ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައެއް: އަޑުއެހުންތައް ނިންމާލިތާ ދެމަސް، އަދިވެސް ހުކުމް ނުއިއްވާ!
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި އޮންނަތާ މިއަދަށް މި ވަނީ ދެމަސް ވެއްޖެއެވެ.
ނަމަވެސް އެމައްސަލައިގައި ހައިކޯޓުން އަދިވެސް ހުކުމެއް ކޮށްފައި ނުވާކަން އިދިކޮޅުން ވަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑާ ކުރިކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އެހުކުމް އިސްތިއުނާފް ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ހުށަހަޅާފައިވަނީ އޭގެ ދެ ދުވަސް ފަހުންނެވެ.
އެމައްސަލައިގެ އަޑުއެހުމެއް މީގެ ދެމަސް ކުރިން އެންމެ ފަހުން ބާއްވާފައިވާއިރު، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އެޝަރީޢަތުގަައި ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް ހުކުމް އިއްވުމުގެ ޝަރީޢަތެއް އަދިވެސް ބާއްވާފައެއް ނުވެއެވެ.
މިކަމާއި ގުޅޭގޮތުން އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ލީޑަރ ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ އެމައްސަލައިގައި ހުކުމެއް ނުކޮށް ގިނަ ދުވަސް ވަނީ ރައީސް ޔާމީނަށް "އަނިޔާވެރިވުމުގެ" ގޮތުން ކަމަށެވެ.
"އަދުލު އިންސާފު ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެމުން ދާއިރު، އިންސާފު ނުލިބި ލަސްވުމަކީ ވެސް އިންސާފު ނުލިބުން" އަދުރޭ ވިދާޅުވިއެވެ.