މަސްތުވާތަކެތީގެ މައްސަލައިގައި ދީޕިކާ އާއި ސުވާލުކުރި އެންސީބީ އޮފިސަރު ކޮވިޑަށް ފައްސިވެއްޖެ
ބޮލީވުޑްގެ ބައެއް ތަރިންނާއި ދެކޮޅަށް އުފުލިފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން އާއި ސުވާލުކުރި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ އެއް އޮފިސަރު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ ޑެޕިއުޓީ ޑިރެކްޓަރ ކޭޕީއެސް މަލޯތުރާ އެވެ. މަލޯތުރާ ކޮވިޑަށް ފައްސިވުމާއި ގުޅިގެން ދީޕިކާ ކަރަންޓީނު ކުރާނެ ކަން ނުވަތަ ޓެސްޓު ކުރާނެ ކަން އެއްވެސް ރިޕޯޓެއްގައި އަދި ހާމަ ކޮށްފައެއް ނުވެއެވެ.
އެންސީބީން ތަހުގީގު ކުރަމުން ގެންދަނީ ސުޝާންތު ރާޖްޕޫތު ސިންގްގެ މަރުގެ ތަހުގީގާ ގުޅިގެން ފެންމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައާ ބޮލީވުޑްގެ އެންމެ މަތީ ފަންތީގެ ބައެއް މީހުން މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމުގެ މައްސަލައެވެ.
އެގޮތުން ދީޕިކާ ޕަދުކޯން އާއި، ޝްރައްދާ ކަޕޫރް، ރަކުލްޕްރީތު ސިންގް އަދި ސާރާ އަލީ ޚާން ވެސް ވަނީ މިމައްސަލައިގެ ތަހުގީގަށް އެންސީބީ އަށް ހާޒިރު ކޮށްފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިހަތަރު މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ އެއްވެސް ގުޅުމެއްވާކަން ހާމަވެފައެއް ނުވެއެވެ. އަދި އެ އެންމެން ވެސް ބުނެފައި ވަނީ އެމީހުން މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށެވެ. ނަމަވެސް އެމީހުންގެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.