ލައިފްސްޓައިލް

ލޯތްބަކީ ވާ އެއްޗެއްތަ؟ނޫނީ ވެވޭ އެއްޗެއްތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލޯބީގެ ބަހުސްތަކަކީ ނިމުމެއް ނެތް އެއްޗެކޭ ބުނާ އަޑު އަހަމެވެ. އަބަދާއި އަބަދު އެވާހަކަތައް ދެއްކި ކަމުގައި ވިޔަސް، އެއްވެސް ކޮޅަކަށް ލޯބީގެ ބަހުސްތަކުގައި ބުރަ ނުވެވޭނެ ކަމަށް ބުނެ އުޅެއެވެ. އެގޮތުން ލޯބީގެ ބަހުސްތަކުގެ ތެރެއިން ކުރެވޭ އެއް ބަހުސަކީ، ލޯތްބަކީ ވެވޭ އެއްޗެއް ތޯ ނުވަތަ ވާ އެއްޗެއްތޯ ކުރެވޭ ބަހުސެވެ.

Ads by Sosun Fihaara

ލޯތްބަކީ ވާ އެއްޗެއްކަމަށް ގަބޫލު ކުރަނީ މަދު ބައެކެވެ. ލޯތްބަކީ ވާ އެއްޗެއް ކަމަށް ގަބޫލު ކުރާ މީހުން ދައްކާ ވާހަކަ އަކީ ހެއްޔެވެ؟ އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުން ލޯބި ވެވޭނެ ކަމަށް އެމީހުން ބުނެއެވެ.ލޯބި ނުވެ އާއިލާއިން މަޖުބޫރު ކޮށްގެން ކައިވެނި ކުރާ އެތައް ދެމަފިރިންނެއް ލޯބިން އުޅޭކަން ފާހަގަ ކޮށް އެމީހުން މިސާލު ޖަހައެވެ. އަނެކާއާ ދޭތެރޭ ވިސްނަނީ ވެސް އަމިއްލަ އިޚްތިޔާރުގައި ކަމަށް އެމީހުން ގަބޫލު ކުރެއެވެ. ތިމާއަށް ތިމާ ވިސްނާ ކަންކަމަށް އިޚްތިޔާރު އޮންނާނެ ކަމުގައި ވެސް ފާހަގަ ކުރެއެވެ.

މިއީ ތެދެއް ހެއްޔެވެ؟ އަނެކާއާ ދޭތެރޭ ތިބާއަށް އަބަދު ވިސްނެނީ ތިބާ އަމިއްލަ އިޚްތިޔާރުގައި ހެއްޔެވެ؟ އޭނާ ނުފެންނަތާ ނުވަތަ އޭނާއާ ވާހަކަ ދައްކައި ނުލެވޭތާ ގިނައިރު ތަކެއް ވުމުން އޭނާގެ މަތިން ހަނދާންވެ ހިތް ނުތަނަވަސް ވުމަކީ ވެސް ގަސްދުގައި ކުރާ ކަމެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް އޭނާގެ ޚިޔާލުތަކާއި  ދުރަށް ދާން މަސައްކަތް ކުރިކަމުގައި ވިޔަސް އަބަދުމެ އެޚިޔާލުތައް ސިކުނޑީގައި ހަރުލާފައި ހުރޭ ހެއްޔެވެ؟ އޭނާ ދުށުމަށް ތިބާގެ ލޯ އަބަދުމެ އެދޭ ހެއްޔެވެ؟ އެ އިހުސާސްތަކަށް ތިބާ ދެނީ ކޮން ނަމެއް ހެއްޔެވެ؟ އެއީ ލޯބި ނޫން ކަމުގައި ވާނަމަ ދެން ފަހެ އެއީ ކޮން އެއްޗެއް ހެއްޔެވެ؟

މިހުރީ ހުސް ސުވާލެވެ. މި ސުވާލުތައް ގިނަ ބަޔަކާއި ކޮށްލުމުން ލިބުނީ އެއްކަހަލަ ޖަވާބު ތަކެކެވެ. އަނެކާއާ ދޭތެރޭ ވިސްނެނީ އަމިއްލަ އިޚްތިޔާރުގައި ނޫން ކަމަށާއި ބޭއިޚްތިޔާރުގައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ގިނައިން ބައްދަލުވެ އެކީގައި ވަގުތުތައް ހޭދަ ކުރާނަމަ ކިތައްމެ ވަރަށް އަނެކާއާ ދޭތެރޭ ނުވިސްނަން މަސައްކަތް ކުރި ނަމަވެސް އެ ޚިޔާލުތަކުން ދުރަށް ނުދެވޭ ކަމުގައި އެމީހުން ގަބޫލު ކުރެއެވެ. އޭނާގެ ވާހަކަ ތިބާގެ އެންމެ ގާތް އެކުވެރިޔާގެ ގާތުގައި މާގިނައިން ދެއްކެން ވެސް ދެއްކޭ ނޫން ހެއްޔެވެ.

އެވަރުން ވެސް ތިބާއަށް ލޯބި ވެވިފައިވާ ކަމެއް ތިބާ ގަބޫލެއް ނުކުރެއެވެ. ކީއްވެގެން ހެއްޔެވެ؟ ގަބޫލު ކުރިއަސް ނުކުރިއަސް ލޯބި ތިބާއަށް ވެވެނީ ތިބާއަށް ނުވެސް އެނގި ހުއްޓައެވެ. ލޯބީގެ ޖަލުގައި ތިބާ ގައިދު ވަނީ ތިބާއަށް އަންގާ ވެސް ނުލައެވެ. ހަގީގަތަކީ އެއީއެވެ. ތިބާ ކުރިން އެންމެ ނަފްރަތު ކުރާ މީހާ ދެކެ ނުވަތަ ތިބާ ދުވަހަކުވެސް ލޯބި ނުވާނަމޭ ހިތަށް އަރުވައިގެން ހުރި މީހަކު ދެކެ ވެސް ހަމަ ލޯބި ވެވިދާނެއެވެ. ގަސްދުގައި އެއް ނޫނެވެ. ބޭއިޚްތިޔާރުގައެވެ.

މޮޅެތި ޝާއިރުން ވެސް ލޯބި ސިފަކޮށްފައި އޮންނަނީ، އެއީ އިންސާނާގެ ހިތުގައި އޭނާގެ އިޚްތިޔާރަކާ ނުލާ އުފެދޭ ޖަޒުބާތެއްގެ ގޮތުގައެވެ. ފަހަރުގައި ލޯބި ގަސްދުގައި ވާ މީހުން ވެސް އުޅެފާނެއެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތަށް އަޅުގަނޑު ވެސް ގަބޫލު ކުރަނީ ލޯތްބަކީ ވެވޭ އެއްޗެއް ކަމަށެވެ. ލޯބީގެ ދަލުގައި ތިބާޖެހި ތިބާ އާވާރާ ވާނީ ކޮންއިރަކު ކަމެއް ހަމަ ތިބާއަށް ވެސް ނޭނގޭނެއެވެ.

މިއީ ނިމުމެއް ނެތް ބަހުސެކެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުމެ ކުރާ ބަހުސެކެވެ. ލޯތްބަކީ ހަމަ ވާ އެއްޗެއްބާއޭ ނުވަތަ ވެވޭ އެއްޗެއް ބާއޭ އަޅުގަނޑުގެ ހިތަށް އަރަނީ މި ސަބަބަށް ޓަކައެވެ.

  1. ހިތަކީ ހާދަ ތަފާތު އެއްޗެއްތާއެ، ނަމަވެސް ސިނކުނޑި ފުރިހަމަ ނަމަ ބޭނުން ގޮތަކަށް ލޯބި ގެންގުޅެވޭނެތާއޭ . . ލޯތްބެއް ލޯތްބަކަށް ނެއް. .