އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރ އިމްރާންއަށް މިއަދު ނޯޓިސް ފޮނުވާނެ: ރައީސް ނަޝީދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިހަށް ޖަވާބުދާރީވާން ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 11 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަޔާ ގުޅިގެންނެވެ.
"އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ކުރިން އިމްރާނަށް ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު އަޅުގަނޑު ފޮނުވާނަން، އަދި އެނޯޓިސްގެ މުއްދަތު ހަމަވުމުން އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
އަދި ގާނޫނުއަސާސީގައި އޮންނަ ގޮތުގެ މަތިން މައްސަލަ ހުށަހެޅިފައިވާތީ އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެއެވެ. އަދި އެ ވަޒީރަކަށް ޖަވާބުދާރީވާން 14 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.