ޕީއެންސީ ޕްރައިމަރީގައި 308 ކެންޑިޑޭޓުން ނިކުމެއްޖެ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގެރެސް(ޕީއެންސީ)ގެ ޕްރައިމަރީ އޮންނާނެ ދާއިރާތަކާއި ކެންޑިޑޭޓުންގެ މަޢުލޫމާތު އާންމުކޮށްފިއެވެ.
ޕީއެންސީ އާންކޮށްފައިވާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި 94 ދާއިރާއަކަށް 308 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށް ޕީއެންސީއިން ބުނެއެވެ.
ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ޝަކުވާއެއް ޕާޓީ އޮފީހަށް ފޮނުއްވާނީ އިންތިޚާބީ ޝަކުވާ ހުށަހެޅުމަށް ޚާއްސަ ނަންބަރު 9323686އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށް ޕީއެންސީއިން ބުނެއެވެ.
ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މި ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. މިއީ އެ ޕާޓީން ބާއްވާ އެންމެ ބޮޑު ޕްރައިމަރީއެވެ. މި ޕްރައިމަރީގައި 26،000 ވުރެ ގިނަ މެންބަރުންނަށް ވޯޓު ލެވޭނެ ކަމަށް ޕީއެންސީ މަޢުލޫމާތުދެއެވެ.
