ދީން

މާތް ﷲ ނަފްރަތު ކުރައްވަވަނީ ކޮން ބައެއްދެކެކަން އެނގޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އަބޫ މުސްއަބް ވަޖްދީ އަޚާރީ، އޭނާގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

Ads by STELCO

"ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. މާތް ﷲ އެކަލާނގެ އަޅެއްދެކެ ނުރުއްސަވައިފިނަމަ، ނުވަތަ ނަފްރަތު ކުރައްވަފައިފިނަމަ، އެކަލާނގެ ޖިބްރީލް (އަލައިހިއްސަލާމް) އަށް ވަޙީ ކުރައްވައެވެ.

'ތިމަން ރަސްކަލާނގެ މިވެނި އަޅެއްދެކެ ނަފްރަތު ކުރައްވަމެވެ. އެހެންކަމުން ކަލޭގެފާނު ވެސް އެއަޅާދެކެ ނަފްރަތު ކުރައްވާށެވެ.'

އެހިނދު ޖިބްރީލް (އަލައިހިއްސަލާމް) އެހެން މަލާއިކަތް ބޭކަލުންނަށް ގޮވާލައްވާނެތެވެ.
'އެވެނި އަޅެއްދެކެ ނަފްރަތު ކުރައްވަވާށެވެ.'

މާތް ﷲ ނަފްރަތު ކުރައްވަވާ އަޅަކަށް މިބިންމަތީގައި ވެސް އެކަމެއް ދައްކަވާނެތެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

ވިސްނަވާށެވެ. ޢާލަމްތައް ޙައްދަވާ ބޮޑު ކުރެއްވި އިލާޙު، އުޑުތަކާއި މިބިން ވެސް ހެއްދެވި އިލާޙު، އަހަރެމެން ދެކެ ނަފްރަތު ކުރައްވަވާނަމަ، އަހަރެމެން މިބިންމަތީގައި އުޅޭނީ ކޮންފަދަ އަކުން ހެއްޔެވެ؟

މާތް ﷲ އަހަރެމެން ދެކެ ނަފްރަތު ކުރައްވަވާނަމަ، ޖިބްރީލްގެފާނު ވެސް ނަފްރަތު ކުރައްވަވައެވެ. ޖިބްރީލްގެފާނާއެކު މަލާއިކަތް ބޭކަލުން ވެސް ނަފްރަތު ކުރައްވަވައެވެ.

މާތް ﷲ ނަފްރަތު ކުރައްވަވަނީ ކޮންބައެއް ދެކެކަން އެނގޭ ހެއްޔެވެ؟

ކިބުރުވެރި އަދި ބޮޑާ މީހެއްނަމަ މާތް ﷲ އެއަޅެއްދެކެ ނަފްރަތު ކުރައްވަވައެވެ. އެހެނީ ބޮޑާވެ ކިބުރުވެރި މީހުންދެކެ މާތް ﷲ ލޯބިވެވޮޑި ނުގަންނަވައެވެ.

އެދެވިގެންވާ އުޛުރަކާނުލާ ގަސްތުގައި ނަމާދު އަޅާ، އުޛުރަކާ ނުލާ ގަސްތުގައި ރަމަޟާން މަހު ރޯދަ ނުހިފާ، އަދި އީމާންކަމުގެ ރުކުންތައް ފުރިހަމައަށް އަދާ ނުކުރާ މީހުން ދެކެ ވެސް އެކަލާނގެ ނަފްރަތު ކުރައްވަވައެވެ.

މާތް ނަބިއްޔާ (ޞޢޥ) ގެ ސުންނަތާއި ޚިލާފުވާ މީހުންދެކެ ވެސް މާތް ﷲ ލޯބިވެވޮޑި ނުގަންނަވައެވެ. މީގެ އިތުރުން ކުށެއް ކުރެވުމުން ޠައުބާ ނުވާ މީހުންނާއި، ތަޤްވާވެރި ނުވާ މީހުންދެކެ ވެސް އެކަލާނގެ ނަފްރަތު ކުރައްވަވައެވެ.

މީގެއިތުރުން އަހަރުމެން އެންމެން ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންވީ ކަމެއް ވެއެވެ. އެއީ ތިމާއަކީ މީހުންނާ އަބަދު ޒުވާބުކޮށް ޖަދަލުކޮށް އުޅޭ މީހަކަށް ނުވުމަށެވެ. މީހުންނާ ޒުވާބުކުރާ މީހުންދެކެ ވެސް މާތް ﷲ ލޯބިވެ ވޮޑިގެން ނުވެއެވެ. އަދި އެފަދަ މީހުން ދެކެ އެކަލާނގެ ނަފްރަތު ކުރައްވަވައެވެ.

ނަމަވެސް މިހުރިހާ ކަމަކުން ވެސް އުފާވެރި ޚަބަރެއްވެއެވެ. އެއީ ކޮން ކަމެއްކަން އެނގޭ ހެއްޔެވެ؟ އެއީ އަހަރެމެން ދުނިޔޭގައި ހުރިހާ ހިނދަކު އަދި ވަގުތު ފާއިތުނުވާ ކަމެވެ. އަހަރެމެން މިބިމަށް ނޭވާލާހާ ހިނދަކު އަހަރެމެންނަށް ވަގުތު ފާއިތެއް ނުވެއެވެ.

މާތް ﷲ މިފަދަ ސިފަތައް ލިބިގެންވާ މީހުންދެކެ ނަފްރަތު ކުރެއްވި ނަމަވެސް، އެކަލާނގެ ޙަޟްރަތަށް ތައުބާ ވެއްޖެނަމަ އެއަޅެއްދެކެ ލޯބިވެ ވޮޑިގެންވެއެވެ. އެހެންކަމުން މިފަދަ ކަންތައްތައް ނުކުރުމަށް އަޒުމް ކަނޑައަޅާ، ތިމާގެ އުޅުން އިސްލާޙުކޮށް، އެކަލާނގެ ޙަޟްރަތަށް ގިނަ ގިނައިން ތައުބާވެ ތަޤްވާވެރިވާށެވެ."

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!