ދ. އަތޮޅުގައި ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޗްއީއޯސީގެ ޓީމެއް މަސައްކަތް ފަށައިފި

ދ. އަތޮޅުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19، ފެތުރޭ މިންވަރު އެނަލައިޒްކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ޓީމެއް، އެއަތޮޅުގައި މަސައްކަތް ފަށައިފިއެވެ.
ދ. އަތޮޅުގައި ކޮވިޑް ފެތުރުން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެއަތޮޅުގައި ގާއިމު ކޮށްފައިވާ ކަނޑިންމަ ރިސޯޓުން ގިނަ އަދަދެއް ކޭސްތަކެއް ވަނީ ފެނިފައެވެ. އަދި އެރިސޯޓު މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު، އެރިސޯޓުގެ މުވައްޒަފަކު ހާލު ދެރަވެގެން އެތަޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވިއިރު ކޮވިޑް-19 އަށް ފައްސިކަން ފަހުން ވަނީ އެނގިފައެވެ.
އޭގެ ފަހުން އެރިސޯޓުން އެކި މީހުން މިބައްޔަށް ޓެސްޓު ކޮށްފައިވާއިރު، މިހާރު ޖުމްލަ 46 މީހުން ވަނީ މިބައްޔަށް ފައްސި ވެފައެވެ. އެއާއެކު ކަނޑިންމަ ރިސޯޓު މިހާރު ވެފައިވަނީ މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވީ ރިސޯޓަށެވެ.