަބިއްޔާ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި
ކުރީގެ އަރަބިއްޔާ އިމާރާތް ތަޅައިލުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މާލެ ތޮއްޖެހުން ކުޑަކުރުމާއި ދިރިއުޅުމަށް ހިތްފަސޭހަ މާޙައުލެއް މާލެ ރައްޔިތުންނަށް ހޯދައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ކަމަށެވެ. އަދި އެ ސަހަރަހައްދަކީ މީހުން ތޮއްޖެހުމާއި ޓްރެފިކް ބާރު ބޮޑު ހިސާބެއްކަމުން، އެ ސަރަހައްދުގައި ޕާކިންގ ޒޯންއަކާއި ޕާކެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށާއި ދޮޅުމަހެއްހާ ދުވަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރު ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެ ސަރަހައްދަކީ ސްކޫލްތައް ގިނަ ހިސާބަކަށްވާތީ، ދަރިވަރުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަވާ ކަމަށާއި ކުރިއަށް އޮތީ ދަރިވަރުންގެ އިމްތިހާނު ދުވަސްވަރަށްވުމާ އެކު މަގުމަތީގެ ހަލަބޮލިކަމަށް ވެސް ބަލައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ.
"ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ބޭނުންވޭ މި ތަން އެއްކޮށް ސާފުކުރުމަށް ފަހު، ހިތްފަސޭހަ ޕާކަކާއި ޕާކިން ޒޯނެއް ތަރައްޤީކުރުން. މަސައްކަތުގެ ސްޕީޑް ވަރަށް ބާރުވާނެ. އަޅުގަނޑުމެން ވިސްނާނެ ކުދިންގެ ކިޔެވުމަށް. އާންމުންގެ ދަތިކަމަށް." ވަޒީރު ޝަރީފް ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލް ބައުވެ ދަރިވަރުންނަށް ރައްކާތެރިކަން ނެތުމުން، އަރަބިއްޔާގެ ދަރިވަރުން ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި އިމާރާތަށް ބަދަލުކުރެވިފައެވެ. އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފައެވެ.
