ޚަބަރު

ސަފާރީ ރޭޕް ކޭސް: ވިކްޓިމްގެ ބަޔާން ބަދަލުކުރި ކަމުގެ ތުހުމަތު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ ޖޫން މަހު، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުންނަށް ދީފައިވާ ބަޔާނަށް އުނިއިތުރު ގެނެސް، އެބިދޭސީ މީހާގެ ޤާނޫނީ ވަކީލުންނަށް ހަޖޫ ޖެހި މައްސަލައެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.

Ads by STELCO

ބިދޭސީ އަންހެންމީހާގެ ދިފާޢުގައި މަސައްކަތް ކުރައްވާ އެއް ވަކީލު ކަމަށްވާ ޝަފިއްޔާ ރިޒާ ރޭގައި ވަނީ، އެމަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ޓްވިޓާގައި އާއްމު ކުރައްވާފައެވެ.

އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެއްވަމުން ޝަފިއްޔާ ވިދާޅުވެފައިވަނީ އެ ވީޑިއޯއަކީ ފުލުހުން ނެގި ބަޔާނެއް ހިއްސާކުރަން އުޅުމުގެ ތެރޭގައި އޮޅުމަކުން ހިއްސާކުރެވުނު ވީޑިއޯއެއް ކަމަށެވެ.

"އަސްލު ކަން ވީ ގޮތަކީ އަޅުގަނޑުމެންގެ ސެޝަންގެ ބްރޭކެއް ނެގީ، ތިމަންނާމެން ތިން މިނެޓުގެ ތެރޭގައި 13 ސެޕްޓެމްބަރުގައި ނެގި ވީޑިއޯ ސްޓޭޓްމަންޓްގެ ބަޔާން ސްކްރީން ޝެއާކޮށްގެން ދައްކާނަމޭ ކިޔާފައި. ތިން މިނެޓަށް ނެގި އެ ބްރޭކް ބަދަލުވެގެންދިޔައީ 20 މިނެޓަށް. އެވަގުތުކޮޅު ތެރޭގައި ދެއްކި ވާހަކަތަކެއް މިހިރީ އޮޅިގެން ފޮނުވިފައި،" ޝަފިއްޔާ ވިދާޅުވެފައި ވެއެވެ.

ޝަފިއްޔާ ވިދާޅުވީ ވިކްޓިމްގެ ބަޔާން އޮންނަންވާނީ ވިކްޓިމް ކިޔައިދިން ގޮތަށް ކަމަށާއި އެއަށް ފުލުހުންނަށް އުނިއިތުރެއް ނުގެނެވޭނެ ކަމަށެވެ.

"ވިކްޓިމްގެ ސްޓޭޓްމަންޓަކާ ނުކުޅެވޭނެ. ވިކްޓިމް ބުނާ ބަހަކުން ބުނާ ގޮތަކަށް އޮންނަން ޖެހޭނީ. އެހެންވީމަ ފެންނަ ނުފެންނައަށް، ފުލުހުންނަށް ފެނުނީމަ ވަކި ބަސްތަކެއް ލާފައި ވަކި ތަންތަން އުނިކޮށްފައި އެހެން ނުހެދޭނެ. ފުލުހުންނަކީ ވިކްޓިމްގެ ހައްގުތައް ހިމާޔަތްކޮށް، ވިކްޓިމްގެ މަސްލަހަތު ރިޕްރެޒެންޓް ކޮށްދޭން ޖެހޭ ފަރާތް. މިގޮތަށް ވަކީލުންނާ ބެހޭގޮތުން ވާހަކަ ދައްކާފައި ވިކްޓިމްގެ ބަޔާނަށް ބަދަލުގެންނަން އުޅޭކަމަށް ވާހަކަތަކެއް ހުރީމަ އެބަ އެނގޭ މި ކޭސްގައި ފުލުހުންގެ ނިޔަތް،" އެނޫހަށް މައުލޫމާތު ދެއްވަމުން ޝަފިއްޔާ ވިދާޅުވެފައިވެއެވެ.

ވިކްޓިމްގެ ޤާނޫނީ ވަކީލު ޝަފިއްޔާ ވިދާޅުވީ ފުލުހުންނަށް އޮޅިގެން ފޮނުވުނު ވީޑިއޯގައި އިންވެސްޓިގޭޓިން އޮފިސަރުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، މި މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޓިން އޮފިސަރުން ބަދަލުކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި މި މައްސަލަ ބަލައިދިނުމަށް އެދި އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!