ދުނިޔެ

28 އަހަރު ވަންދެން ދަރިފުޅު ބަންދުކޮށްގެން ގެންގުޅުނުކަމުގެ ތުހުމަތު މަންމައަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސްވިޑެންގެ އުމުރުން 70ގެ އަހަރުތައް ގުނަމުންދާ އަންހެނެއްގެ މައްޗަށް އޭނާގެ ފިރިހެން ދަރިފުޅު 28 އަހަރު ވަންދެން ބަންދު ކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތު އެގައުމުގެ ފުލުހުން ކޮށްފިއެވެ.

Ads by Sosun Fihaara

މި އަންހެން މީހާ ދަރިފުޅު ބަންދުކޮށްގެން ގެންގުޅޭކަން ކަމާ ބެހޭ ފަރާތްތަކަށް އެންގީ އާއިލާގެ މެންބަރަކަށް އެކަން އެނގިގެން އޭނާ ކަމަށާއި މިހާރު ދަރިފުޅުގެ އުމުރުން 41 އަހަރު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޕާރޓްމެންޓެއްގެ ތެރޭގައި ދަރިފުޅު ބަންދުކޮށްގެން ގެންގުޅުމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީގޮތުން ވެސް އަނިޔާތަކެއް ވެފައިވާތީ އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ. ނަމަވެސް އެ އަނިޔާތަކުގެ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށް އެ ގައުމުގެ ފުލުހުން ވިދާޅުވެއެވެ.

މިކަން ، ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރި އާއިލާގެ މެންބަރު ބުނި ގޮތުގައި އޭނާއަށް ބަންދުކޮށްފައިވާ ފިރިހެން މީހާ ފެނުނީ، އެގެއަށް އޭނާ ކުރި ޒިޔާރާތެއްގައެވެ. އެ ދުވަސްވަރު މި އަންހެން މީހާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އެގެއަށް ދިޔައިރު ބޭރު ދޮރު ހުރީ ތަޅު ނުލާ ކަމަށާއި އެތެރެއަށް ވަނުމުން ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެއް ކަމަށެވެ.

އެތަނުގައި ހިރަފުހާއި ކުޑަކަމުދާ ތަކެއްޗާއި އަދި އެހެންވެސް ނަޖިސްތަކެތި ހުރި ކަމަށް އޭނާ އެގައުމުގެ ނޫސްތަކަށް ކިޔައިދީފައިވެއެވެ. ގެއަށް ވަނުމުން ބަދިގެއާ ދިމާލުން އަޑެއް އިވުމުން އޭނާ ބަލާލި ކަމަށާއި އެ ފިރިހެން މީހާ ފެނުނީ އެ ދިމާލުން ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އޭނާ އޮތީ ބިންމަތީގައި އަޅާފައި އޮތް ބެޑް ޝީޓެއްގެ މަތީގައި ކަމަށާއި އޭނާގެ ދަތެއް ވެސް ނެތް ކަމަށާއި ފައިގައި އެތައް ތަނަކުން ފާރުވެފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އަދި އޭނާ ވާހަކަ ދެއްކީ ވެސް ވަރަށް މަޑުން ކަމަށް އޭނާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ފިރިހެން މީހާ ބަންދުކޮށްގެން 28 އަަހަރު ވަނީ ގެންގުޅެފައެވެ. އެހެންކަމަށް ވަނީ ނަމަ އޭނާ ބަންދު ކުރީ އޭނާގެ އުމުރުން 13 އަހަރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ،

މި މައްސަލައިގެ ތަހުގީގު އެގައުމުގެ ފުލުހުން ކުރިއަށް ގެންދަމުން ދާއިރު ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!