ސިޔާސީ

ފައިސާ ބެހިކަމަށް ފަތުރާ ދޮގު ޚަބަރުތަކުން ޕީއެންސީގެ ޕީޖީ ގްރޫޕް ބައިބައެއް ނުކުރެވޭނެ: ޝުޖާއު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

ފައިސާ ދިންކަމަށް ބުނެ ފަތުރަމުންދާ ދޮގު ޚަބަރުތަކުގެ ސަބަބުން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ބަދަހިކަން ނަގާލައި އެ ގްރޫޕް ރޫޅައިނުލެވޭނެ ކަމަށް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Allied

މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އަދަދު" ނޫހުން ނެރެފައިވާ ޚަބަރެއްގައި ޕީއެންސީގެ މެންބަރުންނަށް ބައި ލައްކަ ރުފިޔާ ބަހާފައިވާ ކަމަށް ތުހުމަތުކޮށްފައިވާތީ، އެކަމަށް ރައްދުދެއްވަމުން ޝުޖާއު ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް ވެސް މާލީ ގޮތުން ލިބެމުންދަނީ އިދިކޮޅު އެމްޑީޕީއާއި އެހެނިހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށް ވެސް ދައުލަތުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މުސާރައާއި އިނާޔަތްތައް އެކަންޏެވެ.

ސިޔާސީ މަގުސަދެއްގައި ފިތުނަ އުފެއްދުމަށްޓަކައި މިފަދަ އަސްލެއް ނެތް ވާހަކަތައް ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން، ޝުޖާއު ވިދާޅުވީ މިއީ ޕީއެންސީގެ މެންބަރުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާ ނާކާމިޔާބު މަސައްކަތެއް ކަމަށެވެ. އަދި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބިފައިވާ ބޮޑު އަޣުލަބިއްޔަތުގެ ބޭނުން ހިފާނީ ހަމައެކަނި ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިއެރުމާއި މަންފާއަށްކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޝުޖާއުގެ އިތުރުން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން އަންނަނީ މި ތުހުމަތުތައް ދޮގުކުރައްވައި ޝުޢޫރު ފާޅުކުރައްވަމުންނެވެ. ފަހަކަށް އައިސް ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ސާބިތުނުހިފޭ ތުހުމަތުތައް ބައެއް މީޑިއާތަކުން ފަތުރަމުންދާކަން އާންމުން ވެސް އަންނަނީ ފާހަގަކުރަމުންނެވެ.

Ads by Allied Insurance