ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އެއްފަހަރާ 2 ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ފަށައިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.
އެމްއޭސީއެލްއިން ބުނީ މި މަޝްރޫޢުއަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން ކުރެވެމުންދާ މަސައްކަތެއް ކަމަށާއި 3 މަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމައިލެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި 2023ވަނަ އަހަރު ސެޕްޓެމްބަރު މަހު ވަނީ 24 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ، މި މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ބާކީ އޮތް 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސްގެ 22،000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައި ކަމަށެވެ.
މި މަޝްރޫޢުއަކީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލު ކުރެވިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

