ދީން

ޓީޗަރެއްގެ ގޮތުގައި ކްރިސްޓިއަންދީން ފަތުރަން އުޅުނު އަންހެނާގެ ޙަޔާތް ބަދަލުވެގެން ދިޔައީ އޭނާއަށާއި ދަރީންނަށް ހިދާޔަތް ލިބިގެން

ދެން އެމްވީ ، ދެން އޮންލައިން

ނެތުމުގެ ތެރެއިން ދުނިޔެއަށް އައި އިންސާނުންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އެއުރެންގެ ވެރި ރައްބުﷲ ތަޢާލާގެ ހިދާޔަތް ލިބުމެވެ. މިކަން އެންމެ ބޮޑަށް އިޙްޞާޞް ކުރެވޭނީ މުސްލިމް ދެމަފިރިއެއްގެ އަތްމައްޗަށް އުފަންވެ ، މުސްލިމެއްގެ ގޮތުގައި ހެދި ބޮޑުވާ އިންސާނާއަށް ވުރެ ޣާފިލްކަމުގެ އަނދިރީގައި އުޅުމަށްފަހު ހިދާޔަތުގެ އަލިގަދަ ނޫރު ލިބޭ މީހުންނަށެވެ.

Ads by STELCO

އެމެރިކާއަށް އުފަން ޑެއިޒީއަކީ ކުރީގައި ނަޞާރާއެކެވެ. އޭނާއަކީ އެދީނަށް ނުހަނު ލޯބި ކުރި މީހެކެވެ. އެގޮތުން ސިއްރާއި ފާޅުގައި ވެސް އޭނާ ދިޔައީ އެދީނަށް ގޮވާލާ އެދީން މަތިވެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާގެ މި މަސައްކަތް ހުއްޓުނީ ޙައްޤު ދީނުގެ މަގު ފެނިގެންނެވެ. އޭނާގެ މި މަސައްކަތް ނިމިގެން ދިޔައީ އޭނާއާއި އޭނާގެ ދަރީން ވެސް އިސްލާމްދީނަށް ރުޖޫޢަ ވެގެންނެވެ. ﷲއަށް ޙަމްދު ހުއްޓެވެ. މިއީ އޭނާގެ ވާހަކައެވެ.

ޓީޗަރެއް ގޮތުގަ ސައުދީއަށް ކަރިސްޓިއަންދީން ފަތުރަންދިޔަ މިޝަނަރީ އެނބުރި ޤައުމަށް ދިޔައީ މުސްލިމަކަށް ވެގެން!

"އަހަރެންގެ ނަމަކީ ޑެއިޒީ، އަހަރެން އުފަންވީ ނަޞާރާ ދީނަށް، އަހަރެންގެ ދައްތަމެންނަކީ ވެސް ދީނުގެ ޚިދުމަތަށް ހުސްވެ ތިބޭ ބައެއް އަދި ބޮޑުބޭބެ މެންނަކީ ފާދިރީންތަކެއް، އެހެންކަމުން އަހަރެންގެ މުޅި އާއިލާއަކީ ވެސް ނަޞާރާ ދީނުގެ އަޅުކަމާއި ދީން ފެތުރުމުގައި ވަރަށް އިސްކޮށް އުޅުނު ބައެއް ،
އަހަރެން އުފަންވެ އުޅެ ބޮޑުވީ، އިސްލާމްދީނަކީ ވަރަށް ވެސް ހަރުކަށި އަދި ނުފޫޛު ގަދަ ދީނެއް ގޮތުގައި ސިފަކޮށްދީފައިވާ މާހައުލެއްގައި. އަހަންނަށް ކިޔައިދީފައިވާ ގޮތުގައި މުސްލިމުންގެ ހިތްތަކުގައި އީސާގެފާނަށް އެއްވެސް ލޯތްބެއް ނުވޭ. މުސްލިމުންނަކީ ސުލްޙަވެރިކަމަށް ލޯބިކުރާ ބައެއް ނޫން ކަމުގައިވެސް އަހަންނަށްވަނީ ކިޔައިދީފައި،

އަހަރެންގެ ޚިޔާލު ބަދަލު ކޮށްލީ ސައުދީއަރަބިއާ އަށް އެމެރިކަން އެމްބަސީގެ ފަރާތުން ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ދެވުނު ދަތުރުން. އެތަނަށް އަހަރެން ދިޔައީ މުސްލިމުން ކްރިސްޓިއަން ދީނަށް ބަދަލު ކުރުމުގެ ނިޔަތުގައި ، ބައިބްލް އާއި ރޯޒަރީޒް (ކްރިސްޓިއަނުން އަޅުކަން ކުރާއިރު ގެންގުޅޭ ތަސްބީހައެއްފަދަ އެއްޗެއް) ހިފައިގެން ، އެތަކެތި ހިފައިގެން ދާން އުޅުމުން އަހަރެން ހައްޔަރު ކޮށްފާނެ ކަމަށާއި ޢަރަބީން އެހެން ދީންތައް ފެތުރުމަށް ޖާގަ ނުދޭނެ ކަމަށް އަހަރެންގެ ބައެއް ގާތް މީހުން ބުނި

އަހަރެން ފުރި ދުވަހު އެއާޕޯޓުން އަހަރެންގެ ސޫޓްކޭސް (ބައިބަލްތައް އަޅާފައި ހުރި ސޫޓްކޭސް) ހިފެހެއްޓި. ބުނީ އެއީ ބައިބަލްކަން ޔަގީންކުރަން ބެހެއްޓުމަށް އަދި އަނެއް ދުވަހު އެތަކެތި ބަލާ އައުމަށް. އަހަރެން ހީކުރީ ދެން އަހަންނަށް އެތަކެތި ނުވެސް ލިބޭނެކަމަށް. އެކަމަކު ލިބުނު.
ކިޔަވައިދޭން ދިޔަ ކުދިން ކައިރިއަށް ގޮސް އަހަރެން އީސާގެފާނާއި ބެހޭގޮތުން ވާހަކަ ދައްކަން ފެށިން. ބޭނުންވީ އެމީހުންގެ ހިތްތަކުގައި އީސާގެފާނަށް ލޯބި ޖައްސުވާ ކްރިސްޓިއަނިޓީ ޤަބޫލު ކުރުވުން. ނަމަވެސް މުޢުޖިޒާތްތަކުގެ ވާހަކަ ދައްކަން ފެށުމުން ޢީސާގެފާނާއި އެކަލޭގެފާނުގެ މަންމާފުޅާއި ގުޅޭ ގޮތުން ޤުރުއާނުގައި ހުރި ވާހަކަތައް އެކުދިން ކިޔައިދިން. އަހަންނަށް އެކަމާމެދު ފުންކޮށް ވިސްނާލެވުނު

އޭގެ އިތުރުންވެސް އެކުދިން އަހަންނަށް ޢީސާގެފާނާއި ބެހޭގޮތުން ވަރަށް ގިނަ މުޢުޖިޒާތްތައް ކީރިތި ޤުރްއާނުން އަންގައިދިން. އެގޮތުން އެކަލޭގެފާނު މުށިން ދޫންޏެއް ހައްދަވާ އެއަށް ފުމެލެއްވުމުން އެދޫންޏަށް ﷲ ދިރުން ދެއްވި ވާހަކަ ވެސް ކިޔައިދިން. އަހަރެން ވަރަށް ހައިރާންވި. އެއީ އަހަންނަކީ ނަޞާރާއަކަށްވެހުރެ އެކަން ނޭނގުމުން ، ޢީސާ އަލައިހިއްސަލާމްގެ ވާހަކަ ކިޔައިދޭން އަހަރެން ދިޔައީ، އެކަމަކު ބަދަލުގައި މުސްލިމް ކުދިންގެ ފަރާތުން އަހަންނަށް ކަންތައްތަކެއް ދަސްވެގެން ދިޔައީ. އެމެރިކާގައި ތިބި އަހަރެންގެ އާއިލާ މެމްބަރުންގެ ގާތުގައި ވެސް ބުނިން އަހަންނަށް ޗާރޗުގައި ނިދުނީ ކަންނޭނގެއޭ ކުރިން، އީސާގެފާނާއި ބެހޭ ގޮތުން ނޭނގޭ އެތައް ކަމެއް އެނގިއްޖެއޭ

ޢީސާގެފާނާއި ބެހޭގޮތުން އަހަންނަށް ވަރަށް ގިނަ މައުލޫމާތު ކީރިތި ޤުރްއާނުން ލިބުނު . އަދި ރަސޫލާ (ޞޢޥ) އާއި އިސްލާމްދީނާ ބެހޭގޮތުން ވެސް ، ސިކުނޑިއަށް ޤަބޫލު ކުރެވޭ މައުލޫމާތު ލިބުނު . އެނބުރި އާއިލާ ގާތަށް ގޮސް ފާދިރީއާއި ބައްދަލުކޮށް، އެވާހަކަތައް ކިޔައިދިނުމުން އޭނާ އެވާހަކަތައް ޤަބޫލެއް ނުކުރި. އަހަރެން ބުނިން ކީއްވެތޯ ޤަބޫލު ނުކުރަނީ އެހާ ރީތި ވާހަކައެއް.

ދެން އަހަރެން ދިޔައީ އެހެން ފާދިރީންތަކެއް ކައިރިއަށް. ރަސޫލާ މުހައްމަދު (ޞޢޥ) ގެ ވާހަކަ ކިޔައިދޭން ފެށުމުން އެމީހުން ހީކުރީ އަހަރެން ހުރީ މޮޔަވެފަ ކަމަށް. އަހަރެން ހިތްހަމައެއް ނުޖެހުން. ފަހުން އެހެން މޮންކެއް އަހަރެން ކައިރިއަށް އައިސްފަ ބުނީ ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނި ކަމުގައިވިޔަސް ހިތުގައި ޝައްކުތަކެއް ވާނަމަ އެންމެ ރަނގަޅުވާނީ އޭގެ ހަގީގަތް ހޯދައި ހިތްބުނާ ރާސްތާއަކަށް ދިޔުން ކަމަށް އެހިސާބުން އަހަރެން އިސްލާމްދީން އުނގެނެން ފެށީ

އިސްލާމްދީން އުނގެނެން އުޅުމުން އަހަރެންގެ އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ނުރުހުން ލިބުނު. މިނިވަންކޮށް އުޅެވެން އޮތް އިރު އަންހެނުން ދަށުކުރުވާ ބައެއްގެ މައުލޫމާތު ހޯދަން އުޅެނީ ކީއްކުރަންހޭ އެމީހުން އެހި ، އެކަމަކު އަހަންނަށް އެނގުނު ފުރިހަމަ މިނިވަންކަން ލިބުން އޮތީ މުސްލިމަކަށް ވެގެންކަން.އިސްލާމްދީނަކީ އަންހެނުން ދަށް ކުރާ ދީނެއް ނޫން ، އަންހެނަކު މަސައްކަތް ކޮށްގެން ހޯދާ ފައިސާ ވަނީ އެމީހެއްގެ އަމިއްލަ އެއްޗަކަށް. އަދި ފިރިމީހާ މަސައްކަތް ކޮށްގެން ހޯދާ ފައިސާ ވެސް އަނބިމީހާއަށް ލިބުން ޙައްޤުވޭ.

އަހަރެން ފުރަތަމަ ނިންމީ ދެ ދީނަށް ވެސް އޮތް ލޯބި ދަމަހައްޓަން. އީސާގެފާނު ދެކެވާ ލޯތްބާއި މުސްލިމުންގެ ވާހަކަތައް ވެސް ޤަބޫލުކުރަން. އެހެންވެ އަހަރެންގެ ދަރިން ގޮވައިގެން އެއް ދުވަހު ބައިބްލް ކޭމްޕަކަށް ދިޔައިން. އެތަނުގައި ހުރި ކްރިސްޓިއަން އަންހެން ޚިދުމަތްތެރިއެއް އަހަރެން ގާތު އެހި އަދިވެސް މުޙައްމަދު (ޞޢޥ) އާއިމެދު ވިސްނަނީތޯ. އަހަރެން ބުނިން އާނއެކޭ. ބުނީމަ ބުނީ އެހެންވީރު އެދުވަހަކީ އަހަރެން އެހާ ހިތްހަމަ ޖެހޭނެ ދުވަހަކަށް ނުވެދާނެ ކަމަށް. އެއީ އެދުވަހު ކުދިންނަށް ދަސްކޮށްދޭން ހަމަޖެހިފަ ވަނީ އީސާގެފާނަކީ ކަލާނގެ ކަމުގައިކަމަށް . އަހަރެން ބުނިން އެކަން ކޮށްގެން ނުވާނޭ. ކުރާނެ ކަމަށް ބުނުމުން އަހަރެން ދަރިން ގޮވައިގެން އެތަނުން ދިޔައީ. އެއީ އަހަންނަށް އަލިމަގު ފެނުނު ދުވަސް. އީސާގެފާނަކީ މާތްﷲ ގެ ރަސޫލެއް ކަމަށާއި ﷲ އީ އެއްކައުވަންތަ ކަލާނގެ ކަމަށް ޤަބޫލު ކުރެވުނު ދުވަސް.

އެމެރިކާގައި ހުރި މިސްކިތަކަށް އަހަރެން ދަރިން ގޮވައިގެން ޖެހިގެން އައި ހުކުރު ދުވަހު ދިޔައިން. އޭގެފަހުން އައިސީއެން (ނެޕާރވިލް) އަށާއި އޯޕީޕީސީ (އޯލެންޑް ޕާކް) މަސްޖިދަށް ގޮސް ޝަހާދަތުގެ ދެ ކަލިމަ ކިޔާ، އިސްލާމްދީން ހެޔޮ ހިތުން ޤަބޫލުކޮށް މުސްލިމަކަށްވީން. އަދި ނަމާދުކުރަން ވެސް ދަސްކުރިން. އަހަރެންގެ ދަރިންވެސް އަހަންނާއެކު މުސްލިމުން ކަމުގައިވި.

އަހަރެންގެ ކްރިސްޓިއަން އަޚުންނާ އުޚްތުންނަށް ބުނެލަން އޮތީ އަހަންނަށް ޢީސާ އަލައިހިއްސަލާމް ދެކެ ބޮޑަށް ލޯބިވެވުނީ އިސްލާމްދީނުގެ ސަބަބުންނޭ. އިސްލާމްދީނަކީ ތިހީކުރާ ކަހަލަ ނުބައި ދީނެއް ނޫނޭ. ކީރިތި ޤުރްއާން ކިޔަވާ ތެދުމަގު ލިބިގަންނާށޭ. އަދި މިސްކިތްތަކަށް ވެސް ގޮސް ފުރިހަމަ މައުލޫމާތު ހޯދާ ތެދުމަގު ލިބިގަންނާށޭ."

ޑެއިޒީއަކީ މިހާރު ފަސްވަގުތު ނަމާދުކުރާ ފުރިހަމަ މުސްލިމެކެވެ. އަދި އޭނާގެ ދަރީންވެސް ދަނީ އެމަގުގައި ފައިތިލަ ސާބިތު ކުރަމުންނެވެ. ﷲ ، ޑޭޒީއާއި އޭނާގެ ޢާއިލާއަށް ބަރަކާތް ލައްވާ ސާބިތުކަން ދެއްވާށިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!